މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާދީފައިވާ ބިދޭސީ ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ރޭ 9:18 އެހާކަންހާއިރު އެ ހޮސްޕިޓަލުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ޒަހަމްކޮށްލާފައިވަނީ ކޮން ގައުމެއްގެ ކޮން އުމުރެއްގެ މީހެއް ކަމާއި އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފުސީލެއް ފުލުހުން ނުދެއެވެ.
އޮފިޝަލު އިތުރަށް ހަމައެކަނި ވިދާޅުވީ އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ބިދޭސީ މީހާއަށް ލިބިފައިވާ ޒަހަމްތަކާއި އޭނާގެ ހާލު ބެލުމަށް "ވަން" އިން އައިޖީއެމްއެޗް މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، އެކަމުގެ ތަފުސީލެއް ނުލިބެއެވެ.