Close
ޚަބަރު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރަކު ދެ މިލިއަން ރުފިޔާގެ ރިޝްވަތަށް އެދުނު ކަމަށް ތުހުމަތުކޮށްފި

މުހައްމަދު އިޝާން

މައްސަލަ އެއްކޮޅަށް ނިންމަން ބޭނުންވާނަމަ ދެ މިލިއަން ރުފިޔާގެ ރިޝްވަތެއް ދިނުމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރަކު އެދިފައިވާ ކަމަށް އެ މައްސަލައިގައި ހިމެނޭ ހަސްމު (ކޯޓަށް ހުށެހެޅިފައިވާ މައްސަލައިގައި ހިމެނޭ ފަރާތް) ބުނެފިއެވެ.

އެރިއަދޫ އައިލެންޑް ރިސޯޓާއި ވިލަމެންދޫ އައިލެންޑް ރިސޯޓުގައި ބޭނުންކުރި ލޯންޗަކާއި ދޯންޏެއްގެ 14 އަހަރުގެ ކުއްޔަށްވާ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެ އުޅަނދުތަކުގެ ވެރިފަރާތް ކަމަށްވާ މުހައްމަދު އަނީސް ވަނީ އެ ދެ ރިސޯޓުގެ ހިއްސާދާރުން ކަމަށްވާ ހ. ވާލީވިލާ ފާތިމަތު ފަރީދާ، މުހައްމަދު ޝަވީދު، ހައުލަތު ފަހީމް، އަހުމަދު ޝިޔާމް، އައިމިނަތު އަޝްފާ، މަރިޔަމް ޝިފާ، އަލީ ޝިޔާމް އަދި ހަސަން ޝިޔާމްގެ މައްޗަށް ސިވިލް ކޯޓުގައި 2008 ވަނަ އަހަރު ދައުވާކޮށްފިއެވެ.

އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ހުކުމްކުރީ އަނީސް އެދުނު ގޮތަށެވެ. ނަމަވެސް އެ ހުކުމް މައްސަލައިގައި ހިމެނޭ ޝަވީދު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުން ހުކުމްކުރީ ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. އެހެންވެ ޝަވީދު ވަނީ ހައި ކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށްފަހު 2015 ވަނަ އަހަރު ހުކުމްކުރީ ހައި ކޯޓުގެ ހުކުމް ގޯސް ކަމަށާއި އެހެންވެ އެ ހުކުމް ބާތިލު ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމް އަނީސްގެ ފަރާތުން ވަނީ މުރާޖައާކުރަން އެދިފައެވެ. މިއަދު އޮތީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. އަޑުއެހުމުގައި އަނީސްގެ ގާނޫނީ ވަކީލު މަރިޔަމް ނިހާޔަތު ވާހަކަދައްކައި ނިމުމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން އެ މައްސަލައިގެ ހުކުމްކުރުމުގެ ކުރިން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރަކު ރިޝްވަތަށް އެދުނުކަމަށް މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި ބުނެފައިވާ ކަމަށެވެ. ފަނޑިޔާރު މަހާޒް ސުވާލުކުރެއްވީ މައްސަލަ ހުށަހަޅާފައިވާ ފަރާތުން ކުރިއަށްދާން ބޭނުންވަނީ އެ ނުކުތާއާ އެކުގައިތޯ ސުވާލު ކުރައްވައިފައެވެ.

އެކަމާ ގުޅިގެން ވާހަކަދައްކަމުން އަނީސް ބުނީ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރަކު މީހަކު ފޮނުވައި އެއްކޮޅަށް މައްސަލަ ނިންމަން ބޭނުންވާނަމަ ދެ މިލިއަން ރުފިޔާގެ ރިޝްވަތެއް ދިނުމަށް އެދުނު ކަމަށާއި ނަމަވެސް އެކަމަށް ދެކޮޅު ހަދާފައިވާނެ ކަމަށެވެ. އެއީ އިންސާފުވެރި ޝަރީއަތެއް ކޮށްފިނަމަ އޭނާއާ އެއްކޮޅަށް މައްސަލަ ނިމޭނެކަމުގެ ޔަގީންކަން އޮތުމުންކަމަށް އަނީސް ބުންޏެވެ.

މީގެ އިތުރުން އަނީސް ވަނީ ރިޝްވަތަށް އެދުނު ފަނޑިޔާރާއި ޝަވީދު ބައްދަލުކުރި ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ ފަނޑިޔާރަށް ޕްލެޓިނަމް ކެޕިޓަލް ހޯލްޑިން އިން އިމާރާތްކުރި އެޕާޓްމަންޓްތަކުގެ ތެރެއިން އެޕާޓްމަންޓަކާއި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ޝަވީދު ދިން ކަމަށް ވެސް ތުހުމަތުކުރިއެވެ.

އަނީސްގެ ވާހަކަދައްކައި ނިމުމުން ފަނޑިޔާރު މަހާޒް ވަނީ އެ މައްސަލަ އެއްވެސް މުއައްސަސާއަކަށް ހުށަހެޅިތޯ ސުވާލު ކުރައްވައިފައެވެ. ޖަވާބުގައި އަނީސް ބުނީ، އެ މައްސަލަ ރައީސް އޮފީހަށާއި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ސަމާލުކަމަށް ސިޓީ މެދުވެރިކޮށް ގެނެސްފައިވާނެ ކަމަށެވެ. އަދި އެ ސިޓީތައް މިހާރު ވެސް ހުންނާނެ ކަމަށެވެ.

ފަނޑިޔާރު މަހާޒް އަނެއްކާވެސް ވިދާޅުވީ އެއްވެސް ތަހުގީގީ އިދާރާއަކަަށް އެ މައްސަލަ ހުށަހެޅުއްވިންތޯއެވެ. އެގޮތުން ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަ ބަލަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަމަށާއި އަދި ޖިނާއީ މައްސަލަ ބަލަން ވެސް އިދާރާއެއް އޮންނަ ކަމަށެވެ. މީގެ އިތުރުން ވިދާޅުވީ، ފަނޑިޔާރުންނާ ގުޅޭ ސްލޫކީ މައްސަލަ ބަލަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންކަން ވެސް ފާހަގަކުރެއްވިއެވެ.

އަނީސް ބުނީ، އެ މައްސަލައާ ގުޅިގެން ވަރަށް ގިނަ ސިޓީ ޖޭއެސްސީއަށް ފޮނުވާފައިވާނެ ކަމަށާއި ޖޭއެސްސީން އޭނާއަށް ފޮނުވި ސިޓީގައި ވަނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު މިހާރު ވަކިވެފައިވާތީ އިތުރަށް އެ މައްސަލަ ބެލުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ޖޭއެސްސީން ފޮނުވި ސިޓީ އެބައޮތް ކަމަށާއި އަދި ފަނޑިޔާރުން ބޭނުންވާނަމަ ރިޝްވަތު ދިނުމަށް އެދި ކުރީގެ ފަނޑިޔާރު ފޮނުވި މީހާގެ ނަމާއި އެޑްރެސް ވެސް ދޭނެ ކަމަށެވެ. އަދި އެމީހާ ހައްގާ އެއްކޮޅަށް ހެކިބަސް ދީފިނަމަ މިއީ ދޮގު ވާހަކަތަކެއް ނޫންކަން ސާބިތުވާނެ ކަމަށް ވެސް އަނީސް ބުންޏެވެ.

އެއަށްފަހު ފަނޑިޔާރު މަހާޒް ވާހަކަދައްކަން ފުރުސަތު ދިނީ މައްސަލަ ރައްދުވާ ޝަވީދު ތަމްސީލުކުރައްވާ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒަށެވެ. އަނީސްގެ ފަރާތުން ކުރި ތުހުމަތުތަކާ ގުޅިގެން ސިޔާޒު އެއްވެސް ވާހަކައެއް ނުދައްކަވައެވެ. އޭގެ ބަދަލުގައި ސިޔާޒު ވާހަކަ ދައްކަވާފައިވަނީ އަނީސްގެ ފަރާތުން ހުށަހަޅާފައިވާ ހުކުމް މުރާޖައާކުރުމަށް އެދޭ ފޯމުގެ ސައްހަކަމާ މެެދުއެވެ. އަދި ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ބަދަލުނުކުރަންވީ ސަބަބާ ގުޅޭގޮތުން ވެސް ވަނީ ވާހަކަދައްކަވައިފައެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު މަހާޒް އަލީ ޒާހިރު (ރިޔާސަތު) އަދި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ.