މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތަކުގެ އަދަދު ދަށްވުމާ ގުޅިގެން މާލޭގައި މީހުން އެއްވެ އުޅުމާއި ހަފްލާތަކާއި އިވެންޓްތައް ބޭއްވުމަށް އޮތް ލިމިޓް އުވާލައި ސަޕޯޓަރުން ވައްދައިގެން މުބާރާތްތައް ބާއްވަން ހުއްދަ ދީފިއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެންނެވެ.

އެދުވަހު އެޅި ބައެއް ފިޔަވަޅުތަކުގެ ތެރޭގައި މާލޭ ސަރަހައްދުގައި 50 މީހުންނަށް ވުރެ ގިނައިން އެއްވާ ހަރަކާތްތައް ބޭއްވުން މަނާކުރިއެވެ. އަދި މަގުމަތީ ބާޒާރުވެސް މަނާކުރިއެވެ.

މީގެ އިތުރުން ސަޕޯޓަރުން ވައްދައިގެން ކުޅިވަރު ހަރަކާތްތައް ބޭއްވުންވެސް މަނާކުރިއެވެ. އަދި މާލޭ ސަރައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާއިރު ޕީސީއާރް ޓެސްޓް ހަދަން ޖެހޭ ގޮތަށް ހެދިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ އެ ފިޔަވަޅުތައް މާދަމާއިން ފެށިގެން އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގައި 50 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުމާއި ހަފުލާތަކާއި އިވެންޓްތައް ބޭއްވުމަށް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައެވެ. ނަމަވެސް މިފަދަ ހަރަކާތްތައް ބާއްވަން ވާނީ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނުގައިވެއެވެ.

މީގެ އިތުރުން ކުޅިވަރު މުބާރާތްތަކަށް ކުޅިބަލާމީހުންނަށް ނުވަދެވޭގޮތަށް އޮތް އޮތުން އުވާލުމަށްވެސް ވަނީ ނިންމައިފައެވެ. ނަމަވެސް ކުޅިވަރު މުބާރާތްތައް ބޭއްވުމުގައި ބާއްވަން ވާނީ އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށެވެ. އަދި މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދަންޖެހޭގޮތަށް އޮތް އޮތުންވެސް ވަނީ އުވާލައިފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް މާލެ ސަރަހައްދުން ޕޮޒިޓިވްވާ އަދަދު އުޅެނީ 100 އިން ދަށުގައެވެ.