މި މަހު 17 ވަނަ ދުވަހު މާލޭގައި ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާއަށް އޮލިމްޕިކްސް ރަން މެޑަލް ހޯދާފައިވާ ސްވިޑެންގެ ސްވިމިން ޗެމްޕިއަން ސާރާ ހޮޔޯސްޓްރޯމްއާއި ބްރެޒިލްގެ ލެޖެންޑަރީ ވޮލީބޯޅަ ކުޅުންތެރިޔާ ގިލްބާޓޯ ގޮޑޯއީ (ގިބާ) ގެންނަން ނިންމައިފިއެވެ.
ދެ އެތުލީޓުންވެސް ސްޕޯޓްސް އެވޯޑަށް ރާއްޖެ އަންނާނެކަން އިއުލާން ކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. އެ ދެ އެތުލީޓުންގެ އިތުރުން ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މިޝޭލް ސަލްގާޑޯވެސް އެވޯޑު ހަފްލާގައި ބައިވެރިވާނެކަން މިނިސްޓަރު ވަނީ ޔަގީންކޮށްދެއްވައިފައެވެ. ސަލްގާޑޯއަކީ މިހާރު ރާއްޖޭގައި ފުޓުބޯޅަ ޕްރޮޖެކްޓެއް ހިންގަމުންދާ ފަރާތެއްވެސް މެއެވެ.
އުމުރުން 28 އަހަރުގެ ފެތުންތެރިޔާ ސާރާ ވަނީ އޮލިމްޕިކްސް އާއި ވޯލްޑް ޗެމްޕިއަންޝިޕް އަދި ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން ވޯލްޑް ޗެމްޕިއަންޝިޕްގައި 14 ރަން މެޑަލް ހޯދި އިރު، ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި 26 ރަން މެޑަލް އޭނާ ހޯދާފައިވެއެވެ. ސާރާއަކީ މިވަގުތުވެސް ފަސް އިވެންޓެއްގެ ދުނިޔޭގެ ރެކޯޑް ހޯލްޑަރެވެ.
ސާރާ އަތުގައި އޮތް ރެކޯޑުތަކަށް ބަލާ އިރު، ލޯންގް ކޯސްގެ 50 މީޓަރާއި 100 މީޓަރުގެ ފްރީސްޓައިލާއި ބަޓަފްލައި އިވެންޓުތައް ހިމެނެއެވެ. އޭގެ އިތުރުން ހަތަރެއް ގުނަ 50 މީޓަރުގެ ޝޯޓް ކޯސް މެޑްލީ ރިލޭ އިވެންޓުގައި ވެސް ރެކޯޑު އޮތީ ސާރާ އަތުގައެވެ.
ބްރެޒިލްގެ ވޮލީ ކުޅުންތެރިޔާ ގިބާއަކީ އޮލިމްޕިކްސްގައި ރަން މެޑަލް ހޯދި އެތުލީޓެކެވެ. އޭނާ ވަނީ އޮލިމްޕިކްސްގެ އިތުރުން އެފްއައިވީބީ ވޯލްޑް ލީގާއި އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. ގިބާއަކީ ފަހުގެ ތާރީހުގައި ފެނުނު އެންމެ މޮޅު އެއް ވޮލީ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މިހާރު އިއުލާން ކޮށްފައިވާ އެތުލީޓުންގެ އިތުރުންވެސް ދުނިޔޭގެ ބައެއް ނަން މަޝްހޫރު ފަރާތްތައް ސްޕޯޓްސް އެވޯޑުގައި ބައިވެރިވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ގައުމީ ކުޅިވަރު އެވޯޑު ހަފްލާ ބާއްވަން ނިންމާފައި ވަނީ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް