އުރީދޫ މަސްރޭހުގެ 11 ވަނަ ސީޒަންގައި ބައިވެރިވުމުގެ ފުރުސަތު މިއަދު، އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

މި އިވެންޓުގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

އުރީދޫ މަސްރޭހަކީ ކޮންމެ އަހަރެއްގެ ރޯދަ މަހު އުރީދޫ މޯލްޑިވްސްއިން ބާއްވާ މަސްބޭނުމުގެ މުބާރާތެކެވެ. މި މަސްބޭނުމުގެ މުބާރާތަށް ވަނީ ބޮޑު ތަރުހީބެއް ލިބި ދިވެހިންގެ ރޯދަމަހުގެ ބަޔަކަށްވެފައެވެ. ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާއެކު ޓީމް ހަދައިގެން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކުރެވޭނެ ކަމަކަށްވެފައެވެ. މުޅި ރޯދަމަހަށް ބަހާލެވިގެން ކުރިއަށްގެންދާ މި މުބާރާތަކީ އާއްމުކޮށް ފަރުމަސް ބާނާ މުބާރާތެކެވެ.

"ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މަސްރޭސްގެ 11 ވަނަ ސީޒަން އަޅުގަނޑުމެން މި އިއުލާން ކުރީ ނުހަނު އުފަލާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މަސްބޭނުމަށް ޝައުގުވެރިވާ ފަރާތްތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގުސަދުގައި. މަސްރޭހުގައި ބައިވެރިވުމަށް އަބަދުވެސް އަޅުގަނޑުމެންނަށް ރިކުއެސްޓް ލިބޭ. އެހެންކަމުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ރައްކާތެރި މާހައުލެއްގައި އުރީދޫ މަސްރޭސް 2022 ބޭއްވޭކަމީ އަޅުގަނޑުމެން ވަރަށް އުފާކުރާކަމެއް،" އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވިއެވެ.

  • އެއްވަނަ ހޯދާ ޓީމަށް 50،000 (ފަންސާސް ހާސް) ރުފިޔާ
  • އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް 5000 (ފަސް ހާސް) ރުފިޔާ އާއި ރަންކޯރި
  • އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 (ފަސް ހާސް) ރުފިޔާ

އުރީދޫ މަސްރޭސް، ރޯދަ މަހުގެ ފަހުދިހައިގެ ދުވަސްތައް ފިޔަވައި، ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ވަނީ ހަމަޖައްސައިފައެވެ. ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފަވަނީ 1 މެއި 2022 ގައެވެ. މަސްރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫން ދައުވަތު އަރުވައެވެ.

ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް ކުންފުނިތަކުން އަދި އާންމު ރައްޔިތުންވެސް ޓީމުތައް އުފައްދައިގެން މަސްރޭހުގެ މި ފޯރިގަދަ ސީޒަންގައި ބައިވެރިވުމަށް އުރީދޫން ދައުވަތު އަރުވައެވެ. މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 23ގެ ކުރިން އުރީދޫ މޯލްޑިވްސް ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާވާން ޖެހެއެވެ.