އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް)ގެ އެންމެ ބާރުގަދަ އެއް ގައުމު ކަމަށްވާ ޔޫއޭއީ އިން ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން ނިންމާފައިވާ ކަން އިއުލާން ކުރުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ބޮޑުތަނުން ވެއްޓިއްޖެއެވެ.
ޔޫއޭއީގެ ވޮޝިންޓަން އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތެލު އަގު ކަންބޮޑުވާ ވަރަށް އުފުލެމުން ދާތީ އޯޕެކްގެ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އެ ގައުމުން ތާއީދުކުރާ ކަމަށާއި އެ ނިންމުމާ އެއްގޮތަށް އޯޕެކްގެ މެމްބަރު އެހެން ގައުމުތަކުން ވެސް ތެލުގެ ސަޕްލައި އިތުރުކުރަމަށް ގޮވާލާ ކަމަށެވެ.
ޔޫއޭއީ އިން ތެލުގެ ސަޕްލައިި އިތުރުކުރުމަށް ނިންމާފައިވާ ކަން އިއުލާނުކޮށްފައި މިވަނީ އޯޕެކް އިން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ވިސްނަމުންދާ ކަމަށް އިއުލާނު ކޮށްފައި ވަނިކޮށެވެ. އޯޕެކް މެމްބަރު ގަައުމުތަކުގެ ތެރެއިން މިހާތަނަށް ތެލުގެ ސަޕްލައި އިތުރުކުރުމަށް ނިންމި ހަމައެކަނި ގައުމަކީ ވެސް ޔޫއޭއީއެވެ.
ޔޫއޭއީގެ ނިންމުމާ ގުޅޭގޮތުން އެގައުމުގެ އޭނާޖީ މިނިސްޓަރު ސުހައިލް އަލް މަޒްރޫއީ ކުރެއްވި ޓުވީޓެއްގައި ވެސް ވަނީ އޯޕެކްގެ ނިންމުމާ އެއްގޮތަށް އެގައުމުގެ ތަލުގެ ސަޕްލައި އިތުރުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ޔޫއޭއީގެ މި ނިންމުމާއެކު ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 111 ޑޮލަރަށް ވެއްޓިފައެވެ. ރަޝިއާ އާއި ޔުކްރޭނުގެ ހަނގުރާމަ ފެށުމާ ގުޅިގެން ތެލުގެ އަގު 30 ޕަސެންޓަށް އިތުރުވެ، މި ހަފުތާގައި ތެޔޮ ފީފާއެއްގެ އަގު 139 ޑޮލަރާ ހަމައަށް އުފުލުނެވެ. ފެބްރުއަރީ މަސް ފެށުނު އިރު ތެޔޮ ފީފާއެއްގެ އަގު ހުރީ 97 ޑޮލަރުގައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، ރާއްޖޭގައި ވެސް ޕެޓްރޯލާއި ޑީސަލުގެ އަގު ވަނީ އުފުލިފައެވެ. މިވަގުތު ރާއްޖޭގައި ޕެޓްރޯލް ލީޓަރެއް 14.60 ރުފިޔާއަށް ލިބޭ އިރު، ޑީސަލް ލިޓަރެއްގެ އަގަކީ 14.80 ރުފިޔާއެވެ.
އޯޕެކްގެ ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް މި އަންނަން ފެށި ބަދަލު ރާއްޖޭގެ ތެލުގެ ބާޒާރަށްވެސް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ގަބޫލުކުރެވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު