މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ކޮވިޑް ފެތުރުނު ނަމަވެސް މޮނީޓަރިންއަށް ނުލާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ކޮވިޑާ ގުޅިގެން ރަށްރަށް މޮނިޓަރިންގެ ހާލަތަށް ގެންދިއުމާ ގުޅޭގޮތުން މިދިޔަ އަހަރުގެ މެއި 25ގައި ނެރުނު އުސޫލުތަކަށް މާދަމާއިން ފެށިގެން އަމަލު ކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މާދަމާއިން ފެށިގެން މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށާއި ޓުއަރިސްޓް ރިސޯޓްތަކާއި ހަދަމުންދާ ރިސޯޓްތަކާއި އިންޑަސްޓްރިއަލް ރަށްރަށުގައި ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމުގައި އަމަލުކުރާނީ މިއަދު އާންމުކޮށްފައިވާ "މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ކޮވިޑް ފެތުރުން ކޮންޓްރޯލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އަށް ކަމަށެވެ.

ކުރިން އިއުލާނުކޮށްފައިވާ އުސޫލުގައިވާ ގޮތުން ރަށެއްގައި ކޮވިޑް ފެތުރޭނަމަ އެރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސް، ވަކި ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ނަމަވެސް މިއަދު އާންމުކުރި އުސޫލުގެ ދަށުން ކޮވިޑް ފެތުރޭ ރަށްތައް މޮނީޓަރިންގެ ހާލަތަށް ނުގެންނަށް އެޗްޕީއޭއިން ވަނީ ނިންމައިފައެވެ.

މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން ރަށްރަށުގައި ބަލި ފެތުރެމުންދާ ކަމާއި ދެން އަޅާނެ ފިޔަވަޅުތައް ވަނީ ތިން ބަޔަކަށް ބަހާލައިފައެވެ. އެއީ ކޮވިޑް ފެތުރުމެންދާ ހާލަތު ކަނޑައެޅުމާއި ކޮވިޑް ފެތުރުމުގެ ހާލަތު ދެނެގަތުމާއި މޮނިޓާކުރުން އަދި ކޮވިޑުގެ ހާލަތުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކެވެ.

އުސޫލުގައިވާ ގޮތުން ރަށެއްގައި ބަލިފެތުރުމުގެ ހާލަތު އޮތްކަން ކަނޑައަޅާނީ ބަލި ދެނެގަތުމަށް ޓެސްޓުކުރުމާއި ބަލި އުޅޭކަން ދެނެގަތުމަށް ކުރެވޭ ސާވެއިލަންސްގެ މައުލޫމާތުގެ މައްޗަށް ބަލައި އެޗްޕީއޭއިން ނުވަތަ އެރަށެއްގައި ހުންނަ ހޮސްޕިޓަލުން ނުވަތަ ސިއްހީ މަރުކަޒުންނެވެ.

  • ބަލިޖެހިފައިވާ މީހަކާ ގުޅުމެއްނެތް ކޮވިޑްގެ ކޭސްއެއް/ކޭސްތަކެއް ޓެސްޓުގެ ނަތީޖާއަކުން ފެނުން
  • ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓުކުރުމުން ކޮވިޑްގެ ކޭސްއެއް/ކޭސްތަކެއް ޓެސްޓުގެ ނަތީޖާއިން ފެނުން
  • ސިއްހީ ފަރުވާކުރުމުގެ ތެރެއިން ޓެސްޓުކޮށްގެން ކޮވިޑްގެ ކޭސްއެއް/ކޭސްތަކެއް ފެނުން
  • ބަލި އިތުރަށް ދެނެގަތުމަށް އެކްޓިވް ސާވެލަންސްގެ ދަށުން ކުރެވޭ ޓެސްޓު ތަކުން ކޭސްތައް ފެނުން

އެކަންކަމަށް ބަލައި ފާއިތުވި އެއް ހަފުތާ ތެރޭގައި ހަދާ ކޮވިޑް ޓެސްޓުތަކުގެ ސާމްޕަލް ޕޮޒިޓިވިޓީ 20 ޕަސެންޓަށް ނުވަތަ އެއަށްވުރެ މަތިވެފައިވާނަމަ އެ ރަށެއްގައި ބަލި ފެތުރޭކަމަށް ކަނޑައަޅައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް ފިޔަވަޅުތައް އަޅަންވާނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

  • ބަލީގެ އަލާމާތްތައް ފެންނަ ހުރިހާ ފަރާތްތައް ޓެސްޓުކުރުން (ބަލީގެ އަލާމާތް ހުންނަ ފަރާތްތަކަށް އެންޓިޖަން ނުވަތަ ޕީސީއާރް ޓެސްޓް ހެދޭނެ)
  • އެރަށަކުން ރާއްޖޭގެ އެހެން ރަށަކަށް ފުރާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުވާ ފަރާތްތައް ކޮވިޑަށް ޓެސްޓް ކުރުން
  • ކޮވިޑަށް ފޮޒިޓިވްވެފައިވާ މީހާގެ ކޮންޓެކްޓުންގެ ތެރެއިން ބަލީގެ ނުރައްކާތެރިކަން ބޮޑު ފަރާތްތަކުގެ އިނީޝަލް ސާމްޕަލް ޓެސްޓް ކުރުން
  • ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކޮންޓެކްޓުން ޓެސްޓް ކުރުމާއި ރާއްޖެއިން ބޭރުން އަންނަ މީހުންގެ ޓެސްޓް ކުރަމުން ގެންދަންވާނެ

ކޮވިޑް ފެތުރޭ ރަށްތައް މޮނީޓަރިންގެ ހާލަތަށް ނުގެނައި ނަމަވެސް އެ ރަށްރަށުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އެގޮތުން އެރަށެއްގެ ކައުންސިލުން އަމަލު ކުރަންޖެހޭ އުސޫލުތަކަކީ:

  • ހޮސްޕިޓަލް/ސިއްހީ މަރުކަޒާ ގުޅިގެން ރަށުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ޕްލޭން އެކުލަވާލައި ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ރާވައި ހިންގުން
  • ރަށުގައި ހުންނަ ކަމާގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން ބަލި ކޮންޓްރޯލުކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން
  • އެކި ބޭނުންތަކަށް ރަށުން ބޭރުގައި އުޅެފައި ރަށަށް އެނބުރި އަންނަ މީހުންނާއި ރަށުން ފުރާ މީހުން، ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމަށް އެންގުމާއި އެކަންކަން މޮނިޓާ ކުރުމުގެ ނިޒާމެއް ގާއިމުކުރުން
  • ކޮވިޑާ ގުޅިގެން އެޗްޕީއޭއިން އާންމުކުރާ އެންގުންތަކާއި ގައިޑްލައިންތައް ރަށުގައި ތަންފީޒުކުރުމާއި ސިއްހީ ހިދުމަތްދޭ މަރުކަޒާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު އާންމުން ހޭލުންތެރިކުރުމާއި އަހުލުވެރިކުރުން
  • ދަތުރުކުރުމާ ގުޅިގެން އެޗްޕީއޭއިން އެއިރަކު ކަނޑައަޅާފައިވާ ގޮތުގެ މަތިން ފުރަބަންދު ކަރަންޓީން ވާންޖެހޭ ފަރާތްތައް ފުރަބަންދު ކަރަންޓީނަށްލުން

އެޗްޕީއޭއިން ބުނީ ބަލި ފެތުރެމުންދާ ކަމަށް ކަނޑައަޅާފައިވާ ރަށެއްގައި ބަލި ފެތުރުން ކޮންޓްރޯލުކުރެވުމުން އެ ހާލަތު އުވާލައި ބަލިފެތުރެމުންދާ ރަށްރަށުގެ ލިސްޓުން އެރަށެއް އުނިކުރެވޭނެ ކަމަށެވެ. އަދި އެގޮތަށް ކަނޑައަޅާނީ އެރަށެއްގައި ފާއިތުވި އެއް ހަފުތާ ތެރޭގައި ހަދާ ކޮވިޑްގެ ޓެސްޓުތަކުގެ ސާމްޕަލް ޕޮޒިޓިވިޓީ 20 ޕަސެންޓަށްވުރެ ދަށްވުން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.