ހަނދާން ހުންނަން ފެށީއްސުރެ އަދާ ހަމައަށްވެސް ދިވެހީންގެ ތެރެއިން ބަދަލެއް ނައިސް ކުރިއަށްދާ އާދަކާދައިގެ އެއް ކަމަކީ ރޯދައަށް ތައްޔާރުވުމެވެ. އިހާއި މިހާރުގެ ތަފާތުތަކެއް ބޮޑު ފަރަގަކުން ހުރިކަމުގައި ވިޔަސް މިއީ ދިވެހިން ދުރާލައި ތައްޔާރުވާ މަހެކެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައިވެސް މުސްލިމު ގައުމުތަކުގައި ހާއްސަ މަހެކެވެ. މުސްލިމުން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރާ ހާއްސަ މަހެކެވެ. މި އޮނަތިރީސް ނުވަތަ ތިރީސް ދުވަހަށް ތައްޔާރީތައް ކުރުމާއި އެދުވަސްތަކުގައި ކުރާނެ ހާއްސަ ކަންތައްތައް ރޭވުމާއި އެމަހުގެ ކޮންމެ ދުވަހެއްގެ ހުރިހާ ވަގުތުތަކެއް ގެންދާނެ ގޮތުގެ ތާވަލެއް ލިޔުމަކުން ނެތަސް ސިކުނޑީގައި ނަމަވެސް ރައްކާ ކުރެވެއެވެ.

ދިވެހީންގެ ތެރޭގައި އަބަދުވެސް ރޯދަމަހަކީ ފާހަގަކޮށްލެވޭ ބޮޑު މަހެކެވެ. ޖުމާދަލްއާހިރަށް ހަނދު ބެލުމާއެކު ގޭގޭގެ ތައްޔާރީތަކުގެ މަލަމަތި ފެންނަން ފަށާނެއެވެ. މަހުން ގުނެމުން ރަޖަބު، ޝައުބާން ކިޔާފައި ރަމަޟާން ކިޔުމަށް ވާ ތައްޔާރީތައް ނިންމާލާ ދުވަހުގެ މާހެފުމަށްވެސް ދުރާލައި ތައްޔާރުވެއެވެ. މާހެފުމަށްފަހު ރޯދަ ހިފުމާ ދެމެދު އޮންނަނީ ސައުވީހަކަށް ގަޑިއިރެވެ. އެއީ ރޯދަ ހިފުމުގެ ކުރިން މާހެފުމުގައި ލިބުނު ވަރުބަލިކަން ފިލުވުމާއެކު ގޭތެރެއާއި މަސައްކަތުގެ ދާއިރާގެ އެންމެ ފަހުގެ ނިންމުންތައް ބަލައި ޗެކްކޮށްލުމަށްޓަކައި ހާއްސަވާ ދުވަހެކެވެ.

ކޮންމެއަކަސް ހަނދުބެލުމުގެ ފޯރި މިއަދު ފެންނަން ނެތަސް، މިރޭ ރޯދަ 'ވަންނަ'ތޯ ބަލަން، އެންމެންވެސް ތިބެނީ ތައްޔާރުވެގެނެވެ. ޝައުބާން މަހުގެ އޮނަތިރީސްވަނަ ދުވަހުގެ ރޭ، ހަނދު ފެނުނު ކަމުގެ ނުވަތަ ނުފެނުނިއްޔާ، އިއުލާން ކުރުމަށް 'ރަމަޟާން މަހުގެ ހަނދު ބެލުމުގެ ރަސްމިއްޔާތު'ގެ ޖަލްސާ ވަގުތުން ކުރިއަށްދާނެއެވެ. މިރޭ ނޫން މާދަމާރޭ ރޯދަވަންނަ ކަމުގެ ހަބަރު، އިއުލާން ކުރުމާއެކު އެކަކު އަނެކަކަށް ތަހުނިޔާ މުބާރަކްބާދީ ކިޔާއަޑު ގަދަވެގެންފިނަމަ، ރޭގެ ޖަލްސާ ބަލަން ނެތް މީހަކަށްވިޔަސް މާދަމާ ރޯދައަށް ވީކަން ޔަގީންވީއެވެ. މާދަމާ ރޯދައަށް ވެއްޖެ ނަމަ ކުރިއާލައި ތައްޔާރުވެގެން ތިބިނަމަވެސް މިރެއަށް ކެއްކުން އޮންނާނީ ހަނދު ކަށަވަރު ވަންދެން ފަސްކޮށްފައިކަމުން، އަންހެންވެރިން އަވަހަށް ތެޅިގަންނާނީ ހާރުކެއުން ތައްޔާރުކުރުމަށެވެ. ރޯދަ ވެއްޖެނަމަ ރޭގެ އެގަޑިއާ ހަމައަށް އޮތް ތާވަލު ބަދަލުވީއެވެ. އެހިސާބުން ރޯދައިގެ ތާވަލާއި ގަވާއިދު ހިނގައިގަންނާނެއެވެ.

ނުވަދިހައިގެ އަހަރުތަކުގައި ރާއްޖޭގެ ރަށްތަކުގައި ރޯދައަށް ހަނދުބެލުމާއި ހަނދު ފެނުމުން ކަންތައް ކުރާ ގޮތާ އަޅައިބަލާއިރު ހަމައެންމެ ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް ރާއްޖެއަށް އައިސްފައި މިއޮތީ ބޮޑު ބަދަލެކެވެ. އިރެއްގައި ރޯދައަށް ހަނދުބެލުމުގެ ތިންމަސް ކުރިން ތައްޔާރު ކުރެވެނީ ހަމައެކަނި ގޭގެއާއި ދިރިއުޅޭ ތަންތަން އެކަންޏެއް ނޫނެވެ.

މިހާރުވެސް މަދުން މިކަން އޮތަސް މިކަން ފެންނަލެއް ވަރަށް މަދެވެ. ހިތާމައާއެކު ބުނަން ޖެހެނީ މިފަދަ ކަންތައް އުވެމުން ނެތެމުން ދަނީކަން ޔަގީންވާ ވާހަކައެވެ. ޖުމާދުލްއާހިރަ ފެށުމާއެކީ އިހަށް ވޭތުވެދިޔަ އަހަރުތަކުގައި ނުހިފި ދޫކޮށްލެވިފައި ހުރި ރޯދަތައް ހިފުމުގެ އިތުރަށް ވީހާވެސް ވަރަކުން ރޯދަހިފުން އާންމުވާނެއެވެ. ސަބަބަކީ ބުއްދީގެ ޒަރީއާއިން ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނާލައިފިނަމަ ގަބޫލު ކުރެވޭ ވަރަށް ފުރިހަމަ ސަބަބެކެވެ. ގެއްލިފައިވާ ރޯދަ ގަޟާ ކުރުމުން މިއަހަރުގެ ރޯދަ މަސް ހިބައިން ފަސޭހަކަމާއެކު ލިބުނީއެވެ. ހަމައެއާއެކު ރޯދަހިފުން ގިނަ ކުރިވަރަކަށް ރަމަޟާން މަހު ރޯދައަށް ހުންނަން މީހާއަށް ފަސޭހަވެ ލުއިވެގެން ދާނެއެވެ. އެއީ ފާޑެއްގެ ރޯދަ ތަމްރީނެކެވެ.

އަދިވެސް މާކުރީގެ ނޫނަސް ކައިރި މާޒީއަކަށް ބަލައިލައިފިނަމަ ފެންނަ އެއްބައިވަންތަކަމާއި އާއިލީ ލޯތްބާއި އެކުވެރި ގާތްތިމާގެ ކަމުގެ ގުޅުންވެސް އިންތިހާއަށް ބޮޑަށް ބަދަހިވެގެން އަންނަ މަންޒަރު މިހާރު ވަރަށްވެސް މަދުން ނޫނި ނުފެންނާނެއެވެ. އަހަރުތަކެއް ކުރިން ރޯދަ މަސް އަންނަ ކަން އެނގޭ އެންމެ ބޮޑު އެއް ހެއްކަކީ ރަށްރަށުގެ ގޮނޑުދޮށްތަކުންނާއި އަތިރިމަތިން ފެންނަ ވެލިހަދާ މަންޒަރެވެ. މިހާރު ވަރަށް މަދުން ނޫނީ ނުފެންނަ މިމަންޒަރަކީ ރޯދަމަހަށް ހާއްސަކޮށް ކުރާ މަސައްކަތެކެވެ. އޭރުގެ ހިތްގައިމު ހަނދާނެއް އާކޮށްލަމާތޯއެވެ!

ރޯދައަށް ތައްޔާރުވުމަށް މަސްދެމަސް ކުރިން ހަދާ އެއްކޮށް ފުނިފުނި ޖެހިފައި ހުންނަ ވެލިފުނިފުނިތަކުން ތަފާތު ބައިބަޔަށް ވެލި ވަކިކޮށް، އެބައެއް ހާއްސަވާ ސަރަހައްދަކަށް އެވެއްޔެއް އަޅަން ފަށާނީ ރޯދައިގެ ހަނދުބެލުމުގެ ދެތިން ހަތަރު ދުވަސްކުރިންނެވެ. މިވެލީގެ ތެރޭގައި ކަށިވެލި، މަސްހުނިވެލި، ރާޅުވެލި، އަކިރިވެލި ހިމެނެއެވެ. މިއީ ފުރޭންޏެއް ހަދައިގެން އެއިން ފުރާނައިގެން ބައިބައި ކުރާ ވެލިތަކެކެވެ. ބައެއް މީހުން މިމަސައްކަތް ކުރަން ނުޖެހޭނެހެން އަތިރިމަތީގައި ތިބެ ވެލިހަދާއިރު، ބައިބައި ވަކިކޮށްލައިގެން ފުނިޖަހާފައި ހުރެއެވެ. ކޮންމެ ގެއެއްގެ ވެސް ގޯތިތެރޭގެ ދެތިން ބައެއް އޮވެއެވެ. ކެއުމަށް ހާއްސަކޮށްފައި ހުންނަ، ބަދިގެއިން ބޭރު ކާގެއަށް އަޅާ ވެއްޔާއި އުނދޯލިގެއަށް އަޅާ ވެއްޔާއި މައިގޯއްޗަށް އަޅާ ވެއްޔާއި ގޭގެ ދޮރާށި ކުރިމައްޗަށް އަޅާވެލީގެ އިތުރުން ގޯޅިތެރެއަށާއި މަގަށްވެސް ވެލިލާނެއެވެ. އެންމެ މަދުވެގެން ވެސް އަހަރަކު އެއްފަހަރު ގޭގެއަށް ވެލިލާނެއެވެ. އެހެންކަމުން މިއެއް ފަހަރު ހާއްސަ މިވަނީ ރޯދައަށެވެ. މިއީ އާންމުކޮށް ރާއްޖޭގެ ރަށްފުށުގެ މަންޒަރުތަކުން އެންމެ ހިތަށް ފިނިކަމެއް ލިއްބައިދޭ އެއްމަންޒަރެވެ. ހާއްސަ ބައެއް ދުވަސް ދުވަހަށް ވެލި އާކުރުމާއި ވެލިގަނޑު ކަޅުވެ ހަޑިވުމުން ވެލިއާކުރުންވެސް އޮވެއެވެ.

ކޮންމެއަކަސް ވެލިލުމުގެ މިމަސައްކަތާއެކު ގޭގޭގެ ތަށިތެލި އާކުރުމާއި ދޮރުފޮތިތަކާއި ފަލަނގުފޭލިތަކާއި މިލަފޭލި، ބާލީހުއުރަ، ގޮނޑިސެޓް، ސޯފާސެޓުގެ އުރަތައް ބަދަލު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. ގިނަގޭގޭގަ އަބަދުވެސް ރޯދައަށް ހާއްސަކޮށްގެން ބޮޑުފޮށިން، ނުވަތަ ބޮޑު އަލަމާރިން ނަގާ ތަށިތެލިސެޓުތަކާއި އޫސަމުސާއުނދުޅި ހުރެއެވެ. އަދި ފާޑުފާޑުގެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ބައްތިތަކާއި ވަށިގަނޑުތަކާއި ތަބައްތައްވެސް ހުރެއެވެ. ތަށިބަހައްޓާ ހަރުގަނޑުވެސް ހުރެއެވެ. މިފަދަ ތަކެތި ރޯދައަށް ހާއްސަކޮށް ނަގައި ގެންގުޅެފައި އަނެއްކާވެސް އަނެއް އަހަރަށް ރައްކާ ކުރެވޭއިރު ބައެއް ފަހަރަށް މިފަދަ ތަކެތި ބޮޑުފޮށިންވެސް އާކުރެވެއެވެ. ގޭގެ ފަރުނީޗަރުތަކަށް އޭރުގެ އެންމެ އާންމު އެއްޗަކީ އުނދޯއްޔާއި ޖޯއްޔާއި އަނދަރާދަގޮނޑިއެވެ. ދެން ހުންނާނީ އިށީންނަން ބޭނުން ކުރާ ކުޑަގޮނޑިއެވެ. މިއީ ވަކަރުން ހަދާފައި ހުންނަ ކުޑަގޮނޑިއެކެވެ. އަދި ކޮޅުފިލާގޮނޑިއަކީވެސް ހާއްސަ އެއްޗެކެވެ. މިފަދަ ތަކެތީގެ ތެރެއިން ކޮޅުފިލާ ގޮނޑިއާއި ކުދިގޮނޑިތަކުގެ ކުލަ ބަދަލުކޮށްލެވެއެވެ. އުނދޯލީގެ ވައު އާކޮށް ރޯނު އާކޮށް ކުނަލާއި ބާލީސް، ކަންނެޔޮ އުރަ ބަދަލުކޮށްލެވެއެވެ. އުނދޯލިގޭގެ ފަނުން ހަދާފައި ހުންނަ ގެގަނޑު ބަދަލުކޮށް ދަނޑިފަން އާކުރެވެއެވެ.

ވެލިލުމާއި ގޭތެރޭގެ ތަންތަން ދޮވެ ސާފުކޮށް އެއްމަސްދުވަހަށް ވާވަރަށް ހިރަފުސް ފޮޅައި ރޯދައަށް ހާއްސަ ގޮނޑިތަކާއި މޭޒުފަދަ ތަކެތި ނެރެ އަތުރައި މިފަދަ ހުރިހާ މަސައްކަތަކުން އަވަދިވާ، ޖުމާދިލްއާހިރަ މަހުގެ އަށާވީސް ނުވަތަ އޮނަތިރީސް ވަނަ ދުވަހުގެ މެންދުރަށް އިރު މެދުޖެހޭ ވަގުތަކީ މާހެފުމަށް ފަށާ ވަގުތެވެ. މާހެފުމުގެ ހާއްސަ ރަސްމިއްޔާތު ރޭގަނޑުގެ ފުރަތަމަ ދަމަށް ބާއްވާފައި، އެއަވެލިގަނޑު މޮޑެ މަސްހަނާކުރި ތެލިތަކާއި، މެންދުރަށް މަސްބަތްގަނޑާއި ރިހާކުރު ތެލުލި ތެލިތާސް ހިފައިގެން އަދި ރޯދައަށް ދޮންނަން ޖެހިފައި ހުރި ހާއްސަ ތެލިތާސްތައް ހިފައިގެން އާއިލާތައް އެއް އަޑަކުން އެއް ރާގަކަށް 'ޕެރޭޑް' ފަށާނެއެވެ. ބޭން ޖަހާފައި ކުދިބޮޑު އެންމެން ފައިބައި އަތިރިމަތި އެއްކޮޅުން އަނެއްކޮޅަށް އޮންނާނީ ފުރާލައިފައެވެ. ބައެއް އާއިލާތައް ތަންކޮޅެއް ދުރު ޕިކްނިކް ޕޮއިންޓުތަކަށްވެސް ދާނެއެވެ.

ކެއުންގަނޑަކާއި މަޖާ ހެފުންތަކަކާއިއެކު މޫދުގެ ލޮނުގަނޑުތެރޭ ދުވަހުގެ އިރު ތިރިވަންދެން އާއިލާތައް އުޅޭއިރު، ދަތްޕިލާ ސާފުކުރުމާއި ފިޔަވަޅުތައް ދޮވެ އޮފް އެރުވުން ފަދަ ކަންތައްވެސް ކުރިއަށްދާނެއެވެ. ހަވީރުވުމުން ގެއަށް އައުމާއެކު ގެންދިޔަ ތެލިތަކާއި ލޮނު ހުރި އަންނައުނުތައް ދޮވެ ހިއްކަން އެޅުމަށްފަހު އެންމެންވެސް ރީތިވެ ޗާލުވާނީ ރޭގަނޑަށެވެ. ރޭގަނޑު އިޝާއިން ފޭބުމަށްފަހު ގޭގޭގެ ގޯޅިތަކުގެ ތެރެއިންލާފައި މަގުތަކުގެ ތެރެއިން ދަމާލެވޭ މޭޒުތަކުގެ ސިލްސިލާ ފަޅުފިލުވާލަނީ އަވެލިތަށިތަކުންނާއި ކަށިކެޔޮބޮނޑިބަތް، ފުފޫކަނދި، މާޅޮސްކޭލުކަނދި، ދޮންކެޔޮލީބިސްކޯދު ފަދަ ފޮނިކާއެއްޗެހިންނާއި އެފޮނިރަހައާއެކު ރަހަހެޔޮވަރުކުރާނެ ފިހުނުމަސް، ތެލުލިމަސް، ހަނާކުރި މަސް، މަސްފޮތި، ފިހުނުކުކުޅުމަސް ކަހަލަ ކުޅިލޮނުރަހަދޭ ފާޑުފާޑުގެ މަސްތަށި ތަކުންނެވެ. ހަމައެހެންމެ، މަސްކާށްޓާއި، ތެލުލި އަލަ، ބަނބުކެޔޮ، ހިކިމަސް، ރޯކުރޮޅިފޮތިތައް، ކާށިފޮތިފަދަ ލުއިކެއުން ހުރި ތަށިތައްވެސް ހުރެއެވެ. މިއާއެކީ ހުންނަ މީރު ލުއި ބުއިންތަކާއި ސަރުބަތުތަށިތައް ހަށިގަނޑު ތާޒާކޮށްލައެވެ.

އެއްބައިވަންތަކަމުގެ މިސިލްސިލާ، މާހެފުމަކީ އެއްގޭގެ ކެއުން އަނެއްގޭގެ މީހުންނަށް ކެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ސުފުރާތަކެކެވެ. މިފޯރީގެ ތެރޭގައި ލަވަބާޒީއާއި ކުދި ސަމާސާތައް ކުރިއަށްދާނެއެވެ. އަދި އެންމެން އިންތިޒާރު ކުރަމުން އަންނަ ހަނދު ބެލުމުގެ ހަބަރުނަގަން ދިޔަ މީހުންނަށް ތައްޔާރުކޮށްފައިވާ ހާއްސަ ތަށިބަރި ހިފައިގެން އަންހެންވެރިން ރަށުގެ އަތިރިމައްޗަށް ހަނދު ބެލުމަށް ދިޔަ ފިރިހެންވެރިންގެ އިންތިޒާރުގައި ރަށުގެ އަތިރިއަށްދާ ދިމާލުން މަގުކޮޅުގައި ތިބެއެވެ.

"އޭތް އޯތް މީސްތަކުންނޭވެ ޔޯތްޔޯތް. ހަނދުފެނިއްޖެޔޯތް. ރޯދަ ވަދެއްޖެޔޯތް. ހަނދުފެނިއްޖެޔޯތް. ރޯދަވެއްޖެޔޯތް."

ހަނދުސާބިތު ކުރަން ދިޔަ ހިސާބުން ޔޯތް ގޮވާ އަޑާއެކު ރަށުތެރޭ ޔޯތް ގޮވަމުން އެކި މަގުތަކުންނާއި ގޯޅިގޯޅިތަކުން ލޯތަށްޓެއްގައި ތަޅަމުން ދުއްވައިގަންނަ އެއްފުރައިގެ ފިރިހެން ކުދިންނާއި ޒުވާނުން މިއެހީވަނީ ރަށުއޮފީހުގެ ޕިޔޯނުފަކީރަށެވެ. ކޮންމެއަކަސް މާދަމާ ރޯދަވީއެވެ. އެއްމަސްދުވަހަށް ގޭގެއާއި ރަށުތެރޭގެ ހުރިހާ ކަމެއް ބަދަލުވީއެވެ.

ހާރުކެއުމަށް ތައްޔާރުވާން ފެށިދާނެއެވެ. ފިހާރަތަކާއި އޮފީސްތަކުގެ ގަޑިތައް ބަދަލުވެދާނެއެވެ. އޭރުގެ ސުކޫލުތައް ރޯދައިގައި ބަންދުވާނެއެވެ. ކިޔަވައިދިނުން އޮންނާނީ ހަމައެކަނި ގުރުއާން ކިޔަވައިދޭ ގޭގޭގައި، އެދުރުގޭގޭގައެވެ. އަނެއްދުވަހުގެ ހެނދުނު ރަށުތެރޭގެ ހޭލަމޭލަ ފެށޭނީ ހެނދުނު ދިހައެއް ޖަހާކަށްހާއިރެވެ. އެއްވެސް ގެއެއްގަ މެންދުރުފަސްނުވަނީސް ބަދިގޭގެ ތަޅެއް ނުހުޅުވޭނެއެވެ. ރޯދަ ނުހިފޭވަރުގެ ކުޑަކުދިންނަށް ކާންދީ އެކުދިންވެސް ގުރުއާން ކިޔެވުމަށް ބޮޑެތި މީހުންނާއެކު ދިހައެއް ޖެހީއްސުރެ ނުވަތަ އެގާރަޖެހީއްސުރެ މެންދުރުވަންދެން ތިބެއެވެ. މިއީ ގޭމް ކުޅެން ބްރިކްސްގޭމް އޭގެ ފަހުން ގޭމްބޯއި ލިބުނު ދުވަސްވަރުގެ ހަނދާނެކެވެ. ބަސްއަހައިގެން ރޯދައަށް ތިބޭ ކުދިންނަށް ބްރިކްސް ގޭމާއި ގޭމްބޯއި ލިބުމުން އެވާ އުފާ މިހާރުގެ ކުއްޖަކަށް އިހުސާސްވެސް ނުވާނެކަންނޭނގެއެވެ.

ކޮންމެއަކަސް މިއީ ރޯދަމަހުގެ ފުރަތަމަ ރޯދައާ ހަމައަށް ދާދި ފަހަކާ ޖެހެންދެންވެސް އޮތް އާދަތަކެކެވެ. ފަހޭ މިބުނެވެނީ ނުވަދިހައިގެ އަހަރުތަކުގެ އާދަތައް ކަމަށްވާތީއެވެ. އޭރުގެ އެތައް ބައިވަރު ކަންތައްތައް ކުރުމުގެ ތެރެއިންވެސް މާހެފުމާ ހަމައަށް ދާއިރު ރޯދައަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް އޮންނަނީ މުޅިންހެން ނިމިފައެވެ. މިހާރުގެ ތަރައްގީގައި މިހާރަކީ، ނުހަނު ފަސޭހަ، ހުރިހާ ކަމެއްވެސް ޓެކްނޮލޮޖީގެ ކުރިއެރުމާއި ލިބިފައިވާ ފަސޭހަތަކާއެކު ކުރިއަށްދާ ދުވަސްވަރެކެވެ. މިއަރާމު ހަމަޖެހޭ ދިރިއުޅުމުގެ ޒަމާނުގައި ރޯދައިގެ ތައްޔާރީތައް މާހެފުމާ ހަމައަށް ނިމޭބާވައެވެ.