މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔަކަށް ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ފޯވަޑް ހަމްޒާ މުހައްމަދު (ހަމްޕު) އަދި އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔަކަށް ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ގޯލްކީޕަރު ފާތިމަތު ލީޒާ ހޮވިއްޖެއެވެ.
ގައުމީ ކުޅިވަރުތަކާއި ކުޅިވަރާ ގުޅުން ހުރި ދާއިރާތަކުން އެކިއެކި ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ޔޫތު މިނިސްޓްރީން އިސް ނަގައިގެން ދުވާ ޓްރެކްގައި މިރޭ ކުރިއަށްގެންދާ ހާއްސަ ކުޅިވަރު އެވޯޑު ހަފުލާގައި އެންމެ މޮޅު ފިރިހެން އަދި އަންހެން ފުޓުބޯޅަ ކުޅުންތެރިޔާއަށް ދޭ އެވޯޑު ހަމްޕު އާއި ލީޒާއާ ހަވާލުކޮށްދިނީ ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސްއެވެ.
އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔަކަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވަޑް ހަމްޕުއާ ވާދަކޮށްފައިވަނީ ކްލަބު ވެލެންސިއާގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ) އާއި މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓޭ) އެވެ. އެ ތިން ކުޅުންތެރިންނަކީ ވެސް ގައުމީ ޓީމުގެ މުހިންމު ތިން ކުޅުންތެރިންނެވެ.
ޒުވާން ގައުމީ ޓީމަށް ކުޅުމަށްފަހު ހަމްޕު, ސީނިއާ ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރުއެވެ. މިދިިޔަ އަހަރު ހަމްޕު އެންމެ ފާހަގަކޮށްލެވުނީ ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައެވެ. އެ މުބާރާތުގައި ރާއްޖެއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ ވެސް ހަމްޕުއެވެ. އެ މުބާރާތުގައި ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ހަމްޕު ޖެހި އޯވަހެޑް ގޯލަކީ މުބާރާތުގެ އެންމެ ހިތްގައިމު ގޯލެވެ.
ބ. އޭދަފުއްޓަށް އުފަން, އުމުރުން 27 އަހަރުގެ ހަމްޕުގެ ފުޓުބޯޅަ ކެރިޔަރު ފެށީ 2014 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ. އެ ކްލަބުގައި ވިދާލުމަށްފަހު އޭނާ މާޒިޔާއާ ގުޅުނީ 2019 ވަނަ އަހަރުއެވެ. މާޒިޔާގެ ކާމިޔާބީގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކުޅުންތެރިޔަކީ ވެސް އޭނާއެވެ.
އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔަކަށް ހޮވުނު ކީޕަރު ލީޒާ، ގައުމީ ޓީމަށް ކުޅެމުންދާތާ މިހާރު 11 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެ މަގާމަށް އޭނާއާ ވާދަކޮށްފައިވަނީ ފާތިމަތު ޝާލިޔާ އާއި މަރިޔަމް ރިފާއެވެ. އެ ދެ ކުޅުންތެރިންނަކީ ލީޒާއާއެކު ގިނަ ދުވަސްތަކެއް ވަންދެން ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް ކުޅޭ، ޓީމުގެ މުހިންމު ދެ ކުޅުންތެރިންނެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް