ހީވާގި، ހުނަރުވެރި އަންހެނުންނަށް ފުރުސަތުތައް ފަހިކުރުމަށްޓަކައި ސިވިލް ސާވިސްގެ އޮނިގަނޑަށް ބަދަލު ގެނެސް، ނަތީޖާއަށް ބަލާފައި ކުރިއެރުން ދިނުމުގެ ސިޔާސަތެއް ގާއިމުކުރަންޖެހޭ ކަމަށް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ޔޫންއެން މޯލްޑިވްސް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި އަމިއްލަ ޖަމިއްޔާތައް ގުޅިގެން "މިއަދު މާދަމާ"ގެ ނަމުގައި ހުޅުމާލެ ބީޗް (ބީޗް ކްލަބް- ރާޅުގަނޑު1) ގައި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިނިސްޓްރީއާއި ގުޅިފައި ހުރި ހުރިހާ މުހިންމު ޕްރޮޖެކްޓެއްގެ ފަންނީ ހުރިހާ މަސައްކަތެއް ކުރަނީ އަންހެން މުވައްޒަފުން ކަމަށާއި އެހެންނަމަވެސް ސިވިލް ސާވިސްގެ އެންމެ މަތީ ފަންތީގައި މަސައްކަތް ކުރާ އަންހެން އެއްވެސް މުވައްޒަފަކު ނެތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަގަކުރަމުން އަންނަ އިރު، ވާހަކަދައްކަން ޖެހޭ ހަގީގީ މައްސަލައަކީ އެއީ ކަމަށާއި އެކަމަށް ހައްލެއް ގެންނަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މިނިސްޓްރީގައި އެބަ ތިއްބެވި އިންޖިނިއަރުންނާއި ސައިންޓިސްޓުން، ރާއްޖޭގެ ޓެކްސް ސެކްޓަރުގައި އެންމެ ފުންނާބު އުސްކޮށް ތަމްރީނުވެ ހުނަރު ލިބިފައި ތިބި މުވައްޒަފުން. އެހެން ނަމަވެސް އެބޭފުޅުންނެއް ނުފެނޭ ޑިރެކްޓާ ޖެނެރަލް އަދި ޑިރެކްޓާ ލެވެލް ފެންވަރުގައެއް ވެސް" މިނިސްޓަރު ވިދާޅުވިއެވެ.
ސިވިލް ސާވިސްގެ މި އޮނިގަނޑު އެތައް ގުނައަކުން އިސްލާހުކުރަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރާ މިންވަރާއި ނަތީޖާ ނެރޭ މިންވަރާއި ރިޒަލްޓް އޮރިއެންޓެޑް މަސައްކަތެއްގެ ގޮތުގައި އެ މަސައްކަތްތައް ބައްޓަންވެގެން ނޫނީ، އަންހެން މުވައްޒަފުންނަށް މަތީ ފަންތީގައި މަސައްކަތް ކުރުމުގެ ފުރުސަތު މިއިން ޒަމާނެއްގައިވެސް ނުލިބޭނެ ކަމަށެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރާ އިރު، އެންމެ އިސްކަމެއްދީގެން ރައްޔިތުންގެ މަޖިލީހާއި، އާއްމު ރައްޔިތުންނާއި ސިވިލް ސާވިސްއާ އެކީގައި މިއަދު ދައްކަންޖެހޭ މުހިއްމު ވާހަކައަކީ އެއީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެއީ އަވަސް ހައްލެއް ގެންނަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު