އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް އަށް ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
އެމްޑީޕީގެ އެތެރޭގެ ފަސް މަގާމެއްގެ އިންތިހާބު އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމާއި، އަންހެނުން ރޫހުގެ ރައީސްކަމާއި، ނާއިބު ރައީސްކަމުގެ މަގާމާއި، ޒުވާނުންގެ ހިތްވަރުގެ ރައީސްކަމުގެ މަގާމާއި، ނައިބު ރައީސް ކަމުގެ މަގާމެވެ.
އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ މެދުގައި ގުރުއަތުލުން ބާއްވައި، މިހާރު ވަނީ ކެންޑިޑޭޓް ނަމްބަރު ދޫކޮށްފައެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލެއްވި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަމްބަރު އެކެކެވެ. އޭނާއާ ވާދަކުރައްވާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ލިލބިވަޑައިގަތީ ކެންޑިޑޭޓް ނަމްބަރު ދޭކެވެ.
އަންހެނުން ރޫހުގެ ރައީސްކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކެންޑިޑޭޓް ނަންބަރު އެކަކީ ސަފާތު އަހްމަދު ޒާހިރުއެވެ. ކެންޑިޑޭޓް ނަންބަރު ދޭކަކީ އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމެވެ.
ޒުވާނުންގެ ހިތްވަރުގެ ރައީސަކަށް ކުރިމަތިލައްވާފައިވާ ދެ ބޭފުޅުންގެ ތެރެއިން ކެންޑިޑޭޓް ނަންބަރު އެކަކީ މުހައްމަދު އަންސާރެވެ. އަދި ކެންޑިޑޭޓް ނަންބަރު ދޭއް ލިބިފައިވަނީ ރިފްގާ ޝިހާމަށެވެ.
ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް ކަމުގެ މަގާމާއި، އަންހެނުންގެ ރޫހުގެ ނައިބު ރައީސްގެ މަގާމުގެ ތެރެއިން ކޮންމެ މަގާމަކަށް ކުތިމަތިލައްވާފައިވަނީ އެންމެ ބޭފުޅެކެވެ. އޭގެ ތެރެއިން އަންހެނުންގެ ރޫހުގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ފާތިމަތު ސަމީރެވެ. އަދި ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ އަހުމަދު މައިމޫނު މުހައްމަދެވެ.
އޭގެ ތެރެއިން ކޮންމެ މަގާމަކަށް އެންމެ ބޭފުޅަކު ކުރިމަތިލާފައިވީ ނަމަވެސް ވޯޓު ނެގުން އޮންނާނެއެވެ. ނަމަވެސް އެ ބޭފުޅުން މަގާމަށް އިންތިހާބު ވާން ހޯދަން ޖެހޭނީ ޖުމުލަ ވޯޓުގެ ފަސް ޕަސެންޓެވެ.
ޚަބަރު
ޚަބަރު