ހުޅުމާލޭގައި މިދިޔަ އާދީއްތަ ދުވަހު ހިނގި އެކްސިޑެންޓުގައި ނިޔާވި މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ މެމްބަރު އާމިނަތު އީމާންއަށް ކޮންމެ މަހަކު ކައުންސިލުން ލިބެމުންދިޔަ 5000 ރުފިޔާގެ އެލެވެންސް އޭނާގެ އާއިލާއަށް ދޭން ސަރުކާރަށް ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލުގެ އާންމު ޖަލްސާގައި އީމާންގެ އާއިލާއަށް ކޮންމެ މަހަކު 5000 ރުފިޔާގެ އެލަވެންސްއެއް ދިނުމަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ.

ނަހުލާގެ އެ ހުށަހެޅުން ފާސްކޮށް، އެކަން ސަރުކާރަށް ހުށަހެޅުމަށް ފާސްކުރީ ކައުންސިލްގެ 17 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ހުށަހެޅުން ފާސްވުމުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އީމާންއަށް ކޮންމެ މަހަކު ލިބެމުންދިޔަ އެލެވެންސް، ދައުރު ނިމެންދެން އޭނާގެ އާއިލާއަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެލްޖީއޭއާއި ފިނޭންސް މިނިސްޓްރީގައި އެދޭނެ ކަމަށެވެ.

އެކްސިޑެންޓުގައި ބޮލުގެ ނާށިގަނޑު ފަޅާއިގެން ސިކުނޑިއަށް ލޭ އެޅި، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް އީމާން ނިޔާވީ އިއްޔެ ހެނދުނު 7:42ގައެވެ. އީމާން ނިޔާވި އިރު 10 އަހަރުން ދަށުގެ ކުޑަ ދެ ކުދިންނާއި ފިރިއަކު ދުނިޔޭގައި އެބަ ތިއްބެވެ.