ކުރިއަށް މިއޮތީ ބަރަކާތްތެރި ރޯދަ މަހެވެ. ރޯދަ މަހު ބަދިގޭގެ ކަންތައް އާދައިގެ ދުވަސްތަކަށްވުރެ ހާއްސަވެފައި، ބަދިގެއަށް ވަނުން މަދުވިޔަސް ބޭނުން ކުރުން އިތުރުވާނެއެވެ.

ޒަމާނުއްސުރެ ދިވެހިންނަކީ ރޯދައަށް ހާއްސަކޮށް ސުފުރާތައް ވަރަށް ފުރިހަމައަށް ތައްޔާރު ކުރާ ނަމޫނާ ބައެކެވެ. އިހެކޭ މިހާރެކޭ އެކަމުގައި މާބޮޑު ތަފާތުތަކެއް ނެތެވެ. އެހެންނަމަވެސް އޭރާއި މިހާރާ ހުރި ތަފާތަކީ ވަގުތުގެ ކުރު ކަމުގެ ތަފާތުކަމާއި މެދު އެއްވެސް ސުވާލެއް ނުއުފެދޭނެކަން ގައިމެވެ.

ދުވާލުގެ ވަގުތުގައި އޮފީހުގައި، ނޫނީ ދަރިފުޅުގެ ސުކޫލު ކަންތަކުގައި ނުވަތަ އެހެންވެސް މަސައްކަތެއްގައި އުޅެފައި، ބަދިގޭގެ މަސައްކަތަށް ފަށާއިރު ނޮޅައި ކޮށައި ހެދުމުގެ މަސައްކަތް ކުރަންޏާ ވަގުތުގެ ބައެއް އެކަމަށް ހޭދަކުރަން ޖެހޭނެއެވެ. އަދި އަޅުކަމަށްދެވޭ ވަގުތުކޮޅު އޮންނާނީ މަދުވެ ކުޑަވެފައެވެ.

ވީމާ، ކުރިއާލައި، ދުރާލައި، ބަދިގެއަށް ކަންތައްތަކެއް ތައްޔާރުކޮށްލުން ކިހިނެއްވާނެބާވައެވެ.

ލޮނުމެދު މިކްސްޗަރުން ފެންފޮދެއް އަޅާފައި ފުށަށްވާވަރަށް ހިމުންކޮށް ހަލާކު ނުވާނެހެން ޕެކެޓް ކުރެވިދާނެއެވެ. ޕެކެޓް ގަނޑުކޮށް އޭގެން ގަނޑުގަނޑަށް ލޮނުމެދު ނެއްޓޭ ގޮތް ހެދިދާނެއެވެ. ހަމަ މިގޮތަށް އިނގުރުވެސް ހިމުންކޮށް، ކިއުބު ގަނޑުކުރާ ތަށީގައި ކިއުބު ގޮތަށް ގަނޑުކުރެވިދާނެއެވެ. މިރުހުގެ ތަނޑިތައް ވަކިކޮށް ބަދިގެ ތުވާއްޔެއްގައި އޮޅައި ގަނޑު ކުރެވިދާނެއެވެ. އޭރުން މިރުސް ހަލާކު ނުވެ ހުރުމުގައި ކާމިޔާބު ކުރެވުނީއެވެ.

ނުވަތަ ފިޔައާއި ލޮނުމެދު މާތުނި ނޫނަސް މެދު މިނަކަށް ކޮށާލެވިދާނެއެވެ. ދެކިލޯއެއްހައި ފިޔާ އަދި ބޭނުންވާ ވަރަށް ލޮނުމެދު ކޮށައި އަވީލައި ހިއްކާލާށެވެ. ގަދަ އަވިން ގަދައަށް ހިއްކުމަށްފަހު ދަޅު ކަހަލަ އެއްޗެއްގައި ބަންދު ކުރެވިދާނެއެވެ. އޭރުން ރޯދަމަހު ކެއްކުމަށް މިފަދަ ތަކެތި ނޮޅައި ކޮށައި ހެދުމަކާ ނުލައި މިތަކެތީގެ ރަހަ ހަމަ އެންމެ މީރުކޮށް ބޭނުން ކުރެވިދާނެއެވެ. ވަގުތު ސަލާމަތް ކުރެވުމާއެކު ގައިގައި މިތަކެތީގެ ގަދަ ވަސް ހިފުވުމުންވެސް ރައްކާތެރިވެވުނީއެވެ. ދުލަށް ދޭންޖެހޭ މީރުރަހައަކަށްވެސް ވަކި ބަދަލެއް ނައިސް ރަހަ ރަނގަޅު ކެއުމެއް ތައްޔާރު ކުރެވިދާނެއެވެ.

ދެން އޮތީ ވަހުގެ ވާހަކައެވެ.

ކައްކާފައި ހުރި ތަކެތީގެ ވަސް ގޭތެރޭގައި ހަރުލާފައި ހުރުމުން ހަދާނެ ގޮތް ހުސްވެފައި ހުންނާކަށް ނުޖެހޭނެއެވެ. އަވަހަށް ވެނީލާ އެސެންސް ފުޅި ނަގާށެވެ. ތެއްޔަކަށް ނުވަތަ ކޭކު ފިހާ ކަހަލަ ޓްރޭ ތަށްޓަކަށް އެސެންސް ސަމުސަލަކާއި ފެންތަށްޓެއް އެޅުމަށްފަހު އުނދުނުގައި ނުވަތަ އަވަނުގައި މަޑުގިނީގައި ކައްކާލާށެވެ. ގޭތެރޭގައި އެއްވަހަކަށް ގަޑިދެގަޑި ހަގަޑިއިރުވަންދެންވެސް މިވަސް ހުންނާނީ ހަރުލާފައިކަމާމެދު ޝައްކެއްވެސް ނެތެވެ.

ބަދިގޭގެ އުނދުން އާކުރަން ފިކުރު ކުރަނީތޯއެވެ. އުނދުނުގެ މަތީގައި ހުރި ބައި ކަޅުވެ ދެލި ހިފާފައި ވާތީ ދޮވެގެން ސާފު ނުވުމުން އާ އުނދުނަކާ މެދު ވިސްނަނީތޯއެވެ؟

ނޫނެކެވެ. އެކަމަށް ހަރަދު ކުރައްވަން ނިންމެވި ފައިސާކޮޅުން ކޮންމެވެސް އެހެން ކަމެއް ކުރެވިދާނެއެވެ. ހަމައެންމެ ހައެއްކަ ވަރަކަށް ރުފިޔާގެ 'އީނޯ' ޕެކެޓަކާއި ލުނބޮއެއްގެ އެއްފަޅި ގެންނާށެވެ. އުނދުނުގެ މަތީގައި އޮތް ދެލިއަރައި ކަޅުވެފައިވާ ދަގަނޑުކޮޅު ނަގައި ތަށްޓަކަށް އަޅާށެވެ. ތަށީގެ ތެރެއަށް، ދަގަނޑުކޮޅުގެ މައްޗަށް އީނޯ ޕެކެޓު ހުސްކޮށްފައި އެއަށް ލުނބޯހުތް ކުޑަކުޑަ ފެންފޮދަކާއެކު އަޅާށެވެ. ދެން އިރުކޮޅަކުން ދަގަނޑުކޮޅު ނަގައި ދޮވެ ސާފުކޮށް ހިއްކާލާށެވެ. ދެން ދަތް އުނގުޅާ ބޭސް ބޭނުންކޮށްގެން އުނދުނުގެ މަތީގައި އެހެރަ ބައި ސާފުކޮށް ދޮވެލާށެވެ. އެއަށްފަހު ހިއްކައި އުނދުން ތައްޔާރުކޮށް ބަލައިލަބަލާށެވެ. ގައިމުވެސް އާއުނދުނަކަށް ދުލެއް ނުކުރާނެއެވެ.

ތެލިތައް އާކުރަނީތޯއެެވެ. އިހަށް މިއީ ކަމުދާ ގޮތެއްތޯ އަޖުމަ ބަލަމާ ހިނގާށެވެ.

ތެލިތަކުގެ ތެރެއަށް ތަށްޓެއްގެ ފެނާއި ބޭކިންސޮޑާ ސަމުސަލެއްގެ އިތުރުން ދޮންނަކުނޑީގެ ސަމުސަލެއް އަޅާށެވެ. ދެން ލުނބޮއެއްގެ ހުތް އެއްކޮށް މިތަކެތި އުނދުނުގައި މެދުމިނެއްގައި ކައްކާލާށެވެ. ފެން އެތި ކެކުނީމަ އުކާލާފައި މަޑުމަޑުން ދޮވެލާށެވެ. ތެލިތަކުގެ އެތެރެ އާ ނުވޭތޯ ބަލައިލަބަލާށެވެ.

ތަށިދޮންނަ ސިންކު ސާފު ނުވެގެން ކަންބޮޑުވަނީހެއްޔެވެ. އަވަހަށް ކޯލްގެޓް އާދައިގެ ދަތް އުނގުޅާ ބޭސްފުޅިއެއް ގެނެސް ސިންކުގެ ތެރޭގައި ހާކާލާށެވެ. އެއަށްފަހު ދޮންނަ ކުރަކި ސްޕޮންޖުން ނުވަތަ ނަރުގަނޑުން ދޮވެލާށެވެ. ދެން ފެނުން ދޮވެލުމަށްފަހު ބަލައިބަލާށެވެ. އާސިންކެއްގެ ދަޅަ އެޅުން ނުފެނޭހެއްޔެވެ؟

ކާށިތެޔޮ އަގުބޮޑުކޮށް ގަންނަން ޖެހޭތީ ވިސްނަންޏާ ހައްލެއް ބުނެދެން ހެއްޔެވެ.

އަވަހަށް ހައެއްކަ ކާށީގެ ހުނިން ކިރު ފެލާށެވެ. އަދި އުނދުން މައްޗަށް ތެއްޔަކަށް މިކިރު އެތި އުދާލާށެވެ. އެހެން ނޫނީ ފެންކައްކާ ޖަގުގައިވެސް މިމަސައްކަތް ކުރެވިދާނެއެވެ. ޖަގަށް ކިރު އަޅާފައި މަތި ނުޖަހައި ކައްކާށެވެ. އުނދުނުން ވިޔަސް ކަރަންޓުން ޖަގުވިޔަސް ކެކެމުންކެކެމުން ގޮސް ތެލީގެ، ނޫނީ ޖަގުގެ ފުލުގައި ކާށިހުނިކަހަލަ މުށި ނޫނީ ރަތްމުށިކުލައެއްގެ އެއްޗެއް ހިފާފައި މައްޗަށް ތެޔޮކޮޅު ހުންނާނި އަރާފައެވެ. ހޫނު ކަން ހުއްޓައި އަވަހަށް ތެޔޮފޮދު ތަށްޓަކަށް އަޅާށެެވެ. އެހެރީ ކާށިތެޔޮ އަމިއްލަ ބަދިގޭގައި ތައްޔާރު ކުރެވިފައެވެ.

އަސްތާއެވެ. ކާށި ބިންނާނެ ދަގަނޑުއެއްޗެއް ނެތިގެން ކާށި ނުބިނދެވި ހުނި ނުގޭނި، ނޫނީ ކާށިކިރު ނަގަން ކާށި މިކްސްޗަރުން ފުނޑުކުރަން ނުނެއްޓިގެން ކަންބޮޑުވެފައި ހެއްޔެވެ.

އަވަހަށް ފެން އެއްޗެއް ކައްކަން އުދާށެވެ. ކެކެން ފެށި ފެން އެއްޗަށް ކާށިލާފައި ބާއްވާށެވެ. ދެފުށް ދުފުށަށް ކާށި ފުރޮޅާށެވެ. އިސާހިތު ކޫރު އެޅި ކާށި ފެޅިދާނެއެވެ. އަދި ދެންވެސް ދެކިބަ ހަމަ އެގޮތަށް ފެނުގައި ބޭއްވުމުން ކާށްޓާއި ނާށި ވަރަށް ރީއްޗަަށް ވަކިވެދާނެއެވެ.

ބަދިގޭގައި އަމިއްލަ ކުދި މަސައްކަތުން އިތުރު ހަރަދާއި ގިނަ ވަގުތުން ސަލާމަތް ވުމަށް ކުރެވިދާނެ މިފަދަ ކިތަންމެ ކަމެއް ހުންނާނެއެވެ. އެހެންކަމުން އިހަށް ކޮންމެ ފަހަރަކުވެސް ކަމެއް ކުރުމުގެ ކުރިން އިތުރު ގޮތެއް އޮތްތޯ ވިސްނާލުން އެންމެ ރަނގަޅުނޫންތޯއެވެ؟