މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ނެދަލޭންޑްސްގެ ލެޖެންޑް އެޑްގާ ޑާވިޑްސް ބައިވެރިވާނެ

މި މަހު 17 ވަނަ ދުވަހު މާލޭގައި ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފުލާއަށް ނެދަލޭންޑްސްގެ ފުޓުބޯޅަ ލެޖެންޑް އެޑްގާ ޑާވިޑްސް ރާއްޖެ އަންނާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިއުލާންކުރައްވައިފިއެވެ.

ގައުމީ ކުޅިވަރުތަކާއި، ކުޅިވަރާ ގުޅުން ހުރި ދާއިރާތަކުން އެކިއެކި ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ޔޫތު މިނިސްޓްރީން އިސް ނަގައިގެން ބާއްވަން ނިންމާފައިވާ ހާއްސަ ކުޅިވަރު އެވޯޑު ހަފުލާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ވެގެން ދާނީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު އިވެންޓަށެވެ. އިވެންޓަށް ރާއްޖެއިން ބޭރުން، އެކިއެކި ކުޅިވަރުތަކުގެ ލެޖެންޑުންނާއި ކުޅިވަރުގައި ފާހަގަކޮށްލެވޭ ނުފޫޒު ގަދަ ފަރާތްތައް ރާއްޖެ ގެންނަން ނިންމާފައިވެއެވެ.

ރިޓަޔާޑު ފުޓުބޯޅަ ކުޅުންތެރިޔާ ޑާވިޑްސް، 47، ރާއްޖެ އަންނާނެ ކަމަށް މަހުލޫފް އިއުލާން ކުރެއްވީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. ޑާވިޑްސްއަކީ 1990 ގެ އަހަރުތަކުގައި ފެނުނު އެންމެ ކުޅަދާނެ އެއް ޑިފެންސިވް މިޑްފީލްޑަރެވެ. އަޔެކްސްއާއި ޔުވެންޓްސްގެ އިތުރުން ބާސެލޯނާއާއި އިންޓަ މިލާން އަދި ޓޮޓެންހަމްއަށްވެސް ޑާވިޑްސް ކުޅެފައިވާ އިރު، އޭނާ ވަނީ އަޔެކްސްއާ އެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

އޭގެ އިތުރުން ޑާވިޑްސް ވަނީ ޔުވެންޓަސްއާއެކު ތިން ފަހަރަށް އިޓަލީ ލީގު ހޯދައި، 1998 ވަނަ އަހަރު ނެދަލޭންޑްސްއާއެކު ވޯލްޑް ކަޕްގެ ސެމީއަށް ދަތުރުކޮށްފައެވެ. އެ ވޯލްޑް ކަޕްގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ޑްރީމް ޓީމުގައި ޑާވިޑްސް ހިމެނުނެވެ.

ޑާވިޑްސްގެ އިތުރުން މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯއާއި، ސްރީ ލަންކާގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާ، ސްރީ ލަންކާގެ ކުރީގެ ނެޓްބޯޅަ ކުޅުންތެރިޔާ ތަރްޖިނީ، ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަން އޮސްޓްރިއާގެ އަލްބިން އޮސްކަން، ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، އިނގިރޭސިވިލާތަށް އުފަން، ކްރޮއޭޝިއާގެ ޓީޓީ ލެޖެންޑް ޒޯރާން ޕްރިމޯރަކް، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ އަދި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް އެވޯޑަށް ރާއްޖެ ގެންނާނެއެވެ.

އޭގެ ތެރެއިން ބައެއް ފަރާތްތަކުން މާދަމާ ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުންވެސް އެވޯޑް ހަފުލާގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީ ލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމާލް ރާޖަޕަކްސަ އާއި ބަންގުލަދޭޝްގެ ކުޅިވަރު މިނިސްޓަރު ޒާހިދު އަހުސަން ރަސަލް އާއި ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ އަދި އިންޑިއާގެ ކުޅިވަރާ ބެހޭ ވަޒީރު އަނޫރާގު ތާކުރް ރާއްޖެ ވަޑައިގަންނަވާނެއެވެ.