ދެން އަންނަ ދައުރަކަށް އދ. ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެނަކު އައްޔަންކުރުމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އާއްމު މަޖިލީހުގެ ރައީސް ޝާހިދު މިކަމަށް ގޮވައިލެއްވީ، އދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 66 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، އދ.ގެ 76 އަހަރުވީ ތާރީހުގައި އާާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވީ ހަތަރު އަންހެނުން ކަމަށާއި ސެކްރެޓަރީ ޖެނެރަލްކަން އެއްވެސް އަންހެނަކު ކޮށްފައި ނުވާ ކަމަށެވެ. އަދި މިކަމަކީ ބަދަލުކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި އަންހެނުން ބާރުވެރިކުރުމުގެ "ގޯލްޑް ސްޓޭންޑަޑް" ކަނޑައެޅުމުގެ ވާހަކަ އދ. އިން ދައްކާ އިރު، އެކަމުގެ މިސާލު އދ. ގައި ނުދައްކައި ނުތިބެވޭނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދެން އަންނަ ދައުރަކަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެނަކު ހޮވުމަށް ބާރު އަޅުއްވާނެ ކަމަށާއި އެކަމުގައި އދ،ގެ މެމްބަރު ގައުމުތަކުން އެމަނިކުފާނާ ބައިވެރިވުމަށް އެދިލައްވާ ކަމަށެވެ. މިނިސްޓަރު ޝާހިދުގެ މި ގޮވައިލެއްވުމަށް މެންބަރު ގައުމުތަކުން ވަނީ ހޫނު ތަރުހީބެއް ދީފައެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވީ ޕޯޗުގަލްގެ ކުރީގެ ބޮޑުވަޒީރު އެންޓޯނިއޯ ގުޓަރޭސްއެވެ. މިދިޔަ އަހަރުގެ ޖޫން މަހު އޭނާ ވަނީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފައެވެ. މިދިޔަ އަހަރުގެ އިންތިހާބުގައި އެ މަގާމަށް ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓަކީ ވެސް ގުޓަރޭސްއެވެ. އދ. ގެ ސެކިއުރިޓީ ކައުންސިލުގެ ރުހުމާއެކު ވޯޓަކާ ނުލައި, މިދިޔަ އަހަރުގެ ޖޫން 18 ގައި އދ. ގެ އާއްމު މަޖިލީހުން ވަނީ އޭނާއަށް އިތުރު ދައުރެއް ދިނުމަށް ރުހުން ދީފައެވެ. އޭނާގެ ދެވަނަ ދައުރު ނިމުމަކަށް އަންނާނީ 2026 ގައެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ގުޓަރޭސް ފުރަތަމަ ދައުރަކަށް ވާދަކުރެއްވި އިރު, ސެކްރަޓަރީ ޖެނެރަލްގެ މަގާމަށް އަންހެން ދެ ކެންޑިޑޭޓަކު ވާދަކުރެއްވިއެވެ. އެއީ ޔުނެސްކޯގެ ކުރީގެ ޑިރެކްޓާ ޖެނެރަލް އަދި ބަލްގޭރިއާގެ ކުރީގެ ހާރިޖީ ވަޒީރު އައިރީނާ ބޮކޯވާ އާއި ނިއުޒީލެންޑްގެ ކުރީގެ ބޮޑުވަޒީރު ހެލެން ކްލާކެވެ.