ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އަވަށްޓެރި އިންޑިއާއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ގައުމާ މުހާތަބުކުރައްވައި މިރޭ ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އިނދަޖެހިފައި އޮތް ރާއްޖޭގެ އިގުތިސޯދު އަލުން ކޮޅަށް ޖެހުނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތަކާއި ކޮވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވި ސިއްހީ ހިދުމަތްތްތެރިންގެ މަތިވެރި ގުރުބާނީ ރައީސް ފާހަގަކުރެއްވިއެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރުމުގައި، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާއި އެހެން މުއައްސަސާތަކާއި ހިލޭސާބަހަށް މަސައްކަތްކުރި ދަރުމަވެރިންގެ ބުރަ މަސައްކަތްތަކެއް ކުރެވި ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރި މަސައްކަތުގައި ރަޙުމަތްތެރި ގައުމުތަކުން ފުރިހަމަ އެއްބާރުލުން ލިބުނު ކަމުގައި ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި އިންޑިއާ، ޖަޕާން، އެމެރިކާ، ޔޫއޭއީ، ޗައިނާ، ބަނގުލަދޭޝް އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އދ.ގެ ބައެއް އިދާރާތަކުން ވެދިން އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކޮވިޑުގެ ހާލަތުގައި އެހެން ގައުމަކަށް އިންޑިއާއިން ނުދޭ އެހީތައް ރާއްޖެއަށް އެގައުމުން ދިން ކަމަށެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް ކޮވިޑް ވެކްސިން ރާއްޖެއަށް ހަދިޔާކުރީ އިންޑިއާއިން ކަމަށާއި އިގުތިސޯދީ ގެއްލުން ކުޑަކުރުމަށް، 250 މިލިއަން ޑޮލަރުގެ ބޮންޑު އެގައުމުން ގަނެފައިވާ ކަމަށް ވިދާޅުވިއެވެ.

"ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ، ވަރަށް ގިނަ ސާމާނު ހަދިޔާކުރި. ފަތުރުވެރިކަން މެދުނުކެނޑި ދެމެހެއްޓުމަށްޓަކައި، ރާއްޖެއަށް ޓްރެވަލް ކޮރިޑޯއެއް ހުޅުވައިދިން. ރާއްޖެއިން ބޭސް ފަރުވާއަށް ދާން ބޭނުންވާ ދިވެހިންނަށް ފަސޭހަ އިން އިންޑިއާއަށް ދެވޭނެ ގޮތް ވެސް އެ ގައުމުން ހަމަޖައްސައިދިން. މިއީ ކޮވިޑުގެ ތެރޭގައި އެހެން އެއްވެސް ގައުމަކަށް އިންޑިއާ އިން ނުދޭ ފުރުސަތެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކޮވިޑާ ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުން ފެށިގެން އުވާލައްވާފައިވާ ކަމަށާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެއްވި ނަމަވެސް ކޮވިޑުގެ ކަންކަން ގާތުން ބައްލަވައި އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.