ކަރަންޓު އިގުތިސޯދު ކުރުމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ސްޓެލްކޯއިން ކުރިޔަށް ގެންދާ ސޭވް އެނާޖީ ކެމްޕޭނުގެ ދަށުން އިއްޔެ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ ގައުމުގެ މުސްތަގުބަލުކަމުގައިވާ ކުޑަކުދިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށް، ރަނގަޅު ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މުހިންމުކަމާއި ކަރަންޓު އިންތިސޯދު ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު އެ ކުދިންނަށް ދީފައިވާ ކަމަށެވެ.

ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި ކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމުގެ އިތުރުން ކުޅިވަޅުތަކުގައި ބައިވެރި ކުދިންނަށް ސްޓެލްކޯއިން ވަނީ ހަދިޔާ ދީފައެވެ.

ކުޑަކުދިންގެ ހަވީރުގައި ވަނީ ކަރަންޓު ހަރަދު ކުޑަ އެލްއީޑީ ބޮކި ބެހުމުގެ އިތުރުން ރޯބޯމޭންގެ ހަރަކާތްތަކާއި ކަޕްކޭކާއި ކުޑަކުދިންނާ ގުޅުންހުރި އެކި ކަހަލަ ގޭމުތައް ކުޅުމުގެ ފުރުސަތު ވެސް ދީފައެވެ.

ސޭވް އެނާޖީ ކެމްޕޭން ކުރިޔަށްދާއިރު އެފަދަ އިތުރު ހަރަކާތްތައްވެސް ކުރިޔަތް އޮތް ދުވަސް ތަކުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެ ހަރާކަތްތަކުގެ މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދޭނެ ކަމަށް ވެސް ބުންޏެވެ.