ރަޝިއާއާ ދެކޮޅަށް ޕޮލެންޑުން ކުޅެން އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗު ބޮއިކޮޓް ކުރާނެ ކަމަށް ޕޮލެންޑުން ބުނެފިއެވެ.

ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ޕްލޭ އޮފް އެންމެ ފަހު މެޗުތައް އަންނަ މަހު ކުޅޭ ގޮތަށް ނިންމާފައިވާ އިރު، ރަޝިއާ ހިމެނޭ ޕްލޭ އޮފް ބްރެކެޓްގައި ހިމެނެނީ ސްވިޑެން އާއި ޗެކު ރިޕަބްލިކްގެ އިތުރުން ޕޮލެންޑެވެ. ރަޝިއާ އާއި ޕޮލެންޑު ކުޅޭ ފުރަތަމަ މެޗު އަންނަ މަހު 24 ވަނަ ދުވަހު އޮންނަ އިރު، އެ މެޗު ހޯސްޓް ކުރާ ގޮތަށް އޮތީވެސް ރަޝިއާގައެވެ.

ސްވިޑެންއިން ފުރަތަމަ މެޗުގައި ޗެކު ރިޕަބްލިކާ ދެކޮޅަށް ކުޅެން އޮތް އިރު، ބްރެކެޓް ފައިނަލް ޕްލޭ އޮފް މެޗުގައި ރަޝިއާއާ ދެކޮޅަށް ކުޅެން ޖެހުން އެކަށީގެންވެއެވެ.

މީގެ ދެ ދުވަސްކުރިން ރަޝިއާއިން ޔޫކްރެއިނަށް ހަމަލާތައް ދޭން ފަށައި، އެގައުމަށް އަރާފައިވާ އިރު، އެކަމަށް ޔޫރަޕިއަން ޔޫނިއަން. އީޔޫގެ އިތުރުން ނޭޓޯއިން ވަނީ ރަޝިއާއާ ދެކޮޅަށް ތެދުވެފައެވެ. އީޔޫއިން ރަޝިއާއިން ކުރަމުންދާ ހަނގުރާމަ ކުށްވެރި ކޮށްފައިވާ އިރު، ގައުމުތަކުން ދަނީ ރަޝިއާއާ ގުޅުންތައް ކަނޑާލައި، ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

ޕޮލެންޑްގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ސެޒަރީ ކުލެސްޒާ ވިދާޅުވެފައި ވަނީ ރަޝިއާއާ ދެކޮޅަށް ކުޅެން އޮތް ކޮލިފިކޭޝަން މެޗު ކުޅުމަށް އެގައުމުން އިންކާރު ކުރާ ކަމަށެވެ. ބަސް ބުނުމުގެ އިތުރުން ރަޝިއާއާ ދެކޮޅަށް އަމަލީ ގޮތުންވެސް މިހާރު ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށްވެސް ކުލެސްޒާ ވިދާޅުވެފައިވާ އިރު، ޕޮލެންޑްގެ އެ ނިންމުމަށް ތާއިދުކޮށް ސްވިޑެންއިންވެސް ވަނީ ބޮއިކޮޓުގައި ބައިވެރިވެފައެވެ.

އޭގެ އިތުރުންވެސް ޕޮލެންޑްގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ވަނީ ޕޮލެންޑް އެފްއޭގެ ނިންމުން ރަނގަޅު ކަމަށް ބުނެ ރަޝިއާގެ ހަނގުރާމައާ ދެކޮޅަށް އަޑު އުފުލައިފައެވެ. ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ ލެވަންޑޯސްކީ ބުނެފައި ވަނީ އެފްއޭގެ ނިންމުން ރަނގަޅު ކަމަށާއި، ރަޝިއާއިން ހިންގާ ޖަރިމާތަކަށް ފުރަގަސްދީ ކަމެއް ނުވާ ކަމަށް ހެދިގެން ތިބެވެން ނެތް ކަމަށެވެ.

ޔޫކްރެއިން އާއި ރަޝިއާވެސް އޮތީ ޔޫރަޕިއަން ޕްލޭ އޮފްގައެވެ. ޔޫކްރެއިންވެސް އަންނަ މަހު 24 ވަނަ ދުވަހު ފުރަތަމަ މެޗު ކުޅެން އޮތް އިރު، އެ މެޗު އޮތީ ސްކޮޓްލޭންޑާ ދެކޮޅަށް ސްކޮޓްލޭންޑުގައެވެ. ޔޫކްރެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށް ފްލައިޓްތައް ހުއްޓުމަކަށް އައިސްފައިވާ އިރު، އެ މެޗުތަކާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

މައްސަލަތަކާ ގުޅިގެން ފީފާގެ ރައީސް ވަނީ މީގެ ދެ ދުވަސްކުރިން ވާހަކަ ދައްކައިފައެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ހަނގުރާމައަކީ ހައްލެއް ނޫން ކަމަށާއި ދެގައުމަށްވެސް ސުލްހައަށް ރުޖޫއަވާން ގޮވާލައްވާ ކަމަށެވެ. އިންފެންޓީނޯ އިތުރަށް ވިދާޅުވީ ފުޓުބޯޅައަކީ ފީފާގެ މައިގަނޑު އަސާސް ނަމަވެސް، ދުނިޔޭގެ އެކިއެކި ކަންކަމުގެ ހާލަތު ބަލައި، އެކަންކަމަށް ރިއާޔަތްކޮށް، ކަންކަމުގެ ހައްލު ހޯދުމަކީވެސް ފީފާގެ މަސްއޫލިއްޔަތެއް ކަމަށް ދެކޭ ކަމަށެވެ.

އޭގެ އިތުރުން އިވެންޓީނޯ ވިދާޅުވީ ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ބަދަލެއް ގެންނަން ޖެހޭނަމަ އެކަމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.