ޑަޔަލަސިސްގެ ހިދުމަތް ނެތް ހުރިހާ ހޮސްޕިޓަލެއްގައި މިއަހަރު އެހިދުމަތް ގާއިމު ކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސިއްހީ ދާއިރާގެ ކަންތައްތަކާ ބެހޭ ގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ، ޑަޔަލަސިސް ހިދުމަތް ނުފެށިވާ ހޮސްޕިޓަލްތަކުގައި އެ ހިދުމަތް ފެށުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ތިން ހޮސްޕިޓަލެއްގައި އެ ހިދުމަތް ގާއިމުކުރެވޭނެ ކަމަށެވެ.

އެ ހޮސްޕިޓަލްތަކަކީ ޅ.ނައިފަރު ހޮސްޕިޓަލާއި ބ. އޭދަފުށީ އަތޮޅު ހޮސްޕިޓަލް އަދި ށ. އަތޮޅު ހޮސްޕިޓަލެވެ.

މިނިސްޓަރު ވިދާޅުވީ، އެ ހިދުމަތް ނުފެށި ދެން ބާކީ ހުރި ހޮސްޕިޓަލްތަކުގައިވެސް މިއަހަރުގެ ތެރޭގައި އެ ހިދުމަތް ގާއިިމުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން އަތޮޅުތެރޭގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްތަކާއި 50 އެނދުގެ ހިސްޕިޓަލްތަކާއި 30 އެނދުގެ ހޮސްޕިޓަލްތަކުގެ އިތުރުން ސިއްހީ މަރުކަޒުތަކާއި ވެކްސިސް އަދި ސްޓޯރޭޖު ތަންތަންވެސް މިއަހަރުގެ ތެރޭގައި ޓެންޑާ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.