އެއާޕޯޓްތަކުން ފުރާ މީހުންގެ އަތުން މި އަހަރު އަލަށް ނަގަން ފެށި "ޑިޕާޗާ" ޓެކުހުން ސަރުކާރަށް މިހާތަނަށް 102 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަ ކޮށްފިއެވެ.
މީރާ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް ޑިޕާޗާ ޓެކުހުން ޖުމްލަ 6.5 މިލިއަން ޑޮލަރު (102 މިލިއަން ރުފިޔާ) ވަނީ ލިބިފައެވެ. މި ތަފާސް ހިސާބުތަކަށް ބަލާއިރު ފެބްރުއަރީ މަހު އެކަނިވެސް ޑިޕާޗާ ޓެކުހުން 3.3 މިލިއަން ޑޮލަރު ވަނީ ދައުލަތަށް ލިބިފައެވެ.
ސަރުކާރުން މި އަހަރު އަލަށް ނަގަން ފެށި ޑިޕާޗާ ޓެކުހަކީ 2016 ވަނަ އަހަރުން ފެށިގެން ނަގަމުން ދިޔަ އެއާޕޯޓް ސާވިސް ޗާޖު (އޭޑީސީ) ނެގުން ހުއްޓާލައި އޭގެ ބަދަލުގައި ނަގަން ފެށި ޓެކުހެކެވެ. އޭޑީސީ ނަގަމުން ދިޔައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ މީހުންގެ އަތުން އެކަންޏެވެ. ނަމަވެސް އަލަށް ނަގަން ފަށާފައިވާ ޑިޕާޗާ ޓެކްސް، ރާއްޖޭގެ އެހެން އެއާޕޯޓަކުން ބޭރަށް ފުރިނަމަވެސް ނަގާނެ އެވެ.
ޑިޕާޗާ ޓެކްސްގެ ގޮތުގައި މި އަހަރު 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ. އަދި އަންނަ އަހަރު މި އަދަދު 874 މިލިއަން ރުފިޔާގައި ހުންނައިރު 2023 ވަނަ އަހަރު މި އަދަދު 960 މިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު