ދިވެހި ފުލުހުންގެ ހިދުމަތުގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ދާއިރާ ތަރައްގީކުރުމަށްޓަކައި ބޭނުންވާ ތަކެތީ ހަވާލުކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތާއި ޗައިނާ ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑާ މިސް ވާން ލީޒީން އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިސް ވާން ލީޒީން ވިދާޅުވީ، މިއަހަރަކީ ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރިގެންދާ އަހަރުކަމަށާއި ފާއިތުވި އަހަރުތަކުގައި އެކިގޮތްތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން މި ގުޅުމުގެ ތެރެއިން ލޯއެންފޯސްމަންޓް ދާއިރާ ތަރައްގީކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މުހިންމު، އިސްކަންދޭ ދާއިރާއެއްކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މިއަދު ދިވެހި ފުލުހުންގެ ހިދުމަތަށް ހަވާލުކުރާ ތަކެއްޗާއެކު އައިސީޓީ ދާއިރާގެ ކެޕޭސިޓީ ވަރުގަދަކޮށް، މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ހިއުމަން ރިސޯސަސް އާއި ކެޕޭސިޓީ އަދި ވަސީލަތްތައް ތަރައްގީކުރުމުގައި ޗައިނާގެ އެހީތެރިކަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސީޕީ ހަމީދު ވިދާޅުވީ 2022 އަދި 2023 ވަނަ އަހަރަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް އަދި ކޯޕަރޭޓް ޕްރިއޯރިޓީތައް ކަނޑައަޅާ ނިމިފައިވާކަމަށާއި މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ކުރާ މަސައްކަތަށް މިއަދު ލިބިގެންދާ ތަކެތީގެ ސަބަބުން ފައިދާވެގެންދާނެ ކަމަށެވެ. އަދި ފުލުހުންގެ އައިސީޓީޑީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ޗައިނާއިން ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި، ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ.

ޗައިނާ ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތުގެ އައިސީޓީޑީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށްޓަކައި ހަވާލުކުރި ތަކެތީގެ އަގަކީ އެއް މިލިއަން ޔުއާން (2.4 މިލިއަން ރުފިޔާ) އެވެ.