މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް

މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ރޮބާޓޯ ކާލޯސް ވެސް ރާއްޖެ އަންނަނީ

މި މަހު 17 ވަނަ ދުވަހު މާލޭގައި ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފުލާއަށް ބްރެޒިލްގެ ލެޖެންޑަރީ ޑިފެންޑަރު ރޮބާޓޯ ކާލޯސް ވެސް ގެންނާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިއުލާން ކުރައްވައިފިއެވެ.

އެ ހަފުލާގައި ކާލޯސް ބައިވެރިވާކަން އިއުލާންކޮށްފައިވަނީ މިނިސްޓަރު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި މަހުލޫފު ވަނީ ދައުވަތު ގަބޫލުކުރިކަމަށްޓަކައި ކާލޯސްއަށް ޝުކުރު ދަންނަވައިފައެވެ.

ގައުމީ ކުޅިވަރުތަކާއި، ކުޅިވަރާ ގުޅުން ހުރި ދާއިރާތަކުން އެކިއެކި ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ޔޫތު މިނިސްޓްރީން އިސް ނަގައިގެން ބާއްވަން ނިންމާފައިވާ ހާއްސަ ކުޅިވަރު އެވޯޑު ހަފުލާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ވެގެން ދާނީ ފަހަކަށް އައިސް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު އިވެންޓަށެވެ. އިވެންޓަށް ރާއްޖެއިން ބޭރުން، އެކިއެކި ކުޅިވަރުތަކުގެ ލެޖެންޑުންނާއި ކުޅިވަރުގައި ފާހަގަކޮށްލެވޭ ނުފޫޒު ގަދަ ފަރާތްތައް ރާއްޖެ ގެންނަން ނިންމާފައިވެއެވެ.

އެވޯޑްސްއަށް ރާއްޖެ ގެންނަ ބައެއް އެތުލީޓުން މިހާރުވެސް އިއުލާން ކޮށްފައިވާ އިރު، ކާލޯސްގެ އިތުރުން ސްވިޑެންގެ ސްވިމިން ޗެމްޕިއަން ސާރާ ހޮޔޯސްޓްރޯމްއާއި، ބްރެޒިލްގެ ލެޖެންޑަރީ ވޮލީބޯޅަ ކުޅުންތެރިޔާ ގިލްބާޓޯ ގޮޑޯއީ (ގިބާ) އަދި ދުނިޔޭގެ އެއްވަނަ ވީލްޗެއާ ޓެނިސް ކުޅުންތެރިޔާ ގޯޑޮން ރީޑްސް ވެސް ހިމެނެއެވެ.

ކާލޯސްއަކީ ބްރެޒިލް ގައުމީ ޓީމަށް 125 މެޗު ކުޅެދީ، އެގައުމާއެކު ފީފާ ވޯލްޑް ކަޕް، ފީފާ ކޮންފެރޭޝަންސް ކަޕްގެ އިތުރުން ދެ ފަހަރަށް ކޮޕާ އެމެރިކާވެސް ހޯދި ޑިފެންޑަރެކެވެ. ކްލަބު ފުޓުބޯޅައިގައި ރެއާލް މެޑްރިޑާއެކު ތިން ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކާލޯސް ވަނީ 1997 ވަނަ އަހަރު ފީފާ މޮޅު ކުޅުންތެރިޔާ ހޮވަން ބޭއްވި ހަފުލާގައި ދެވަނަ މަގާމާއި، 2002 ވަނަ އަހަރު ބެލޮންޑިއޯގެ ރަނަރަޕް މަގާމުވެސް ހޯދައިފައެެވެ.