ވަކި މީހެއްގެ އަންބަކަށް ނުވަތަ ވަކި އާއިލާއަކަށް ނިސްބަތްވާތީ ނުވަތަ ވަކި ސިޔާސީ ފިކުރު ހުންނާތީ އަންހެނުން ނިކަމެތި ނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެމްޕީއެލުން ރޭ ކްރޮސްރޯޑުގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ވަކި މީހަކަށް، ވަކި މީހެއްގެ އަންބަކަށް، ވަކި އާއިލާއަކަށް އަދި ވަކި މީހެއްގެ މަންމައަކަށްވީތީ ނުވަތަ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ އަންހެނުން ނިކަމެތި ނުކުރުމަށް އެދޭ ކަމަށެވެ.

"ހިތަށް ތަދުވޭ މިހެން ބުނަންވެސް. ކަމަކަށް ކުރިމަތިލީމަ، އަންހެނަކަށްވީތީވެ އެއީ ކާކުތޯ، ކޮން އާއިލާއަކުން އައި މީހެއްތޯ ކާކުގެ އަންބެއްތޯ، ކޮން ފެންވަރެއްގެ މީހެއްތޯ އެބަ ބަލައި. އޭގެ ބަދަލުގައި ކީއްތޯވާނީ އެމީހަކީ ގާބިލު މީހެއްތޯ ބެލުން. އެކަމެއް ކުރެވޭނެ މީހެއްތޯ ބެލުން،" ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ އިތުރަށް ވިދާޅުވީ އަންހެނަކު ކަމަކަށް ކުރިމަތިލައިފި ނަމަ އޭނާގެ ޒާތީ ހަޔާތުގައި ކުރަނީ ކޮންކަމެއްތޯ ބަލަން އުޅޭ ކަމަށާއި އޭގެ ބަދަލުގައި އަންހެނަކު ކަމަކާ ހަވާލުވުމުން އޭނާ ކުރަނީ ކޮންކަމެއްތޯ ބަލަން ދިއުން މާރަނގަޅު ވާނެ ކަމަށެވެ. އަދި އެފަދަ ކަންކަން ބަލައި އެ އަންހެނަކަށް ކަލަ ގޮވައި މަލާމާތްކުރުމުގެ ބަދަލުގައި މަގު ބުނެދީ ހިތްވަރު ދިނުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

ފިރިހެނުންވެސް އުފަންވަނީ އަންހެނެއްގެ ބަނޑުން ކަމަށާއި ތަރުބިއްޔަތު ދީ ހެދި ބޮޑުވެ މަތީ މަގާމުތަކާ ހަމައަށް ވާސިލުވަނީވެސް އަންހެނެއްގެ ސަބަބުންކަން ފާހަގަކުރައްވައި މިނިސްޓަރު ނަހުލާ ވިދާޅުވީ މީހަކު ކިޔާހާ އެއްޗަކަށް ވިސްނައިގެން ކުރިއަށް ނުގޮސް އެއްވެސް އަންހެނަކު ނުހުރުމަށް އެދޭ ކަމަށެވެ. އަދި އަންހެނުންނަކީ ހިތްވަރުގަދަ ބައެއް ކަމަށާއި ކަމަކާ ކުރިމަތިލައިފި ނަމަ އެކަމެއް ކޮށްފައި ނޫނީ ހުއްޓާނުލުމަށް ހިތްވަރުދެއްވިއެވެ.