ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ފާސްވެގެން ދިއުމަކީ ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރާ މަސައްކަތްތަކުގައި އެޅިގެންދިޔަ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޔޫއެންޑީޕީ އަދި އޮސްޓްރޭލިއާގެ ސަރުކާރުގެ އެހީތެރިކަމާއި ފަންނީ ލަފަޔާ އެކު މިދިޔަ އަހަރު އެކުލަވާލި ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ވަޒީރުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެ ޕްލޭން ތަންފީޒުކުރުމަށް އެކުލަވާލި ސްޓިއަރިން ކޮމިޓީގައި އިސްކޮށް ހުންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި މިނިސްޓަރު އައިޝަތު ވިދާޅުވީ އެ ސްޓިއަރިން ކޮމިޓީގައި އިސްކޮށް ހުންނެވުމަށް ރައީސް ސޯލިހު އަމިއްލަފުޅަށް ނިންމެވި ނިންމުމަކީވެސް މި ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް އަދި ހާއްސަކޮށް އެމަނިކުފާނު، އަންހެނުން ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތުކަން ޔަގީންކުރެވިގެންދިޔަ ކަމެއް ކަމަށެވެ.

އަދި އެ ޕްލޭން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހަލުވިކޮށް ތަންފީޒުކުމަށްޓަކައި ސިޓީ އަދި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު ވަރަށްވެސް މުހިންމު ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އައިޝަތު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމުން އަރައިގަތުމަށްޓަކައި އަދި އެފަދަ ބަދަލުތަކަށް ހޭނުމަށްޓަކައި އަންހެނުން އަދާކުރަމުންދާ ދައުރާއި އަންހެނުންގެ ތަޖުރިބާތައް ދެނެގަނެ، ފާހަގަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އަންހެނުންނަކީ އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅަ އެއްބައި. މުޖުތަމައެއްގެ ވިސްނުމާއި ހިޔާލުތަކާއި ހައްލުތަކާއި ތަޖުރިބާތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ފަރާތްތައް. އެހެންކަމުން ދެމެހެއްޓެނިވި މާދަމާއެއް ނުވަތަ މުސްތަގުބަލެއް ބިނާކުރަން އަޅުގަނޑުމެން މަސައްކަތްކުރާ އިރު، އެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދެމެހެއްޓެނިވި މާދަމާއަކަށް އަންހެނުންގެ ބައިވެރިވުމާއި އަންހެނުންގެ ހިއްސާ އިތުރުކުރަންޖެހޭ ކަމަށެވެ. އެގޮތުން ޖެންޑާ އީކުއަލިޓީ ގާނޫނުގެ ދަށުން، ކައުންސިލުތަކަށް ޒިންމާތައް ހަވާލުކުރުމަށް މިދިޔަ އަހަރު ޑިސެންބަރު މަހުގައި ގެޒެޓު ކުރި ގަވާއިދުގެ ދަށުން އަންނަ ޖޫން މަހުން ފެށިގެން އަމަލުކުރަންފަށާނެ ކަމަށް ވިދާޅުވިއެވެ.

"ޖެންޑާ އީކުއަލިޓީ ގާނޫނުގެ ދަށުން މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި އެކިއެކި ދާއިރާތަކުގެ ޒިންމާތައް ހުރިކަން ފާހަގަކުރަން. މި މަސައްކަތްތަކަކީ ހަމައެކަނި ޖެންޑާ މިނިސްޓްރީން ހާސިލުކުރެވޭނެ ކަންކަމެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.