މިރެއިން ފެށިގެން ކޮވިޑް ކޭސްތަކުގެ އަދަދު ހާމަކުރާނީ ހަފުތާއަކު އެއްފަހަރު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑު ފެނިފައިވަނީ 2020 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެޗްޕީއޭއިން އަންނަނީ ކޮންމެ ރެއަކު ކޮވިޑު ކޭސްތަކުގެ އަދަދު ހާމަކުރަމުންނެވެ. ކޮވިޑު ވެކްސިން ޖަހަން ފެށުމުން ވެކްސިން ޖެހި މީހުންގެ އަދަދު ވެސް ކޮންމެ ރެއަކު އަންނަނީ އާންމުކުރަމުންނެވެ.

އެޗްޕީއޭއިން މިރޭ ބުނީ މުޅި ހަފުތާގެ ކޮވިޑް ކޭސްތަކުގެ އަދަދު މިރެއިން ފެށިގެން ދެން އާންމުކުރަނީ ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ކަމަށެވެ. އެގޮތަށް ނިންމީ މިފަހުން ކޮންމެ ދުވަހެއްގެ ނަތީޖާ އާންމުކުރާއިރު ވެސް ސަރަހައްދު ޔަގީންނުކުރެވޭ ގިނަ ކޭސްތަކެއް ހުރުމުން ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓު އަންދާޒާކުރަން އުނދަގޫވަމުން ދާތީވެ، އެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ކޮވިޑު ކޭސްތަކުގެ އަދަދު ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ 628 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 168،124 އަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 1118 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 152،437 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 15،380 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.