ކޮވިޑް19ގެ ހާލަތުގައި ސިފައިން ކުރި މަސައްކަތާއި ރައްޔިތުންނަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ މެޑައްޔެއް ދިނުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ، ސިފައިންނަށް ދޭ ހާއްސަ މެޑަލްގެ ނަމަކީ "އިންސާނީ ހިދުމަތުގެ މެޑެލި-ކޮވިޑް19" ކަމަށާއި އެ މެޑަލް ދިނުމަށް ނިންމެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަމަށެވެ.

ރާއްޖެއިން ކޮވިޑުގެ ފުރަތަމަ ކޭސް ފެނުނު ދުވަހުން ފެށުނު ދުވަހުން ފެށިގެން ސިފައިން ވަނީ ބަލި މީހުން އުފުލުމާއި، ކަރަންޓީނު ފެސިލިޓީތައް ބެލެހެއްޓުމުގެ މަސައްކަތް ކޮށްފައެެވެ. އަދި މާލެ ލޮކްޑައުން ކުރި މުއްދަތުގައި ސިފައިން ވަނީ ގޭގެއަށް ބޭނުންވާ މުދާ ޑެލިވަރީ ކޮށްދިނުމުގެ ބުރަ މަސައްކަތްވެސް ކޮށްފައެވެ.

މީގެ އިތުރުން ސާމްޕަލް ނެގުމާއި ސިއްހީ ހިދުމަތް ދިނުމުގައި ސިފައިންގެ ސިއްހީ ހިދުމަތްތެރިން މުހިންމު ދައުރެއް އަދާކުުރި އިރު، ސާމްޕަލް ކަލެކްޝަން ސެންޓަރުތައް ހެދުމުގެ މަސައްކަތާއި މެޑިކަލް ފެސިލިޓީ ހެދުމުގެ މަސައްކަތުގައި ވެސް ސިފައިންގެ ދައުރު ބޮޑެވެ.

ކޮވިޑުން ދިފާއުވުމަށް ސަރުކާރުން އުފެއްދި ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ހިންގީ ވެސް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ބެއްލެވުމުގެ ދަށުންނެވެ. އެ ސެންޓަރުގައި ވެސް ގިނަ އަދަދެއްގެ ސިފައިން ވަނީ މަސައްކަތްކޮށްފައެވެ.