މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި އެއްވެސް މީހަކު ނެތް ކަމަށް ބުނެ، ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅުއްވައިފިއެވެ.
އެ މައްސަލަ އެ ކޮމިޓީއަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. އޭނާއަކީ އެ ކޮމިޓީގެ ނައިބު މުގައްރިރެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން، ޖާބިރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި މީހަކު ނެތި މިއަދު ގައުމު ހިނގަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި ކަމަށާއި އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެކަންތައްތައް ހިނގައިދިޔައީ ކޮން ގޮތަކަށް ކޮން އިރަކު ކަމެއް ޖާބިރު ވިދާޅެއް ނުވެއެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވުމުން އެއް ދުވަހެއްގެ ފަތިހުގެ ވަގުތެއްގައި މަޖިލިސް ރައީސް، ނާއިބު ރައީސް ފައިސަލް ނަސީމް ލައްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރުވާފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އެ ވިދާޅުވީ، ރައީސް ސޯލިހު ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވާތީ ހުސްވި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ނައިބު ރައީސް ފައިސަލް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތުގެ ހުވާ ކުރެއްވި މައްސަލައެވެ.
އެ ދުވަހު ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ކުރިފުޅުމަތީގައި، ނައިބު ރައީސް ފައިސަލްއަށް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
ޚަބަރު
ޚަބަރު
ޚަބަރު