މިއަހަރުގެ އެސްއެސްސީ އިމްތިހާނުގައި ގުރުއާން މާއްދާ ހިމަނައިދިނުމަށް ރާއްޖޭގެ ގިނަ އިލްމުވެރިންތަކެއް އެކުވެގެން އުފައްދާފައިވާ އިލްމުވެރިންގެ ގުޅުމުން އެދިއްޖެއެވެ.
ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއޭ) ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެހުންނެވި، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާންއަށް އިލްމުވެރިންގެ ގުޅުމުން މިއަދު ފޮނުވި ސިޓީއެއްގައި ބުނީ، ގުރުއާނަކީ އިސްލާމީ އުއްމަތުގެ ދުސްތޫރުކަމުގައި ވެފައި، އޭގެ އިލްމާއި ހުނަރު އުނގަންނައިދިނުމަކީ އެންމެހާ މުސްލިމު ފަރުދުންގެ އިތުރުން، ކޮންމެ އިސްލާމީ ދައުލަތެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށެވެ. އަދި އެކަމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމުގެ ޒިންމާއަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ކޮނޑުގައި އެޅިފައިވާ އިސް ވާޖިބެއް ކަމަށެވެ.
ގުރުއާނަކީ އިސްލާމުންގެ އެންމެ މުގައްދަސް ތަރިކަ ކަމަށްވެފައި، އެތަރިކައާ މެދު މިގައުމުގައި އިހާނެތިކޮށް ހިތިގެން ދިއުމަކީ، އަދި ހާއްސަކޮށް މަސްއޫލުވެރި ފަރާތްތަކުގެ ކިބައިން އެފަދަ ކަންކަން ފެނުމަކީ އެއްވެސް ރައްޔިތަކަށް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުންޏެވެ.
ނަމަވެސް ހިތާމަޔަކީ ގުރުއާނަށް އަހައްމިއްޔަތުކަން އިތުރުކުރުމުގެ ގޮތުން އެސްއެސްސީ އިންފެށިގެން ގުރުއާން މާއްދާގެ ވަކި އިމްތިހާނެއް ދެވި، އޭގެ ނަތީޖާ ހިމަނައިގެން މެނުވީ އެއްވެސް ދަރިވަރަކަށް އެންމެ މަތީ ރަންވަނަތަކަށް ވާސިލު ނުވެވޭ ގޮތަށް ވޭތުވެދިޔަ ތަނުގައި ސަރުކާރުން އުފައްދަވާފައިވާ ސިޔާސަތު އޮތްގޮތަށް އޮއްވައި، 2020 ވަނަ އަހަރު ގުރޭޑު 10 ގައި ކިޔަވާ ދަރިވަރުންނަށް އެސްއެސްސީއީ(ސީ) ގުރުއާން އިމްތިހާން މަޖުބޫރު އިމްތިހާނެއްގެ ގޮތުގައި ނުބޭއްވުމުގެ ވިސްނުމުގައި ބަޔަކު މަސައްކަތް ކުރި ކަމަށެވެ.
އިލްމުވެރިންގެ ގުޅުމުން ބުނީ، 400 ވަރަކަށް ބެލެނިވެރިންގެ ޕެޓިޝަނެއްގެ މައްޗަށް ބިނާކޮށްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން 2020 ވަނަ އަހަރު ގުރުއާން އިމްތިހާން ކެންސަލްކުރުމަށް މަސައްކަތްކުރި ކަމަށެވެ. އަދި ބުނީ، ގުރުއާން ޓެސްޓު ލުއިކުރުމުގެ ނަމުގައި ވިޔަސް އެންމެ އަހަރަކަށް ނަމަވެސް އެސްއެސްސީގެ ގުރުއާން ޓެސްޓު ކެންސަލްކޮށްފި ނަމަ، އޭގެ ސަބަބުން ވަރަށް ބޮޑެތި ނޭދެވޭ އަސަރު ދަރިވަރުންގެ ގުރުއާން ކިޔެވުމަށް ކުރާނެ ކަމަށެވެ. އަދި އެކަމުގެ ނޭދެވޭ އަސަރު ގުރުއާން މުދައްރިސުންނާއި ގުރުއާން ކިޔަވައިދެއްވާ އާއްމު ރައްޔިތުންގެ މަރުކަޒުތަކަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. އެކަންކަން ފާހަގަކޮށް 1000 މީހުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ޕެޓިޝަނެއް ހުށަހަޅާފައިވާނެކަމަށް އިލްމުވެރިންގެ ގުޅުމުން ބުންޏެވެ.
ޕެޓިޝަން ކޮމިޓީގައި، އެ މައްސަލައިގެ މަޝްވަރާ ކުރަމުން އަންނައިރު މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޝްވަރާ ކުރަމުން އަންނަ ވަގުތު އެތަނުގައި ތިބިމުގެ ފުރުސަތު ދިނުމަށް އެދި އިލްމުވެރިން އެދިފައިވިޔަސް އެ ފުރުސަތު ދީފައިނުވާކަމަށް އިލްމުވެރިންގެ ގުޅުމުން ބުންޏެވެ.
އޭގެ ފަހުން، ކީސްޓޭޖް ހަތަރެއްގެ މުގައްރަރާ އެއް ފެންވަރަކަށް ދަރިވަރުން ތައްޔާރު ކުރެވެންދެން ކަމަށް ބުނެ، ޑީޕީއޭއިން ކަނޑައަޅާފައިވާ އިމްތިހާނުކުރުމުގެ އުސޫލަށް އަމަލުކުރުން ފަސްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމާފައިވާކަން އެ މިނިސްޓްރީން ހާމަކުރެއްވުމުގެ ސަބަބުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ދަރިވަރުންނަށް ގުރުއާން އިމްތިހާނު ހެދުމުގެ ފުރުސަތު ލިބިފައިނުވާކަމަށް އިލްމުވެރިންގެ ގުޅުމުން ބުންޏެވެ.
މިއަހަރު ވެސް ކަންތައް އޮތީ އެގޮތަށް ކަމަށްވުމުން އެސްއެސްސީ އިމްތިހާނުގައި ގުރުއާން މާއްދާ ނުހިމެނުގެ ފުރުސަތު އޮތުމުން އެކަން ބަދަލުކޮށް ގުރުއާން މާއްދާ ދަރިވަރުންގެ ހައްގުގައި ބާއްވައި ދިނުމަށް އިލްމުވެރިންގެ ގުޅުމުން ވަނީ އެދިފައެވެ.
މީގެ އިތުރުން އިލްމުވެރިންގެ ގުޅުމުން ބުނީ، މިއަހަރު އެސްއެސްސީ އިމްތިހާނުގައި ގުރުއާން މާއްދާގެ އިމްތިހާނު ނުބާއްވަން ނިންމަވާފައިވާނަމަ އެކަން ހާމަކޮށް، އިމްތިހާނު ބޭއްވުމަށް ހުރި ހުރަސްތަކާއި އެކަންކަން ހައްލު ކުރުމަށް ބެހޭ ގޮތުން މަޝްވަރާކުރުމަށް ޑީޕީއޭގެ އިސްވެރިންނާއި އިލްމުވެރިންގެ ގުޅުމުން މެމްބަރުންނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު