ރާއްޖެއަށް އެތެރެކުރާ ފިއުލް ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި އެސްޓީއޯ އިން ފިއުލް ޓެސްޓިން ލެބޯޓަރީއެއް ހުޅުވައިފިއެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކަަށް ފެތޭ ގޮތަށް ގާއިމުކޮށްފައިވާ މި ލެބޯޓަރީ ހުޅުއްވައިދެއްވީ އެ ކުންފުނީގެ ޗެއާމަން ހާމިދު ނަޝީދު މުހައްމަދާއި ބޯޑް މެންބަރު އައިމިނަތު ރުޝްމާއެވެ.
އެކަމަށްޓަކައި އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ހުސެއިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ ރާއްޖޭގައި މިފަދަ ލެބޯޓަރީއެއް ހުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެ ލެބޯޓަރީގެ ސަބަބުން ރާއްޖޭގައި ތެލުގެ ވިޔަފާރިކުރާ ކުންފުނިތަކަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
"ލެބޯޓަރީން ފިއުލް ޓެސްޓު ކުރަން ފެށީމަ ވަރަށް ފަސޭހަ ވާނެ އެމްއޭސީއަލް ވެސް. އޭރުން ގިނަ ދުވަހު މަޑުކުރާކަށް ނުޖެހޭނެ ތެޔޮ ނާޅާ. މިތާގެ ޓެސްޓުތަކުގެ އަގުވެސް ބޭރު ތަންނަނަށްވުރެ ހެޔޮވާނެ. ހާއްސަގޮތެއްގައި އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓް ރީ ޓެސްޓުކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވުން ނިމުމަކަށް ގެނެވޭނެ. މިއީ ރާއްޖޭގައި ކޮންމެހެން ހުންނަންޖެހޭ ލެބޯޓަރީއެއް،" އަމްރު ވިދާޅުވިއެވެ.
އެސްޓީއޯއިން ހަރަދުކޮށްގެން ހުޅުވާފައިވާ މި ލެބޯޓަރީގެ ކޮލިޓީ ޓެސްޓިންގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމަށްޓަކައި ލެބޯޓަރީ އޮޕަރޭޓް ކުރާނީ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިންނެވެ. ޖީއީއޯ ކެމް އިން ބުނިގޮތުގައި މިވަގުތު އެ ކުންފުނީގެ ޓެކްނީޝަނުން ލެބޯޓަރީގައި މަސައްކަތް ކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި އެތަނުގައި މަސައްކަތް ކުރާނީ ދިވެހިންނެވެ. އެކަން ހާސިލުކުރުމަށް ދިވެހިން ތަމްރީން ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ލެބޯޓަރީން ފިއުލް ޓެސްޓުކުރަން ފެށުމާއެކު ޖީސީސީ އެކްރެޑިޓޭޝަން ސެންޓަރުގެ އައިއެސްއޯ އަދި އައިއީސީ 17025:2017 އެކްރެޑިޓޭޝަން ލިބޭނެއެވެ. މި ލެބޯޓަރީ ވެގެންދާނީ ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ ތަނަކަށް ކަމަށާއި މި ލެބޯޓަރީން ދޫކުރާ ޓެސްޓު ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބަލައިގަންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެެ. މި ލެބޯޓަރީން ހަދާ ޓެސްޓު ސެޓްފިކެޓުތައް ދޫކުރާނީ ސީދާ ޖިއޯމް މިޑްލް އީސްޓްގެ ފަރާތުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު