ފުލުހުންނާއި ސިފައިންގެ އާއިލާތަކުގެ ބޯހިޔާވަހިކަމަށް އަމާޒު ކޮށްގެން ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓް އިމާރާތްތަކުގެ މައްސަލަ ބެލުމަށްޓަކައި، ޕޮލިސްކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ބޭފުޅުން ހާޒިރުކޮށްގެން މިއަދު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ)ގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

މި ބައްދަލުވުން ސިއްރު ކުރުމަށް ހުށަހެޅުއްވީ، އެ ކޮމިޓީގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަމުމަދު ހަލީމެވެ. ތާއީދު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ.

ކޮމިޓީގެ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަމީބު ވިދާޅުވީ އެ މައްސައަކީ ޕޮލިސްކޯޕަރޭޓިވް ސޮސައިޓީއާ ބައްދަލު ކުރުން ރައްޔިތުންގެ މަޖިލިހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އެ ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައެއް ކަމަށެވެ.

ޔައުގޫބު ހުށަހަޅުއްވާފައިވަނީ ހުޅުމާލެ ފޭސް އެކެއްގައި ފުލުހުންނާއި ސިފައިންނަށް އަމާޒުކޮށްގެން ހަދާ 600 ފްލެޓް ޕްރޮޖެކްޓާ ގުޅިގެން ކަމާގުޅޭ އެއްވެސް ފަރާތަކުން އިހުމާލުވެފައިވޭތޯ ބަލައި، އިހުމާލެވެފައިވާ ނަމަ އެކަމެއް އިސްލާހު ކުރަން އެންގުމާއި، އަވަސް ފުރުސަތެއްގެ ތެރޭގައި އެ އިމާރާތްތައް ނިމޭނެކަން ކަށަވަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ކުރާން ޖެހޭ ކަންތައްތައް ކޮށްދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލައިގައި މިއަދު ކޮމިޓީއަށް ހާޒިރު ކުރީ ފުލުހުންނަށް އަމާޒު ކޮށްގެން ހަދަމުން އަންނަ ޕްރޮޖެކްޓާބެހޭގޮތުން، ޕޮލްކޯގެ އިސް ފަރާތްތަކެވެ.

އެ ފަރާތްތައް ކޮމިޓީއަށް ހާޒިރު ކޮށްފައިވާއިރު، އެ ފްލެޓްތަކުގައި ނުނިމި ހުރި މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައެވެ. އަދި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް ބޭނުންވާ ފައިސާ ލިބިފައިވާ ކަމަށް ވެސް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.