މި މަހު 17 ވަނަ ދުވަހު މާލޭގައި ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފުލާއަށް ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓުބޯޅަ ނޫސްވެރިޔާ، އިޓަލީ ފަބްރީޒިއޯ ރޮމާނޯވެސް ރާއްޖެ އަންނާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިއުލާން ކުރައްވައިފިއެވެ.

ގައުމީ ކުޅިވަރުތަކާއި، ކުޅިވަރާ ގުޅުން ހުރި ދާއިރާތަކުން އެކިއެކި ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ޔޫތު މިނިސްޓްރީން އިސް ނަގައިގެން ބާއްވަން ނިންމާފައިވާ ހާއްސަ ކުޅިވަރު އެވޯޑު ހަފުލާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ވެގެން ދާނީ ފަހަކަށް އައިސް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު އިވެންޓަށެވެ. އިވެންޓަށް ރާއްޖެއިން ބޭރުން، އެކިއެކި ކުޅިވަރުތަކުގެ ލެޖެންޑުންނާއި ކުޅިވަރުގައި ފާހަގަކޮށްލެވޭ ނުފޫޒު ގަދަ ފަރާތްތައް ރާއްޖެ ގެންނަން ނިންމާފައިވެއެވެ.

އެވޯޑު ހަފުލާއަށް އުމުރުން 29 އަހަރުގެ ފަބްރީޒިއޯ އަންނާނެކަން މިނިސްޓަރު މަހުލޫފް އިއުލާން ކުރައްވާފައިވާ އިރު، ފަބްރީޒިއޯއަކީ ފުޓުބޯޅަ ޓްރާންސްފާތަކުގެ އެކްސްޕާޓެކެވެ. "ހިޔާ ވީ ގޯ"ގެ ޓެގްލައިނާއެކު ފުޓުބޯޅަ ޓްރާންސްފާތަކުގެ އެންމެ އިތުބާރު މަސްދަރަކަށް ފަބްރީޒިއޯ ވެފައިވާ އިރު، އޭނާއަކީ ސްކައި އިޓާލިއާގެ ނޫސްވެރިއެއްވެސް މެއެވެ.

ކުޅިވަރުގެ އެކިއެކި ފަންތިތަކަށް ހާއްސަ އެވޯޑުތައް ސްޕޯޓްސް އެވޯޑްސްގައި ދިނުމަށް ނިންމާފައިވާ އިރު، ކުޅިވަރުގެ އެންމެ މޮޅު ނޫސްވެރިޔާވެސް ހޮވުމަށް ވަނީ ނިންމައިފައެވެ.

ފަބްރީޒިއޯގެ އިތުރުން އެވޯޑްސްއަށް ރާއްޖެ ގެންނަ ބައެއް ފަރާތްތައް މިހާރު އިއުލާން ކޮށްފައިވާ އިރު، އެވޯޑަށް ރާއްޖެ އަންނަ އެތުލީޓުންގެ ތެރޭގައި ސްރީ ލަންކާގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާ، ސްރީ ލަންކާގެ ކުރީގެ ނެޓްބޯޅަ ކުޅުންތެރިޔާ ތަރްޖިނީ، ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަނެއް އޮސްޓްރިއާގެ އަލްބިން އޮސްކަން، ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، އިނގިރޭސިވިލާތަށް އުފަން، ކްރޮއޭޝިއާގެ ޓީޓީ ލެޖެންޑް ޒޯރާން ޕްރިމޯރަކް، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ އަދި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ހިމެނެއެވެ.

އޭގެ އިތުރުން އެވޯޑް ހަފުލާގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީ ލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމާލް ރާޖަޕަކްސަ އާއި ބަންގުލަދޭޝްގެ ކުޅިވަރު މިނިސްޓަރު ޒާހިދު އަހުސަން ރަސަލް އަދި ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ ރާއްޖެ ވަޑައިގަންނަވާނެއެވެ.