ޚަބަރު

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުން އަންނަ މަހުގެ އެކެއްގައި

މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ބެލުމާއި ހަނދު ސާބިތުކުރަން ހެކިބަސް ދިނުން އަންނަ މަހުގެ އެއްވަނަ ދުވަހު ބާއްވާ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.

ޑީޖޭއޭ އިން މިއަދު ބުނީ، މާލޭގައި ރޯދަ މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރަން ހަމަޖައްސާފައިވަނީ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ކަމަށާއި އަތޮޅުތަކުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިމަތީގައި ކަމަށެވެ.

ހެކިބަސް ދޭ ވަގުތު އެ ރަށެއްގައި މެޖިސްޓްރޭޓަކު ނެތްނަމަ ރަށު ކައުންސިލުގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިމަތީގައި ހެކިބަސް ދޭން ޖެހޭނެ ކަމަށެވެ. އަދި ހެކިބަސް ދޭ މީހާ ހެކިބަސް ދޭއިރު ހަނދު ހުރި އުސް މިނާއި، މިސްރާބާއި އެނޫން ވެސް އެފަދަ މުހިއްމު މައުލޫމާތު ވެސް ދޭން ޖެހޭނެ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

ޑީޖޭއޭ އިން އިތުރަށް ބުނީ ރޯދަ މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭޕްރީލް އެކެއްވާ ހުކުރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލު އިދާރާތަކާއި، އަތޮޅު ކައުންސިލު އިދާރާތައް ހުޅުވާފައި ހުންނަ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.