ޕިކަޕެއްގައި އުފުލި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ޕިކަޕު ހުއްޓުވާފައިވަނީ ސޯސަން މަގު މެކްސްކޮމް ކޮމްޕިއުޓާސް ކައިރިން މިރޭ 8:30 ހާއިރުއެވެ. ގިނަ އިރުތަކެއް ވަންދެން ފުލުހުން ވަނީ އެ ސަރަހައްދު ވެސް ބަންދުކޮށްފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ އެ ޕިކަޕުގައި ހުރި ފަސް ފޮށިގަނޑު ކަނޑައި އޭގެ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި ބޮޑު 14 ރަބަރު ޕެކެޓު ނަގައިފައެވެ. އަތުލައިގަތް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ވެސް އެނގިފައިވެއެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފައިވާ އިރު، ޕޮލިސް މީޑިއާގެ އޮފިޝަލުން ފޯން ނުނަންގަވާތީ އެކަމުގެ އިތުރު މައުލޫމާތު ވަނީ ލިބޭގޮތް ނުވެފައެވެ.

ފުލުހުން ވަނީ މިމަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވެސް 12.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެ މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ވަނީ މާލޭގެ ގެއަކާއި ހުޅުމާލޭގެ ގެސްޓު ހައުސްއެއްގެ އިތުރުން ލޯންޗެއް ބަލައި ފާސްކޮށްފައެވެ.

ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ނ. ވެލިދޫ / މަރިޔާޒް، މުހައްމަދު އަބްދުއްލަތީފް (30އ) އާއި، އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ (37އ) ގެ އިތުރުން ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ކަވްސަރު އަލަމް (30އ) އެވެ.