މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން އދ. ހަންޏާމީދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ 41 ޕަސަންޓް މަސައްކަތް ނިމިއްޖެކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، ހަންޏާމީދޫ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 70 ޕަސަންޓު މަސައްކަތާއި 4.1 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކު ގާއިމު ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބޯހޯލު ތޮރުފުމުގެ މަސައްކަތާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި، ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް އެ ކުންފުނިން މިހާރު ކުރަމުން އަންނަ ކަމަށެވެ.
ހަންޏާމީދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓު ބަހައްޓަން ޖެހެއެވެ. އަދި ފެން ރައްކާތެރިކުރުމަށް ތިން ތާންގީ ބެހެއްޓުމުގެ އިތުރުން، ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު އެމްޑަބްލިޔުއެސްސީން ފޯރުކޮށްދޭނެއެވެ.
ޕްލޭނިން މިނިސްޓްރީން ހަންޏާމީދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ 21,651,878.00 ރުފިޔާއަށް 22 މަހުން ނިންމާގޮތަށް މިދިޔަ އަހަރުގެ މޭމަހުގެ 29 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު