އެތައް ފަހަރެއްގެ މަތިން މަގުމަތިން ހުއްޓުވައި އެއް ކުއްޖަކާ ފުލުހުން ސުވާލުކުރަން ޖެހުނު އިރު، މިއީ މުޅި މުޖުތަމައާއި ބެލެނެވެރިން، ދަރިންނަށް ސަމާލުވާންޖެހޭ ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ މިއަދުގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަގުމަތިން ހުއްޓުވައި ސުވާލުކުރާ ކުޑަކުދިންނާ ގުޅޭ މައްސަލަތައް ޖެންޑާ މިނިސްޓްރީއަށްވެސް ލިބެންޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު އެ މައުލޫމާތުތައް ޖެންޑާ މިނިސްޓްރީއަށް ލިބެނީ ފުލުހުންގެ މުއައްސަސާގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓުތަކަށް ލިބުމަށްފަހު ކަމަށެވެ. އަދި އެއަށްވުރެ ކުރިން އެ މައުލޫމާތު ލިބޭނެ އިންތިޒާމެއް ހުންނަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޑުރަގުގެ އޮޕަރޭޝަންތަކާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ފުލުހުން ބޭއްވި ބައްދަލުވުމުގައި، އުމުރުން 14 އަހަރުގެ ކުޑަކުއްޖަކު މަގުމަތިން ހުއްޓުވައި މަސްތުވާތަކެތި ވިއްކުމުގެ ދެ މައްސަލައަކާއި، އެ ބޭނުންކުރުމުގެ 16 މައްސަލައަކާއި، ގެންގުޅުމުގެ 35 މައްސަލައަކާއެކު ޖުމުލަ 53 މައްސަލައެއްގައި ސުވާލު ކުރަން ޖެހުނުކަމުގެ މައުލޫމާތު ހިއްސާކުރިއެވެ. އަދި ކުށުގެ ވެށިން ފެނި ހުއްޓުވައި 354 ފަހަރަކު ފުލުހުން އޭނާއާ ސުވާލުކުރަން ޖެހުނެވެ.
އެކަމަށް އަލިއަޅުވައިލައްވަމުން ޖެންޑާ މިނިސްޓަރު ވިދާޅުވީ އެތައް ފަހަރެއްގެ މަތިން އެއް ކުއްޖަކު ފުލުހުން ހުއްޓުވައި ސުވާލުކުރަންޖެހޭ އިރު، މިއީ ބެލެނެވެރިން ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ.
"ކުއްޖަކާ އެއްފަހަރަށް ނޫނީ ދެ ފަހަރަށް ކުށެއް ކުރިޔަސް އަދި 15 ފަހަރަށް ފުލުހުން ސުވާލު ކުރި ނަމަވެސް އަޅުގަނޑުމެންނަށް އެބަ އެނގެން ޖެހޭ. އަޅުގަނޑުމެން އެބަ ޖެހޭ އެ ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދޭން. ކިހިނެއްތޯ 500 ފަހަރު ސުވާލު ކުރާއިރު ބަލަހައްޓައިގެން ތިބޭނީ. އެހެން ކަމަކު ނުދާނެ ދެއްތޯ؟ މިކަމަށް މުޅި މުޖުތަމައުވެސް ސަމާލުވާންޖެހޭ އެބަ. އަދި ވަކިން ހާއްސަކޮށް ބެލެނެވެރިންވެސް،" އޭނާ ވިދާޅުވިއެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިން ކުރާ ކުށްތައް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކުދިން ގެންގުޅޭ ކޮމްޕިއުޓަރާއި، ފޯނު ފަދަ އިލެކްޓްރޯނިކް ސާމާނު ބަލަހައްޓައި، ކޮންޓްރޯލް ކުރުމަށް ބެލެނެވެރިން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ވަކީން ހާއްސަކޮށް އެކުދިން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަން ޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ 12 އަހަރުގެ ކުދިން އޮންލައިންކޮށް ޗެޓުކޮށް ނުރައްކާތެރި ހާލަތަކަށްދާ އިރު، ބެލެނިވެރިންވެސް މިއަދު ހާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމަށެވެ. އެގޮތުން އެކުދިންގެ އުމުރަށްވުރެ ބޮޑެތި މީހުންގެ ދަޅައިގައި ޖެހި އަމިއްލަ ފޮޓޯތަކާއި ވީޑިއޯތައް އެކުދިން ފޮނުވައި އޭގެ ސަބަބުން އެކުދިންނަށް ބިރުދައްކައި ނާޖާއިޒު ފައިދާ ނަގަމުންދާ މައްސަލައަކީ މިހާރު އާންމު ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު