އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ބައެއް މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލަ ޑިފެންސް މިނިސްޓްރީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމުގައި ހުރި މައުލޫމާތު ހޯދަން ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅައިފައެވެ. ނަމަވެސް ޑިފެންސް މިނިސްޓްރީގެ ފަރާތުން އަޒާނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ހުރުމުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ދިނުނު އިސްތިސްނާވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން އެއްބަސްވުމުގައި ހުރި މައުލޫމާތު ދޭން ދެކޮޅު ހެދުމުން އަޒާން ވަނީ އިންފޮމޭޝަން ކޮމިޝަނަށް އެ މައްސަލަ ހުށަހަޅައިފައެވެ. އިންފޮމޭޝަން ކޮމިޝަނަރު އާހިދު އެ މައްސަލަ ބެއްލެވުމަށްފަހު މިދިޔަ ޖެނުއަރީ މަހު ނިންމެވީ، އުތުރުތިލަފަޅުގެ އެއްބަސްވުމުގައި ގައުމީ ސަލާމަތައް ނުރައްކާވާ މައުލޫމާތެއް ނެތް ކަމަށާއި އަޒާން އެދުނުގޮތަށް އެއްބަސްވުން ހާމަކުރަން ޖެހޭނެ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އެ ނިންމުން މިމަހުގެ އެއް ވަނަ ދުވަހު ޑިފެންސް މިނިސްޓްރީގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ ހައި ކޯޓުން ވަނީ ބަލައިގެންފައެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުން ހާމަނުކުރާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް ވަނީ ކަންބޮނޑުވުން ފާޅުކޮށްފައެވެ. އެ ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އުތުރުތިލަފަޅުގެ އެއްބަސްވުމަކީ އިންޑިއާއަށް ރާއްޖެ ހިބަކޮށްދިނުން ކަމަށް ވިދާޅުވެފައެވެ. އަދި އެއްބަސްވުމުގައިވާ ގޮތުން އުތުރުތިލަފަޅުގައި އަޅާ ކޯސްޓުގާޑުގެ ޑޮކްޔާޑަށް ދިވެހި ސިފައިންގެ ބެލެމުގެ ދަށުގައި އޮތުމުގެ ބަދަލުގައި އޮންނާނީ އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގައިކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައިއެވެ.

ނަމަވެސް ރައީސް ޔާމީންގެ އެ ތުހުމަތުތައް އެމްއެންޑީއެފްގެ ޖެނެރަލުން ވަނީ ދޮގުކުރައްވައިފައެވެ. އެ ބޭފުޅުން ވިދާޅުވެފައިވަނީ އުތުރުތިލަފަޅުގައި އަޅާ އެމްއެންޑީއެފްގެ ޑޮކްޔާޑުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސިފައިންނަށް ކަމަށެވެ.