ކޮވިޑުގެ ވެކްސިން ފުރިހަމަކޮށްފައި ނުވި ނަމަވެސް ނެގެޓިވް ޕީސީއާރު ނަތީޖާއާ ނުލައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭ ގޮތް ހަދައިފިއެވެ.
މާލޭ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާއިރު ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭ ގޮތަށް ހެދުމަށް ފަހު، ކޮވިޑް ފެތުރޭ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިނުވާ ނަމަ ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ގޮތަށް ނިންމުމަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.
ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ އުވާލާފައިވާތީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަަވަޅުތަކަށް ބަދަލު ގެނެސް އެޗްޕީއޭ އިން މިރޭ ކުރި އިއުލާނުގައި ބުނީ، ރާއްޖޭން ބޭރުން އަންނަ ހުރިހާ ފަރާތްތަކާއި ރާއްޖޭގެ އެތެރޭގައިވެސް އެއްވެސް ފަރާތަކަށް ދަތުރުކުރުމުގެ ބޭނުމުގައި ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭނެ ކަމަށެވެ.
ނަމަވެސް ރާއްޖެއިން ބޭރުން އަންނަ ރާއްޖޭގައި ދިރިއުޅޭ ފަރާތްތައް (ދިވެހިންނާއި ފަތުރުވެރިން ފިޔަވައި އެހެނިހެން ވިސާތަކުގައި ރާއްޖެއަށް އަންނަ ފަރާތްތައް) ރާއްޖެ އަންނަތާ ތިން ދުވަހާއި ފަސް ދުވަހާ ދެމެދު ކޮވިޑަށް ޓެސްޓުކުރުމަކީ އެދެވިގެންވާ ކަމުގައި އެޗްޕީއޭއިން ބުންޏެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑުގެ
ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައި ނުވާ ފަރާތްތައް (ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ހިމެނޭގޮތަށް) ދަތުރުކުރުމާ ގުޅިގެން ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ.
އެޗްޕީއޭ އިން އެ ލުއިތައް ދިނުމަށް ނިންމާފައިވާ އިރު، ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ވަނީ ރާއްޖެ އެތެރެވުމުގައި ލުއިތަކެއް ދީފައެވެ. އެމީހުންނަށް ޕީސީއާރާ ނުލައި ރާއްޖެ އެތެރެވޭ ގޮތް ވަނީ ހަދައިފައެވެ. އަދި މިއަދުގެ ނިންމުމާއެކު ވެކްސިން ފުރިހަމަނުކުރާ މީހުންނަށް ވެސް އެ ލުއިތައް ވަނީ ލިބިފައެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެ އަހަރަށް ފަހު އުވާލާފައިވަނީ މިއަދުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު