ނޭޓޯގެ ދިގު ގޮތަކީ ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން އެވެ. މިއީ ޔޫރަޕާއި އުތުރު އެމެރިކާޔާއި ޔޫރޭޝިއާގެ 30 ގައުމެއް އަސްކަރީގޮތުންނާއި ދިފާއީގޮތުން ބަނދެވި ގޮށްޖެހިފައިވާ ޖަމާއަތެކެވެ. ދުނިޔޭގެ އެންމެ ބޮޑު އަދި ބާރުގަދަ އަސްކަރީ ޖަމިއްޔާއެވެ. މި ޖަމިއްޔާ އުފެދުނީ ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށްފަހު ރަޝިޔާގެ ބާރުގައި ހަލުވިކޮށް ކޮމިއުނިޒަމް ފެތުރި ރަޝިޔާގެ ނުފޫޒު އިތުރުވަމުންދާތީ ރަޝިޔާއާ ކުރިމަތިލައި އެކަން ހުއްޓުވުމުގެ ބޭނުމުގައެވެ. ނޭޓޯގެ އަމާޒަކީ ރަޝިޔާ ހިފެހެއްޓުމެވެ. އޭރު އޮންނަނީ ރަޝިޔާއެއް ނޫނެވެ. ސޯވިއެޓް ޔޫނިއަންއެވެ. އެ ޔޫނިއަނުގައި 15 ޖުމްހޫރިއްޔާ ހިމެނުނުއިރު އޭގެތެރެއިން ހުރިހައި ގޮތަކުންވެސް އެންމެ ބިޔަ އަދި ބާރުގަދައީ ރަޝިޔަން ފެޑެރޭޝަނެވެ. ރަޝިޔާއެވެ.
ނޭޓޯ ޖަމާއަތް އެންމެ ފުރަތަމަ 1949 ވަނަ އަހަރު އުފެދުނީ 12 ގައުމުގެ މައްޗަށެވެ. އޭގެތެރެއިން އިޓަލީ އާއި ލަގްޒެމްބޯގް ފިޔަވައި އަނެއް ދިހަ ގައުމަކީ އެޓްލާންޓިކް ކަނޑުގެ އުތުރުފަޅީގެ ދެ ބިތުގެ އައްސޭރީގައިވާ ގައުމުތަކެވެ. އެމެރިކާ އާއި ކެނެޑާ އޮންނަނީ އުތުރު އެޓްލާންޓިކްގެ ހުޅަނގު އައްސޭރީގައެވެ. ނޯވޭ، ޑެންމާކް، ހޮލެންޑް، ބެލްޖިއަމް، ފްރާންސް، ޕޯޗުގަލް އަދި އިނގިރޭސިވިލާތާއި އައިސްލެންޑް އޮންނަނީ އުތުރު އެޓްލާންޓިކްގެ އިރުމަތީ އައްސޭރީގައެވެ. މި ޖަމާއަތުގެ ނަން އުތުރު އެޓްލާންޓިކަށް ނިސްބަތްވަނީ އެހެންވެގެންނެވެ. ނޭޓޯ އުފެއްދުމުގެ މުއާހަދާގައި މިދެންނެވި ބާރަ ގައުމު 4 އެޕްރީލް 1949 ގައި ސޮއިކޮށް އެ ޖަމިއްޔާ ވުޖޫދުކުރުމަށްފަހު އެންމެ ފުރަތަމަ އެ ޖަމާއަތުގެ ހެޑްކުއާޓަރު ހުރީ ފްރާންސްގެ ވެރިރަށް ޕެރިހުގަައެވެ. އެއަށްފަހު 1967 ވަނަ އަހަރުން ފެށިގެން މިއަދާހަމަޔަށް ބެލްޖިއަމްގެ ވެރިރަށް ބްރަޒެލްސްގައެވެ.
ނޭޓޯ އުފެދުމަށްފަހު މިހާތަނަށް ފާއިތުވެގެންދިޔަ 73 އަހަރުގެ ތެރޭގައި 8 ފަހަރު އެޖަމާއަތް ފުޅާކޮށްފިއެވެ. އައު މެންބަރުން ވައްދައިފިއެވެ. އެންމެ ފުރަތަމަ ފުޅާކުރެވުނީ 1952 ގައެވެ. އެފަހަރު ވެއްދުނީ މެޑިޓެރޭނިއަންގެ އައްސޭރީގައިވާ ގްރީސް އާއި ތުރުކީއެވެ. އޭގެ ތިން އަހަރު ފަހުން 1955 ގައި އިތުރު ކުރެވުނީ ހުޅަނގު ޖަރުމަނެވެ. މިއަށްފަހު މިޖަމާއަތަށް މެންބަރަކު އިތުރުނުކޮށް 27 އަހަރު ފާއިތުވުމަށްފަހު ދެން 1982 ވަނަ އަހަރު ވެއްދުނީ ސްޕޭނެވެ. އޭގެ 8 އަހަރު ފަހުން 3 އޮކްޓޫބަރު 1990 ގައި ހިނގި ކަމަކާއި ގުޅިގެން މުޅިން އައު ނުރައްކާތެރި މިސްރާބެއް ނޭޓޯއިން ވަނީ އިޚުތިޔާރުކޮށްފައެވެ. އެއީ އިރުމަތީ ޖަރުމަނާއި ހުޅަނގު ޖަރުމަން އެއްކޮށްލުމަށް ރަޝިޔާއިން އެއްބަސްވި ޝަރުތުތަކާ ނޭޓޯއިން ޚިލާފުވުމެވެ. އެކަމަށް ރަޝިޔާއިން އެއްބަސްވީ އިރުމަތީ ޔޫރަޕުގެ އެހެން ގައުމުތައް ނޭޓޯއަށް ނުވެއްދުން ޝަރުތުކޮށްފައެވެ. ނޭޓޯއިން އެކަމަށް އާނއެކޭވެސް ބުންޏެވެ.
ދެ ޖަރުމަނު އެއްވެ ރޫސީން އިރުމަތީ ޖަރުމަނުން ހަމަފޭބުމާއެކު އެފަޅިޔަށް ނޭޓޯގެ ހަތިޔާރާއި ސިފައިން އޮހޭން ފެށިއެވެ. އެކަން ދެން މާބޮޑުކަމަކަށް ރަޝިޔާއިންވެސް ނުހެދީ ހުޅަނގު ޖަރުމަނަކީ ކުރިންވެސް ނޭޓޯގެ މެންބަރަކަށްވުމުން ދެ ޖަރުމަން އެއްކޮށްލީމާ އިރުމަތީބައި ވެސް އޮޓޮމެޓިކުން ނޭޓޯގެ ސަރަހައްދު ކަމަށް ބެލެވޭނެ ޖާގަ އޮތުމުންނެވެ. އެހެންނަމަވެސް 12 މާރޗް 1999 ގައި ޗެކްރިޕަބްލިކާއި ހަންގޭރީ، ޕޮލެންޑް އަދި ބަލްގޭރިޔާ ނޭޓޯއަށް ވައްދައިފިއެވެ. މިއީ ނޭޓޯއާ ދެކޮޅަށް ރޫސީން އުފެއްދި އަސްކަރީ ޖަމިއްޔާ ކަމުގައިވާ ވޯސޯ ޕެކްޓްގެ މުއައްސިސުންނެވެ. ފިނި ހަނގުރާމަ ނިމި ވޯސޯ ޕެކްޓްވެސް އުވިފައިވަނިކޮށް ހަމަސީދާ ރަޝިޔާ ރުޅިއަރުވައި ރަޝިޔާއާ ދިމާލުން ނޭޓޯ ފުޅާކުރުމަށްޓަކައި ރަޝިޔާގެ މިތުރުންކަމުގައި ކުރިން ހިމެނުނު ގައުމުތައް ނޭޓޯއަށް ވެެއްދީއެވެ.
ރަޝިޔާއިން މިކަމާ އިހުތިޖާޖު ކުރިއެވެ. ޝަކުވާކުރިއެވެ. މިއަށްވުރެވެސް ބޮޑަށް ރަޝިޔާ ރުޅިއައީ ރަޝިޔާއާއެކު ސޯވިއެޓް ޔުނިއަންގައި ހިމެނުނު 15 ޖުމްހޫރިއްޔާގެ ތެރެއިން ޔޫރަޕުގެ އުތުރުގައި އޮންނަ ބޯލްޓިކް ތިން ޖުމްހޫރިއްޔާ ކަމަށްވާ ލިތުއޭނިޔާ އާއި އެސްޓޯނިޔާ އަދި ލެޓްވިޔާ ވެސް ހަމަ މިބުރުގައި ނޭޓޯއަށް ވެއްދުމުންނެވެ. ރަޝިޔާގެ ރައީސްކަމުގައި އޭރު ހުންނެވީ ބޮރިސް ޔެލްސިނެވެ. މިކަމާ އޭނާ ދެކޮޅު ހެއްދެވިއެވެ. ކުރީގެ ސޯވިއެޓް ޖުމްހޫރިއްޔާއެއް ދެން ނޭޓޯއަށް ވައްދައިފިއްޔާ ރަޝިޔާ ދެއަތް އުރާލައިގެން ހިމޭނުން ނޯންނާނެ ކަމަށްވެސް އިންޒާރު ދެއްވިއެވެ. އަނގަބަހުން އިންޒާރެއް ދެއްވިޔަސް ރަޝިޔާއިން ކުރަންޖެހޭ ކަންކަން ނުކުރުމުގެ ޒިންމާ ޔެލްސިންގެ އިސްތަށިފުޅުގައި އެޅި އާއްމުންގެ ޕްރެޝަރު ބޮޑުވުމުން އެއަހަރުގެ ޑިސެމްބަރު މަހު މަޖުބޫރީ ހާލަތެއްގައި ޔެލްސިން އިސްތިއުފާ ދެއްވިއެވެ. ދެން ރައީސްކަމަށް ވަޑައިގެންނެވީ މިހާރުވެސް އެމަގާމުގައި އެހުންނެވި ލަޑީމިއަރ ޕުޓިންއެވެ. ޕުޓިންގެ ފުރަތަމަ ވައުދަކީވެސް ކުރީގެ ސޯވިއެޓް ޖުމްހޫރިއްޔާއެއް ނޭޓޯއަށް އަލުން ދެން ވަނަ ނުދެއްވާނޭކަމުގެ ވައުދެވެ.
ރަޝިޔާއިން އިންތިހާއަށް ރުޅިގަދަވެފައި ވަނިކޮށް އޭގެފަހުންވެސް އިރުމަތީ ޔޫރަޕުގެ ހަތް ގައުމެއް ނޭޓޯއަށް ވައްދައިފިއެވެ. އެކަމަކު އެއީ ކުރީގެ ވޯސޯ ޕެކްޓްގައި ހިމެނުނު ބައެއް ގައުމުތަކާއި ރަޝިޔާގެ ޕާޓްނަރެއްކަމުގައިވި ޔޫގޯސްލާވިޔާ ރޫޅިގެންދިޔުމާ ގުޅިގެން އެތަނުން މިނިވަންވި ގައުމުތަކުގެ ތެރެއިން ސާރބިޔާ އާއި ބޮސްނިޔާ ފިޔަވައި އެހެން ހުރިހައި ގައުމުތަކެވެ. ކުރީގެ ސޯވިއެޓް ޖުމްހޫރިއްޔާއެއް މީގެ ތެރެޔަކު ނުހިމެނެއެވެ. އެންމެ ފުރަތަމަ 2004 ވަނަ އަހަރު ރުމޭނިޔާ އާއި ސްލޮވާކިޔާ އާއި ސްލޮވީނިއާއެވެ. ދެން 2009 ވަނަ އަހަރު ކްރޮއޭޝިޔާ އާއި އަލްބޭނިޔާއެވެ. އެއަށްފަހު 2017 ވަނަ އަހަރު މޮންޓެނީގްރޯއެވެ. އަދި އެންމެފަހުން 2020 ވަނަ އަހަރު އުތުރު މެސެޑޯނިޔާއެވެ.
ކުރީގެ ސޯވިއެޓް ޖުމްހޫރިއްޔާތަކުގެ ތެރެއިން ބޯލްޓިކްގެ ތިން ޖުމްހޫރިއްޔާ ނޭޓޯއަށް ވެއްދުމާ ގުޅިގެން ރަޝިޔާއިން އޮތީ ދެން މިފަދަ ކަމަކަށް ފުރުސަތު ނުދޭނޭ ކަމުގެ އިންޒާރު ދީފައެވެ. މި އިންޒާރަށް ބެލުމެއް ނެތި 2008 ވަނަ އަހަރު ނޭޓޯއަށް ވަންނަން ޔުކްރޭނު އެދިއްޖެއެވެ. ޔުކްރޭނަކީ ކުރީގެ ސޯވިއެޓް ޖުމްހޫރިއްޔާއެކެވެ. އެފަހަރު ރަޝިޔާއިން ރޭވުންތައް ރާވައި ތަންފީޒުކުރީ ޔުކްރޭނުގެ ތެރޭގައެވެ. ނޭޓޯގައި ޔުކްރޭނު ބައިވެރިކުރުން މުޅިން ނުނިމެނީސް 2010 ވަނަ އަހަރު ޔުކްރޭނުގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ވަކިއަތަކަށް ނުޖެހުމުގެ ސިޔާސަތެއް ގެންގުޅުއްވި ވިކްޓަރ ޔަނުކޮވިޗެވެ. އެހިސާބުން ނޭޓޯއަށް ވަނުމަށް ޔުކްރޭނު ކުރި މަސައްކަތްވެސް އެވަގުތަކަށް ހުއްޓުނީއެވެ. ތިން ހަތަރު އަހަރެއްވީތަނާ ހުޅަނގުގެ ބާރުތަކުން ރާވައިގެން ޔުކްރޭނުގައި ގަޑުބަޑު އުފައްދައި ޔަނުކޮވިޗް މަގާމުން ދުރުކޮށްފިއެވެ.
މިހިސާބުން 2014 ވަނަ އަހަރު ރައީސްކަމަށް ވަޑައިގެންނެވީ ހުޅަނގަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމުގައިވާ ޕެޓްރޯ ޕްރޮޝެންކޯއެވެ. ރަޝިޔާއިން އޭނާއަށް ރައްދުދިނީ ރަޝިޔާ ސިފައިން އަރައި ކްރައިމިއާ ހިފުމުގެ އަމަލަކާއި ޑޮންބާސް ސަރަހައްދުގެ ކޮންޓްރޯލް ޔުކްރޭނަށް ގެއްލުވައިލުމުގެ އަމަލަކުންނެވެ. އެކަންތައްތަކާއެކު އަހަރުތަކަކަށް ޔުކްރޭނު ހިމޭނުން އޮވެފައި ކުރީގެ ކޮމެޑީ އެކްޓަރެއް ކަމަށްވާ ވޮލޮޑޮމީރް ޒެލެންސްކީ 2019 ވަނަ އަހަރު ރައީސްކަމަށް ވަޑައިގެންނެވިތަނުން ނޭޓޯގައި ޔުކްރޭނު ބައިވެރިވުން އަވަސްކުރުމުގެ މަސައްކަތް ފައްޓަވައިފިއެވެ. މިކަން މިމަގުން ނުކުރާން ތަކުރާރުކޮށް އިންޒާރުދިނުމުން ޒެލެންސްކީ ވެސް އަދި ނޭޓޯއިންވެސް އެ އަޑެއް ނޭހިއެވެ. އޭގެ ނަތީޖާ މިހާރު އެފެންނަނީއެވެ. ރަޝިޔާ ސިފައިން ވަނީ ކުރީއްސުރެ ދެމުން އައި އިންޒާރުތަކާ އެއްގޮތަށް ޔުކްރޭނަށް އަރައިގެންފައެވެ.
ނޭޓޯގައި ބައިވެރިވުމަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ލާޒިމު ކަމެއްވެސް ނޫނެވެ. ރަޝިޔާއާ އިންވެގެންވާ ފިންލެންޑަކީ މީގެ މިސާލެކެވެ. އެއޮތީ ނޭޓޯގައި ބައިވެރި ނުވެއެވެ. ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ސުވިޑަން އާއި ސުވިޒަލެންޑާއި އޮސްޓްރިޔާވެސް އެއޮތީ ބައިވެރި ނުވެއެވެ. ފިންލެންޑު އޮތް ގޮތަށް ޔުކްރޭނަށް ނޯވެވެންވީ ކީއްވެގެން ބާވައެވެ. ރަޝިޔާއާ ކޮމަން ބޯޑަރެއް ލިބިގެންވާ ހަމަ އެއްވެސް ގައުމެއް ދެން އަލަކުން ނޭޓޯގައި ބައިވެރިވިޔަ ނުދޭނޭކަމުގެ އިންޒާރު ރަޝިޔާއިން ވަނީ ވަރަށް ކުރީއްސުރެ ދީފައެވެ. ބޯލްޓިކް ޖުމްހޫރިއްޔާތަކުން އަމަލުކުރި ގޮތަށްފަހު ޚާއްސަކޮށް ކުރީގެ ސޯވިއެޓް ޖުމްހޫރިއްޔާތަކާ ދޭތެރޭ ފާރަވެރިވާނޭ ކަމަށްވެސް ރަޝިޔާއިން އޮތީ ބުނެފައެވެ. މިއަޑު އަހަން ޔުކްރޭނު ބޭނުންނުވުމުގެ ނަތީޖާ މިއަދު ކިތަންމެ ރަނގަޅަށްވެސް އެދަނީ ތަމްސީލުވަމުން ފެންނަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ