މާލެއަށް ރޭ އެރި ވެލާ އެޅި ބިސްތައް ފީ ކުރަން ފޯސީޒަންސް ރިސޯޓް މޯލްޑިވްސް ކުޑަހުރާއަށް ގެންގޮސްފިއެވެ.
ސިނަމާލޭ ބުރިޖު ކައިރީ އޮންނަ ވެލިގަނޑަށް އެ ވެލާ އެރީ އިއްޔެ އިރުއޮއްސުނު ފަހުންނެވެ. އަދި ރޭ މެންދަމުގެ ވަގުތެއްގައި ވެލާ ބިސް އެޅުމަށްފަހު ވަނީ ފައިބައިގެންގޮސްފައެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނަރަލް އިބްރާހީމް ނައީމް "ވަން" އަށް މިއަދު ވިދާޅުވީ ރޭ އެރި ވެލާ ޖުމުލަ 96 ބިސް އަޅާފައިވާ ކަމަށާއި އެ ބިސްތައް ނެގީ އެ ނޫން އިތުރު ގޮތެއް ނެތުމުން ކަމަށެވެ. އެގޮތުން އެތަނަކީ ރާޅު އަރާ ސަރަހައްދު ކަމަށްވެފައި ބިސް ފީވުމުގެ ފުރުސަތު ކުޑަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނައީމް ވިދާޅުވި ގޮތުގައި، ބިސްތައް ފީކުރާނީ ކުޑަހުރާގައި ހުންނަ ވެލާ ސެންޓަރުގައެވެ. އަދި އެކަންކުރާ ގޮތް ބައްލަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުޑަހުރާގައި ހުންނަ ވެލާ ސެންޓަރުގައި ބިސް ފީކުރާ ހާއްސަ ހެޗަރީއެއްވެސް ހުރެއެވެ. އެތަނުގައި އުފަންވާ ވެލާތައް ވަކި ވަރަކަށް ބޮޑު ކުރުމަށްފަހު މޫދަށް ދޫކުރުމަކީ އެ ރިސޯޓުން ހިންގާ ޕްރޮގްރާމެކެވެ. އޭގެ އިތުރުން އަނިޔާވެގެން އެ ސެންޓަރަށް ގެންދާ ވެލާތަކަށް ފަރުވާދީ، ރިހެބިލިޓޭޓްކޮށް އަނބުރާ ކަނޑަށް ދޫކުރެއެވެ.