ވިޔަފާރި ފެށުމަށް ބީއެމްއެލުން ދޭ ހިލޭ އެހީ އަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހު 16 ގެ ނިޔަލަށް ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓަކީ އުފެއްދުންތެރި ވިޔަފާރިތަކަށާއި ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމުގެ އިތުރުން އަލަށް ފަށާ ވިޔަފާރިތަކަށް އެހީތެރިވުމުގެ އަމާޒުގައި މިދިޔަ ޖަނަވަރީ މަހު ތައާރަފުކުރި އެހީ އެކެވެ.

ބީއެމްއެލުން ބުނީ، އެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 16 ވާ ބުދަ ދުވަހުގެ ރޭ 12:00 އަށް ހަމަވާނެ ކަމަށެވެ.

އަދި އެ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ހަތަރު ވިޔަފާރިއެއް ފެށުމަށް ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި މިއީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ހިލޭ ދޫކުރާ ފައިސާ ކަމަށްވެސް ބުންޏެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ މި އެހީއަކީ ކޮންމެ ދާއިރާއަކުންވެސް ވިޔަފާރި ފަށަން ބޭނުންވާ އާންމު ފަރުދުންނަށާއި ރަޖިސްޓްރީ ކުރި ފަހުން އެއް އަހަރު ވެފައި ނުވާ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށެވެ.

އަދި އަލަށް ވިޔަފާރިއެއް ފެއްޓުމުގެ އިތުރުން ވިޔަފާރި ކުރިއެރުވުމަށްވެސް ނުވަތަ އެހެން ވިޔަފާރިއެއް ފެށުމަށްވެސް ބިޒްނަސް ޕްލޭންވެސް ހުށަހެޅިދާނެ ކަމަށާއި އެދުމަކީ ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުން ކަމަށް ވިދާޅުވިއެވެ.

"މި ގްރާންޓްގެ އިވެލުއޭޝަން އަޅުގަނޑުމެން ބަހާލެވިފައި މިވަނީ ދެ ބަޔަކަށް. ފުރަތަމަ އޮންނާނީ ހުށަހަޅާފައިވާ ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުން. ބިޒްނަސް ޕްލޭނުގައި ހިމަނަންޖެހޭ ތަފުސީލުތައްވެސް އަޅުގަނޑުމެން ވާނީ ވެބްސައިޓްގައި ޝާއިއުކޮށްފަ. ބިޒްނަސް ޕްލޭންތަކުގެ ތެރެއިން އެންމެ ރަނގަޅު ދިހަ ޕްލޭން ހޮވައި އެ ޕްލޭންތަކަށް ޕްރެޒެންޓޭޝަން ހުށަހެޅުމަށް ފުރުސަތު ދެވިގެންދާނެ. މި ޕްރެޒެންޓޭޝަން ހުށަހެޅުމަކީ އިވެލުއޭޝަންގެ ދެވަނަ ބައި. ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ޕްރެސެންޓޭޝަން ހޮވިގެންދާނެ،" ސައީދު ވިދާޅުވިއެވެ.

މި ހަތަރު ވިޔަފާރިއަށް ބޭންކް އޮފް މޯލްޑިވްސް އިން މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ވިޔަފާރީގެ މުހިންމު މައުލޫމާތު ދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ސްޓާޓަޕް ގްރާންޓަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފުސީލު ބީއެމްއެލްގެ ވެބްސައިޓް https://www.bankofmaldives.com.mv/startup-grant އިން ލިބެން ހުންނާނެއެވެ.