ސްރީލަންކާ އަދު ތަޖުރިބާކުރަމުން އެދަނީ އެގައުމު އިނގިރޭސީންގެ އަތްދަށުން މިނިވަންވުމަށްފަހު މިހާތަނަށް ކުރިމަތިލާންޖެހުނު އިގްތިސާދީ އެންމެ ދަތި، ތަދު ދުވަސްތަކެވެ. މިކަހަލަ ދުވަސްތަކެއް ކުރިމަތިވެ ރައްޔިތުންނަށް އެކަމުގެ ތުރާލާއި ވޭން އިހުސާސްކުރަން ޖެހުނީމާ ދެން ހުރިހާ ބާވަތެއްގެ މައްސަލަތައްވެސް އުފަންވާނެއެވެ. އިޖުތިމާއީ މައްސަލަތަކާއި ސިޔާސީ މައްސަލަތަކެވެ. އެގޮތުން ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ ސަރުކާރަށް މިވަގުތު ސިޔާސީގޮތުން ލައްކަ ގިނަގުނަ ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. ރައީސްގެ އިސްތިއުފާއަށް ގޮވުމުގެ އަޑުތައް ދަނީ ގަދަވަމުންނެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި މުޒާހަރާތައްވެސް އެއްދުވަހުން އަނެއް ދުވަހަށްދަނީ ވަރުގަދަވަމުން ހޫނުވަމުންނެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީކަމުގައިވާ ޔުނައިޓެޑް ޕީޕަލްސް ފޯސްގެ ފަރާތުން އިންތިޒާމްކޮށްގެން މިހަފުތާގެ އަންގާރަދުވަހުވެސް ވަރަށް ވަރުގަދަ މުޒާހަރާއެއް ވެރިރަށް ކޮޅުނބުގައި ވަނީ ބާއްވައިފައެވެ. ރައީސް ގޮތަބަޔާ ރާޖަޕަކްސާޔަށް އަޑު އިވިވަޑައިގަންނަވާ ހިސާބުގައި އޭނާގެ އޮފީސް ކައިރީގައެވެ. އެތައްހާސް ބަޔަކު އެއްއަޑަކުން ގޮވަމުންދިޔައީ ރާޖަޕަކްސާގެ އިސްތިއުފާއަށެވެ. އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ ވަނީ މުޒާހަރާގެ ބައިވެރިންނާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އޭނާ އިއުލާނު ކުރެއްވިގޮތުން މިއީ ވެރިކަމުން ރާޖަޕަކްސާ ދުރުކުރުމުގެ މަސައްކަތްތަކުގެ ފެށުމެކެވެ. މަސައްކަތް ހުއްޓާލާފައި އެނބުރި ގެޔަށް ވަންނާނީ ސަރުކާރު ބަދަލުކޮށްފައެވެ. ސަޖިތު ޕްރެމަދާސައަކީ ސްރީލަންކާގެ ކުރީގެ ރައީސެއް ކަމުގައިވާ ރާނަސިންހަ ޕްރެމަދާސަގެ ދަރިކަލުންނެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ތަދުމަޑުކަމުގެ އަސްލަކީ މުޅި ދުނިޔެއަށްވެސް ކުރިމަތިވި ކޮވިޑުގެ ވަބާއެވެ. ކޮވިޑުގެ ސަބަބުން އިގްތިސާދީ މަސައްކަތްތައް ހުއްޓި ގައުމަށް އާމްދަނީ ލިބުމުގެ ދޮރުދޮރު ވަނީ ބަންދުވެފައެވެ. އެހެންވީމާ ފާއިތުވި ދެއަހަރުގެ ތެރޭގައި އިގްތިސާދީ ގޮތުން ސްރީލަންކާ ވަނީ އިނދަޖެހިފައެވެ. ކޮވިޑުގެ ސަބަބުން ދުނިޔޭގައި މިފެންވަރަށް ގައުމެއް އިނދަޖެހުމުގެ މިސާލަކީވެސް ސްރީލަންކާއެވެ. ދުނިޔޭގެ އެހެންބަޔަކަށް ކުރިމަތިނުވާހާ ބޮޑު ތާށިކަމެއް، އަދި އަވަށްޓެރި ގައުމުތަކުންވެސް ނުފެންނަ ޒާތުގެ ތަދުމަޑުކަމެއް ސްރީލަންކާއަށް ކުރިމަތިވުމުގެ ސިއްރަކީ ކޮބައިބާވައެވެ. މިކަން ސިޔާސީ ކަމަކަށް ވަނީ މިސުވާލުގެ ޖަވާބުންނެވެ. ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ ސަރުކާރަށް ކޮވިޑުގެ ތެރޭގައި ގައުމުގެ އިގްތިސާދު އިންތިޒާމުކޮށް ރާވައިލަން ނޭނގުނީއެވެ.

ކޮވިޑުގެ އާލަމީ ވަބާޔަކީ ތިމަންނާމެންގެ އިހުމާލެއް ނޫނޭ ސަރުކާރުން ބުނެއެވެ. ފަތުރުވެރިން ނައިސް ހޮޓާތަކާއި ރިސޯޓުތައް ފަޅުވީ ތިމަންނާމެންގެ ސަބަބަކުން ނޫނޭވެސް ބުނެއެވެ. ސައިފަތާއި ދެންވެސް ސްރީލަންކާއިން އެކްސްޕޯޓް ކުރަންޏާ ކުރާހައި މުދަލެއް ގައުމުން ބޭރުނުކުރެވި ވިޔަފާރި ހުއްޓުނީ އެޔަށް އޮތް ޑިމާންޑު ދަށްވެގެންނޭ ތިމަންނާމެންގެ ކުށަކުން ނޫނޭވެސް އެބަބުނެއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ގައުމުގެ ބޭރުފައިސާގެ ރިޒާރވް، ތެލާއި ގޭސްފަދަ ތަކެތި އެތެރެކުރަން ހަދައިގެން ހުސްވެގެން ދިޔައީ ތިމަންނާމެންގެ ސަބަބަކުން ނޫނޭ އެބަބުނެއެވެ. ތެދެކެވެ. ކޮވިޑު އައީ ރައީސް ރާޖަޕަކްސާގެ ސަރުކާރުގެ އިހުމާލަކުން ނޫނެވެ. އެކަމަކު ކޮވިޑާއި ގުޅިގެން ކަންކަން ބޮއްސުންލައިގެން ދިއުމަށް މަގުފަހިވީ ސަރުކާރުގެ ބައެއް ސިޔާސަތުތައް ބައްޓަން ކުރެވިފައި ހުރިގޮތުންނެވެ.

އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ ވިދާޅުވަނީ އެވާހަކަފުޅެވެ. ރައްޔިތުންނާއި ޕްރެމަދާސަ ކުރައްވަނީ އެންމެ ސުވާލެކެވެ. އޭނާ ވިދާޅުވެއެވެ. ރައްޔިތުން ވޭނާއި ތުރާތައް ދެއަހަރުވަންދެން ތަހައްމަލްކޮށްފިއެވެ. އިތުރަށް މިކަންކަން ތަހައްމަލްކުރަން ތައްޔާރު ހެއްޔެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނާކަމަށް ފެންނަނީ މިހެންނެވެ. ނޫނެކެވެ. ދެން އިންތިޒާރެއް ނުކުރެވޭނެއެވެ. ގައުމުގެ ކަންކަން ގޯސްމަގުން ގެންދާ މަންޒަރު ބަލާކަށް ދެން ނުތިބެވޭނެއެވެ. ގައުމަށް ކުރިމަތިވެފައިވާ ތަދުމަޑުކަމުގެ ސަބަބުތައް ގުޅިފައިވަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއެވެ. އެހެންވީމާ ބޭނުންވަނީ އައު ސަރުކާރެކެވެ. އައު ސިޔާސަތުތަކެކެވެ. އިގްތިސާދީގޮތުން ގައުމު ނަގައި ކޮޅަށް ޖެހޭނީ މިސަރުކާރު ބަދަލުކޮށްގެންނެވެ. އެކަމަށްޓަކައި މަގުތަކަށް ނުކުތީއެވެ.

ދެން އެނބުރި ގެޔަށް ވަންނާނީ ސަރުކާރު ބަދަލުކުރެވުނު އިރަކުން ކަމަށް ގިނަ ބަޔަކު އެބަބުނެއެވެ. ގައުމަށް ރަނގަޅުގޮތް ހޯދައިދެވުނު އިރަކުންނޭވެސް އެބަބުނެއެވެ. އެހެންވީމާ ހަގީގަތުގައިވެސް މިއީ ރަޖަޕަކްސަގެ ސަރުކާރަށް ވަރަށް ނާޒުކް ދަނޑިވަޅެކެވެ. ބިރުވެރި ދަނޑިވަޅެކެވެ. އެގޮތުން ސްރީލަންކާއަށް ދިމާވެފައިވާ ތަދުމަޑުކަމުން އަރައިގަތުމަށް ވަރަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅަން ސަރުކާރަށް މަޖުބޫރެވެ. މީގެތެރެއިން ބައެއް ފިޔަވަޅުތައް ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ ސަރުކާރުން މިހާރުވެސް ވަނީ އަޅައިފައެވެ. އެކަމަކު މިއިން ކޮންމެ ފިޔަވަޅަކީވެސް ރައްޔިތުންނަށް އިތުރު ތުރާތަކެއް ކުރިމަތިކުރުވާ ފިޔަވަޅުތަކެކެވެ. އޭގެތެރޭގައި ބޭރުފައިސާ ހިފެހެއްޓުމުގެ ގޮތުން ބައެއް ކަހަލަ ތަކެތި އެތެރެކުރުން މަނާކުރުން ހިމެނެއެވެ.

ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން ދަތުރުފަތުރުގެ ވަސީލަތްތައް ވަނީ ހަނިކުރެވިފައެވެ. ކަރަންޓު ކެނޑުން ވަނީ ގިނަކޮށްފައެވެ. މިކަންކަމަކީ މިވަގުތު ކޮންމެ ސަރުކާރެއް އޮތަސް ކުރާނޭ އަދި ކުރަން މަޖުބޫރުވާނޭ ކަންކަމެވެ. ސަރުކާރު ބަދަލުކުރިޔަސް، އައު ރައީސަކު ގެނަޔަސް މިއީ ވަގުތުން ވަގުތަށް ހައްލުކުރެވޭން ހުރި މައްސަލަތަކެއް ނޫނެވެ. މިއީ ޖާދޫގެ ރަންބަނޑިޔަލަކުން ވަގުތުން ވަގުތަށް ކުރެވޭން ހުރި ކަންކަމެއް ނޫނެވެ. މިކަމަށް ވަގުތު ބޭނުންވާނެއެވެ. އެހެންނަމަވެސް ރުޅިގަދަވެފައި ތިބި ރައްޔިތުން މިވަގުތު އަޑުއަހާ ކަމަށް ފެންނަނީ ސަޖިތު ޕްރެމަދާސާގެ ވާހަކަފުޅެވެ. އޭނާ ވިދާޅުވަނީ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވީމާ ދެން ކަންކަން އިސާހިތަކު ހަމަމަގަށް އެޅިދާނެކަމުގައެވެ.