އިންޑިޔާގެ އެންމެ ބައިބޯ ސްޓޭޓް ކަމަށްވާ އުއްތަރު ޕްރަދޭޝްގައި ބޭއްވުނު ސަރަހައްދީ އިންތިޚާބު އަނެއްކާވެސް އައު ދައުރަކަށް ބީޖީޕީން ވަނީ ކާމިޔާބުކޮށްފައެވެ. މި އިންތިޚާބު ބޭއްވުނީ ބުރުގާގެ މައްސަލަޔާއި އެނޫންވެސް މައްސަލަތަކުގައި ހަމަސީދާ މުސްލިމުންނާ ދެކޮޅު ސިޔާސަތެއް ގެންގުޅެންފަށައި މުޅި އިންޑިޔާގެ ކަންކޮޅުތަކުގައި ހައިޖާނު އުފެދި ބީޖޭޕީގެ ސިޔާސަތު ރައްޔިތުން ބަލައިގަނޭތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން ގައުމުގެ އާއްމު އިންތިޚާބުގެ ކުރިން އުއްތަރު ޕްރަދޭޝްގެ ސަރަހައްދީ އިންތިޚާބު ވެގެންދިޔައީ ބީޖޭޕީއަށް ކުރިމަތިލާންޖެހުނު އިމްތިހާނެއްކަމުގައެވެ. މި އިމްތިހާނުން ބީޖޭޕީ ވަނީ ފާސްވެފައެވެ. ގިނަބަޔަކު ބީޖޭޕީއަށް އާނއެކޭ ބުނުމުގެ ސިއްރަކީ ކޮބައިބާވައެވެ. މި އިންތިޚާބު ބީޖޭޕީއަށް ކާމިޔާބުވުމުގައި ފާހަގަކުރެވޭ މައިގަޑު ފަސް ސަބަބެއް އެބައޮތެވެ.

އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތަކުގައި ބީޖޭޕީގެ ސަރަހައްދީ ސަރުކާރަށް ދޭސީ އަދި ބިދޭސީ ޖަމިއްޔާ ޖަމާއަތްތަކުން ފާޑުކިޔުންތައް އަމާޒުކުރިޔަސް މުޖުރިމުންގެ ބޮޑެތި ގޭންގުތައް މައިތިރިކޮށް ހުއްޓުވުމާއި ގޭންގު ކުށްތައް ހުއްޓުވައި ގޭންގްސްޓާރުންގެ ބާރު ކަނޑުވައިލުމުގައި އުއްތަރު ޕްރަދޭޝްގެ ސަރަހައްދީ ސަރުކާރުންވަނީ ފާއިތުވި ފަސް އަހަރު ހިސާބެއްގެ ކުރިއެރުންތަކެއް ހޯދައިފައެވެ. މުޅި ސްޓޭޓުގައިވެސް މީހުން މެރުމާއި މީހުން ވަގަށް ނެގުމާއި ރޭޕުކުރުންފަދަ ކުށްތައް ކުރީގެ ދައުރުތަކަށް ނިސްބަތްކުރާއިރު ވަރަށް ބޮޑަށް ދަށްކުރެވިފައިވާ ކަމަށް ސްޓޭޓްގެ ޗީފް މިނިސްޓަރު އަދީތިޔާނާތާއި ދާޚިލީ ވަޒީރު އަމީތު ޝާހު ވަނީ ވިދާޅުވެފައެވެ. އަދި ސަރަހައްދީ އިންތިޚާބުގެ ކެމްޕޭނުގައި މި ނުގުތާޔަށް އެބޭފުޅުން ވަރަށް ބޮޑަށް އަލިއަޅުވަމުން ގެންދެވިއެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ދިމާވި އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް އުއްތަރު ޕްރަދޭޝްގެ ސަރަހައްދީ ސަރުކާރާއި އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި އޮންނަ މަރުކަޒީ ސަރުކާރުންވެސް ވަނީ ވެލްފެއަރގެ ވަރަށް ގިނަ ސްކީމުތައް ތައާރަފުކޮށްފައެވެ. މިއީ ވަޒީފާ ގެއްލުނު މީހުންގެ އާއިލާތަކާއި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި މަރުވި މީހުންގެ އާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދިޔަ ސްކީމުތަކެކެވެ. އެހެންވީމާ މިފަހަރުގެ ވޯޓު ބީޖޭޕީގެ ފަރާތަށް އަނބުރައިލުމުގައި އެންމެ މުހިއްމު ދައުރެެއް އަދާކުރި އެއްކަމެއްގެ ގޮތުގައި ގިނަ ބަޔަކު މިކަންކަން ފާހަގަކުރެއެވެ. ބީޖޭޕީގެ ސަރުކާރުން ވަނީ ދަނޑުވެރިންގެ އެކައުންޓްތަކަށް އެހީގެ ގޮތުގައި ވަރަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްދީފައެވެ. އުއްތަރު ޕްރަދޭޝްގައި ދަނޑުވެރިންގެ ނުފޫޒަކީ ވަރަށްވެސް ބޮޑު ނުފޫޒެކެވެ.

އުއްތަރު ޕްރަދޭޝްއަކީ ހިންދޫންނަށް ވަރަށްވެސް ތަނަވަސް އަޣުލަބިއްޔަތެެއް އޮންނަ ސްޓޭޓެކެވެ. ހިންދޫންގެ ހަރުކަށި ވިސްނުން އެންމެ ބޮޑު އެއް ސްޓޭޓަކީވެސް އުއްތަރު ޕްރަދޭޝްއެވެ. އެހެންވީމާ ހިންދޫންނަށް އިސްކަންދިނުމާއި މުސްލިމުންނާ ދެކޮޅުވެރިވުމުގެ ސިޔާސަތު ހިންގަމުން ދިޔައީ ހަމަ ފާޅުގައެވެ. ކަންބޮޑުވުމެއް ޖެހިލުމެއް ނެތިއެވެ. އާބާދީގެ 80 އިންސައްތަޔާއި 20 އިންސައްތައިގެ ތަފާތާއި އަލީޔާއި ބަޖުރަންގްބަލީގެ ތަފާތު ދެއްކުމޭ ބުނެ ހިންގަމުންދިޔަ ކަންކަން ހިންދޫން ބަލައިގަތީ ދެން މިވަރުގެ އެހެން އުފަލެއްނެތޭ ނުވެސް ލިބޭނެޔޭ ގަބޫލުކުރާ ބީދަޔަކުންނެވެ. ބީޖޭޕީއަކަށް މުސްލިމުން ވޯޓެއް ނުދެއެވެ. ނުވެސްދޭނެއެވެ. އެހެންނަމަވެސް އެއްކަލަ 80 އިންސައްތަޔާއި 20 އިންސައްތައިގެ ތަފާތު ދެއްކުމަށް ހިންދޫން ކެތްމަދުވެފައި ތިބީމާ އޭގެ ފައިދާ ކިތަންމެހާވެސް ބޮޑަކަށް ބީޖޭޕީއަށް ލިބުނެވެ.

ކޮވިޑުގެ ސަބަބުން ރަށްރަށް ބަންދުވެ އެންމެހައި ހަރަކާތްތައް ހުއްޓުމަކަށް އައިއިރުވެސް ބީޖޭޕީން ގެންދިޔައީ ހުއްޓާނުލައި ކެމްޕޭނު ހިންގަމުންނެވެ. ދޮރުން ދޮރަށް ހިނގައި މީސްތަކުންނާ ބައްދަލުކުރަމުންނެވެ. އިދިކޮޅު ޕާޓީތަކުގެ ކެމްޕޭނު ފެށުނުއިރު ބީޖޭޕީން އޮތީ މުޅި ސްޓޭޓް ކަވަރުކޮށް ނިންމައިފައެވެ. ބީޖޭޕީގެ ލީޑަރުން ގެންދެވީ އެކި ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވައި އެކި މަޝްރޫއުތައް އިފުތިތާހުކޮށްދެއްވައި އެކި ކަންކަމުގެ ބިންގާ އަޅުއްވައި ދެއްވަމުންނެވެ. މަރުކަޒީ ވެރިކަންވެސް އަދި ސަރަހައްދީ ވެރިކަންވެސް ބީޖޭޕީއަށް އޮތީމާ މިކަންކަމަކީ ވަރަށްވެސް ފަސޭހައިން އެމީހުންނަށް ކުރެވޭން ހުރި ކަންކަމެވެ. މިކަންކަން ކުރުމަށްޓަކައި ނުފުރޮޅާކަށް އެންމެ ގާކޮޅެއްވެސް ނުބާއްވައެވެ. ނުދައްކާކަށް ހުތުރުވެގެން ވާހަކައެއް ނެތެވެ.

އިދިކޮޅު ޕާޓީތަކަށް އެއްގަލަކަށް ނޭރުމާއި ބައިބައިވުންތައް އުފެދުމާއި އެންމެން ގުޅިގެން އެއްވާނެއްގައި ބީޖޭޕީއާ ކުރިމަތި ނުލެވުމަކީ ވެސް ބީޖޭޕީއަށް ކުރިލިބުމުގެ މައިގަނޑު އެއް ސަބަބެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީކަމަށްވާ ސަމަޖުވާދީ ޕާޓީއަށް މީގެ ފަސް އަހަރު ކުރިން ލިބުނު ގޮނޑިތަކުގެ ދެގުނަ މިފަހަރު ހޯދިޔަސް މައިގަނޑު ގޮތެއްގައި ބީޖޭޕީން ކޮންޓްރޯލްކުރި ގޮނޑިތަކަށް ބާރެއް ނުފޯރުވުނެވެ. ސަމަޖްވާދީ ޕާޓީއަށް އިތުރުވި ގޮނޑިތަކަކީ ކުރީއްސުރެ އިދިކޮޅު އެހެން ޕާޓީތަކުން ކޮންޓްރޯލް ކުރި ގޮނޑިތަކެކެވެ. ރަހޫލް ގާނދީގެ ކޮންގްރެސް ޕާޓީއަށް ގިނަ ބަޔަކު ހީކުރިގޮތާ ޚިލާފަށް އެއްވެސް ކަމެއް މިފަހަރު ނުކުރެވުނެވެ. ޖުމްލަ ގޮތެއްގައި ކޮންގްރެސް ޕާޓީގެ ސަޕޯޓް މިފަހަރު ފެނުނީ ކުރިޔަށްވުރެވެސް ކުޑަވެގެން ހީނަރުވެގެންދިޔަ މަންޒަރެވެ.