އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި އެވަޓަން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗު އެއްވަރު ވެގެން ނިމެން ދަނިކޮށް، ފަހު ދިހަ މިނެޓުގެ ތެރޭގައި ސިޓީއަށް ގޯލު ޖަހައިދިނީ ފިލް ފޮޑެންއެވެ. ފޮޑެންގެ އެ ގޯލާއެކު މެޗުން ތިން ޕޮއިންޓް ޔަގީންކޮށް، ސިޓީ ވަނީ އަނެއްކާވެސް ތާވަލުގެ އެއްވަނައިގައި ފަރަގު ބޮޑުކޮށްފައެވެ.
ސިޓީން މިހާތަނަށް ކުޅުނު 27 މެޗުން އެޓީމަށް 66 ޕޮއިންޓު ލިބިފައިވާ އިރު، ދެވަނައިގައި ވިއްދާފައި އޮތް ލިވަޕޫލުން ވަނީ 26 މެޗުން 60 ޕޮއިންޓް ހަމަކޮށްފައެވެ. ލީގު ތައްޓަށް ސިޓީއާ ވާދަކޮށްލެވެން އޮތީ ހަމައެކަނި ލިވަޕޫލް ކަމަށްވާ އިރު، ރޭގެ މޮޅަކީ ސިޓީއަށް މުހިންމު މޮޅެކެވެ. އަންނަ ހަފުތާގައި ސިޓީން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ލީގުގައި ނުކުންނަ އިރު، ލިވަޕޫލާ ދެކޮޅަށްވެސް އަދި މެޗެއް އެބަ އޮތެވެ.
މިވަގުތު 17 ވަނައިގައި އޮތް އެވަޓަންއަށް ރޭގެ ބައްޔާއެކު ރެލިގޭޝަނާ ހަނގުރާމަ ކުރަން ޖެހިފައިވާ އިރު، ރޭގެ މެޗުގެ ފަހު ކޮޅުގައި އެވަޓަންއާ ދެކޮޅަށް ރެފްރީ ނިންމި ނިންމުމަކަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ސިޓީގެ އޭރިއާ ތެރެއިން ރޮޑްރީގެ އަތުގައި ޖެހި އެވަޓަންއިން ވަރަށް ބޮޑަށް ޕެނަލްޓީއަކަށް އެޕީލްވެސް ކުރި އިރު، އެ ބޯޅަ ސާފުކޮށް ރޮޑްރީ އަތުގައި ޖެހުނު ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީ ނުދިނުމަށެވެ.
ވީއޭއާރް ބަލައި ރެފްރީ ޕައުލް ޓީނީ ޕެނަލްޓީ ނުދޭން ނިންމި ނަމަވެސް މީސް މީޑއާގައި އެކަމަށް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ކުރީގެ ކުޅުންތެރިންނާއި އެނަލިސްޓުންވެސް އެ ނިންމުމަށް ފާޑު ކިޔައިފައިވެއެވެ.
"އަހަރެންގެ ހުންނާނެ ތިން އަހަރުގެ އަންހެން ދަރިއެއް. އެ ދަރިފުޅަށްވެސް އެނގޭނެ އެ ބޯޅަ ޖެހުނީ އަތުގައިކަން. އެ ބޯޅައަށް ޕެނަލްޓީ ދޭން ޖެހޭނެކަން. އެއީ އެހާވެސް ފަސޭހަ ނިންމުމެއް. އަހަރެން ބެލިން އެ އެޓޭކަށް ދިޔައިރު އެއްވެސް ކުޅުންތެރިޔަކު އޮފްސައިޑް މަގާމެއްގައި ހުރިތޯ. އެކަމަކު އެހެންވެގެންވެސް ނޫން ޕެނަލްޓީ ނުދިނީ،" ރޭގެ މެޗަށްފަހު ރުޅި އައިސްފައި ހުރި ކޯޗު ފްރޭންކް ލެމްޕާޑު ބުންޏެވެ.
ލެމްޕާޑު ބުނީ ލީގުގެ މިހާ ހިސާބަށް ގޮސްފައި އޮންނަ އިރު، ކޮންމެ ނިންމުމެއް، ކޮންމެ ޕޮއިންޓެއްވެސް މުހިއްމު ވާނެ ކަމަށާއި، ރޭގެ މެޗުން ގެއްލިގެން ދިޔަ ޕޮއިންޓަކީ ސީދާ ރެފްރީގެ އިހުމާލުން ގެއްލުނު ޕޮއިންޓެއް ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު