ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ, އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ޕްރޮޕަގެންޑާ ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ދިވެއްސަކީ, އެކި ގައުމުތަކަށް އަމާޒުކޮށް އެ ގައުމުތަކުގެ ބަހަށް ލިޔުންތައް ތަރުޖަމާކޮށްގެން ފުޅާ ދާއިރާއެއްގައި އެކަން ކުރަމުން ދިޔަ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު ހައްޔަރުކުރި އުމުރުން 30 އަހަރުގެ މި މިހާއާ ބެހޭ ގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ 2015 އިން ފެށިގެން އައިއެސްގެ ޕްރޮޕަގެންޑާ ފަތުރަމުން ދިޔަ އެ މީހާ އެކަން ކޮށްފައިވަނީ ޓެލެގްރާމާއި އެ ނޫންވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި ކަމަށެވެ.
އަދި އެކަން ކުރުމުގައި "ސްކާމިޝް" އަދި "ސްކާމިޝް ކިޑް" އަދިވެސް އެހެނިހެން ނަންނަމުގައި އެކައުންޓުތައް ހަދައިގެން ޕްރޮޕެގެންޑާ ފަތުރާފައިވާ ކަމަށް ބުންޏެވެ. ނަމަވެސް ހައްޔަރުކުރި މީހާގެ އަސްލު ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
"އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް އެ ޖަމާއަތުގެ ލިޔެކިޔުން މީނާ ދައުރުކުރަމުން ގޮސްފައިވެއެވެ. މިގޮތަށް މީނާ ދައުރުކުރާ ފޮޓޯތަކާއި ވީޑިއޯތަކާއި ލިޔުންތައް ހުންނަނީ އެކި ގައުމުތަކަށް އަމާޒުކޮށް، އެ ގައުމުތަކުގައި ބޭނުންކުރާ ބަސްބަހަށް ތަރުޖަމާކޮށްފައިކަން މިހާތަނަށް ފާހަގަކުރެވިފައިވެއެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި ދިވެހި މީހާ, ބޭރުގެ ގުރޫޕްތައް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލުތައް ރާވައި ހިންގުމަށް ގޮވާލައި އެކަމަށް ހިތްވަރުދީ ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެ ކަމުގެ ބިރު ދައްކައި އިންޒާރުވެސް ދީފަ އެވެ.
އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިސް ވެރިންނާއި އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާ ދިނުމަށް ގޮވާލައ, އެފަދަ ކަންކަން ކުރުމަށް ހިތްވަރު ދެމުން ގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން މި މިހާ ހައްޔަރުކޮށްފައިވަނީ ޔޫރަޕިއަން ޔުނިއަންގެ ދެ ގައުމެއްގެ ދެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކޮށް، އޭނާގެ ގެ ފާސްކުރި އިރު މައްސަލައާ ގުޅޭ ޑިޖިޓަލް އެވިޑެންސް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު