ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ޖެންޑާ މިނިސްޓްރީން "ސާސްތުރަ" ނަމުގައި މަޖައްލާއެއް ނެރެފިއެވެ.
ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކުރުމުގެގޮތުން 2020 ވަނަ އަހަރު ފެށި "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ތައްޔާރުކުރި މި މަޖައްލާ ނެރެދެއްވީ މިއަދު ހެނދުނު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
މި މަޖައްލާ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން ޖެންޑާ މިނިސްޓަރު، އާއިޝަތު މުހައްމަދުދީދީ އާއި ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުހްތާރު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޖެންޑާ މިނިސްޓްރީގެ ފަރާތުން "ސާސްތުރަ" ނަމުގައި މިއަދު ނެރުނު މަޖައްލާއަކީ 62 ސަފުހާ އެކުލެވޭ މަޖައްލާއެކެވެ. މި މަޖައްލާގައި ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ލިޔެފައިވާ އާޓިކަލްތަކުގެ އިތުރުން ގެވެށި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ގެވެށި ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މައުލޫމާތު އެކުލެވޭ އާޓިކަލް ހިމެނެ އެވެ.
މީގެ އިތުރުން، ގެވެށި އަނިޔާއާ ގުޅުންހުރި މުހިންމު ބައެއް ސުވާލާއި އަދި އޭގެ ޖަވާބު ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރާއްޖެއިން ލިބެންހުރި ހިދުމަތްތަކާ ގުޅޭ މައުލޫމާތު މި މަޖައްލާގައި ހިމަނައިފައިވެ އެވެ.
މި މަޖައްލާގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔަ "ގެވެށި ގުޅުން ސާސްތުރަ" ޓީވީ ސީރީޒްގައި މެހުމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވާ ފަރާތްތަކުން ވިދާޅުވެފައިވާ ވާހަކަފުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބައެއް ވިދާޅުވުންތަކާއި، ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން މިހާތަނަށް ކުރިއަށްގެންދެވިފައިވާ ބައެއް ހަރަކާތްތަކުގެ ފޮޓޯއާއި ކެމްޕެއިންގެ ދަށުން ފޯރުކޮށްދެވޭ މައިގަނޑު ބައެއް މެސެޖުތައްވެސް، އެއާ ގުޅުންހުރި އިލަސްޓްރޭޝަންއާއެކު ހިމަނާފައިވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ހަމަ މިއާއެކު ގެވެށި އަނިޔާއަށް ހޭލުންތެރިކޮށްދޭނެ ކުރު ވާހަކައާއި ކޮމިކް އަދި ޅެންވެސް މި މަޖައްލާގައި ހިމަނާފައިވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
"ސާސްތުރަ" މަޖައްލާގައި ހިމަނާފައިވާ އާޓިކަލްތައް ލިޔެފައިވަނީ އިޖުތިމާއީ މައްސަލަތަކާއި ގުޅޭ އިލްމު ހާސިލްކޮށްގެން ތިއްބެވި ބޭފުޅުންނާއި، ރާއްޖޭގެ މަޝްހޫރު ބައެއް ލިޔުންތެރިން ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު