މިވާހަކަ އެހެންމީހުންނާ ހިއްސާ ކުރުމަށް މިހާ ދުވަސް ހޭދަވީ ރަޝީދާދައްތައާއި ފާތިމާޒަހުރާ އާ ކޮންމެވެސް އެއް ގޮތަކަށް ދިމާވޭތޯ މަސައްކަތް ކުރުމުގައި އުޅުނީތީއެވެ. ވަރަށް މަސައްކަތުން އެތައް ގޮތަކަށް ހިތްވަރުކޮށްގެންވެސް މިވީ ދެތިން އަހަރުދުވަހުގެ މަސައްކަތް ވީ ނާކާމިޔާބެވެ. އެހެންނަމަވެސް މީގެ ދެއަހަރު ކުރިން 2018ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހު ފަހު ފަހަރަށް ރަޝީދާދައްތަގެ އަޑުއިވުނެވެ. އެއީ ރަޝީދާދައްތައާ ވާހަކަ ދެއްކުނު އެންމެ ފަހު ފަހަރެވެ. ފާތިމާޒަހުރާ ނުވަތަ ލަތާބީބީއާ އެންމެ ފަހުން ވާހަކަދެއްކުނީ 2018ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
މިދެ އަންހެނުންނާއި އެންމެ ފުރަތަމަ ބައްދަލުވީ މީގެ އަހަރުތަކެއް ކުރިން، 'ބޭރުގެ ގައުމުތަކަށް ފައިސާ' ފޮނުވާ ތަނެއްގައި ވަޒީފާގައި އުޅުނު ދުވަސްވަރުއެވެ. މިދެއަންހެނުންނަށް ފައިސާ ފޮނުވަން އަންނަ ދެވަން ފުރައިން މައްޗަށްދާ ކަޅުހެދުން އެޅި އަންހެނެކެވެ. މަހަކު ދެފަހަރު ކަހަލަ ގޮތަކަށް އާދެއެވެ. މަޑުމަޑުން މިއަންހެންމީހާއާ ވަރަށް އެކުވެރިވެވިއްޖެއެވެ. އެމީހާ ފައިސާ ފޮނުވަނީ އާއިލާގެ ބަޔަކަށް ނޫންކަން އެނގުނަސް ހީކުރެވިފައި އޮތީ އެއީ އާއިލާ މީހުންނަށް ފައިސާ ފޯރުކޮށްދޭ ދެމީހުންކަމަށެވެ. ހައިރާންވެ ތުބަށް އިނގިލި އަރާ ވަރުގެ އެ ވާހަކަ އަޑު އިވުނީ ށ.ފޮނަދޫއަށް އުފަން، މާލޭގައި ދިރިއުޅޭތާ ތިރީސް އަހަރުވެފައި އިން، ފަންސާހަކަށް އަހަރުގެ އާރިފާ ޔައުގޫބު، އިންޑިޔާގެ މަހާރަޝްތުރާއަށް މަހަކު އެއްފަހަރު ފައިސާ ފޮނުވާތާ، އަހަރެއްވަރުވީ ފަހުންނެވެ.
އާރިފާގެ ވާހަކަ އިވުމުން އޭނާ ފައިސާ ފޮނުވާ ދެއަންހެނުންނާ ބައްދަލުވެލުމުގެ ޖޯޝު ހިތާއި ސިކުނޑީގައި ހިނގައިގަތެވެ. އެހެންކަމުން އާރިފާ ގާތު އެވާހަކަ ބުނީމެވެ. އޭގެ ދެތިން ދުވަސްފަހުން ވަޒީފާއިން ވަކިވީ މާކުރިންވެސް ނިންމާފައި އޮތްގޮތަކަށް ވާތީއެވެ. ދަރިފުޅަކު ލިބެން އުޅޭތީ، ވަރަށް ބަލިވާތީ ގިނަ ވަގުތު އޮންނަނީ އޮށޯވެގެންނެވެ. އާރިފާ ހަފުތާއަކު ދެފަހަރަކު ކަހަލަ ގޮތަކަށް ބައްދަލުވާން އާދެއެވެ. އެންމެ ފަހުން އެދެއަންހެނުންނާއި ފޯނުން ގުޅައި އެކުވެރި ކޮށްދީބަލާށޭ ބުނެވިއްޖެއެވެ. ހީކުރި ގޮތާއި ހިލާފަށް ޖެހިގެން އައި ދުވަހު އެދެމީހުންގެ ތެރެއިން ރަޝީދާބޭގަމްއާ 'އީމޯ'އިން ގުޅިއްޖެއެވެ. އަދި ހަމަ އަނެއް ދުވަހު ފާތިމާޒަހުރާއާ ވެސް ވާހަކަ ދެއްކިއްޖެއެވެ.
އުމުރުގެ ފަސްދޮޅަހުގެ އަހަރުތައް ގުނަމުން އަންނަ ރަޝީދާބޭގަމްގެ ދެއަންހެންދަރިންނާއި މާމަދަރިފުޅު އަދި ދަނބިދަރިފުޅުވެސް ވަރަށް ރައްޓެހިވިއެވެ. ފާތިމާޒަހުރާގެ ދަރިފުޅު އިންނަނީ މިސްރުގައެވެ. މާސްޓާސްގެ ފަހު އަހަރުގަ ކިޔަވަނީއެވެ. ހައިރާންވާވަރުގެ އަނެއް ކަމަކަށް ދިމާވީ ދެއަންހެނުުންގެވެސް ފިރިއަކު ނެތީމައެވެ. އެހެންނަމަވެސް ދެއަންހެނުންގެ ކައިވެނި ކުރެވިފައިވާކަމާއި ހުވަފަތް ނުވާކަން ޔަގީންވެއެވެ.
ތައާރަފުވެ ވާހަކަ ދެކެވެން ފެށި ފުރަތަމަ ދުވަހުވެސް ރަޝީދާބޭގަމް އެދުނީ ބޮޑުކަމަކުއެވެ. އެއީ ވަސިއްޔަތެއް ކަމަށް ބުނެފައެވެ. އާރިފާއަށްވެސް އޭނާ އެވަސިއްޔަތް ކޮށްފައިވާނެ ވާހަކަ ބުނުމުން އަވަހަށް އެއީ ކޮން ކަމެއްތޯ އަހާލީމެވެ.
"ކޮންމެވެސް ސިފައެއްގަ ދިވެހިރާއްޖޭގެ މީހުންނަށް އަހަރެމެންގެ ވާހަކަ ކިޔައިދޭންވީ. ނޫހުގަ ޖެހިޔަސް ހެޔޮ. ނޫނީ ފިލްމު ޑުރާމާއަކުން ވިޔަސް އެހެންމީހުންނަށް އަހަރެމެން ރާއްޖޭގައި އަހަރެމެން އުޅުނު ހާލާއި، އަހަރެމެންނާއެކު ރާއްޖޭގެ ޖަލުގައި ދިވެހި ޒުވާނުންތަކެއް އެބަތިބިކަން ހަނދާންކޮށްދޭންވީ. މީހުން ޖަލޭ ބުނީމަ ދެކޭ ގޮތް ބަދަލުވާނީ އެނގިގެން. އެއީ އޮންނަ ތަނެއްކަން ނޭނގޭއިރު އެތަނާއިމެދު ބިރުވެރި އަދި ވަރަށް ނުބައި މީހުން ތިބޭތަނެއްގެ ގޮތުގަ ސިފަ ކުރާ ތަނެއްވީމަ، މިވާހަކަ ކޮންމެވެސް ގޮތަކަށް ބުނެދީ ހޭލުންތެރިކުރުވަބަލަ. ހެޔޮނުވާނެ."
ކަމަކީ ބޮޑުކަމެކެވެ. ތަންކޮޅެއް ކުރިން މިދެއަންހެނުންގެ މައްޗަށް ބިނާކޮށް ވާހަކައެއްވެސް ލިޔަން ފެށީމެވެ. އެހެންނަމަވެސް ދިގު ވާހަކައެއްކަމުން ބައެއް ކަހަލަ ތަފުސީލުތައް ލިޔުމުގައި ދަތިހުރަސްތަކެއް ހުރުމުން ކުރިއަށް ނުގެންދެވުނީއެވެ.
ސިޔާސީ ޕޯޑިއަމެއްގައި އެފަދަ ވާހަކައެއް ކީއްކުރަން ހެއްޔެވެ. އެއްވެސް ވާހަކައެއްދެއްކުމަކީ ކުރެވޭނޭ ކުރާނެކަމެއް ނޫންކަމުން އެގޮތުންވެސް އޮތީ އެދައްތަމެންގެ އެ އެދުން ފުއްދައި ނުދެވިފައެވެ.
މިއީ އިންޑިޔާގެ ފަގީރު އަވަށެއްގެ ދެއަންހެނެއްގެ ވާހަކައެވެ. ދަރިންގެ މުސްތަގުބަލަށްޓަކައި ފައިސާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ބަޔަކު ކުރި ވިޔަފާރިއެއްގެ ދަލުގައި ޖެހި ރާއްޖޭގެ ޖަލަށް 'އުމުރަށް' ކުރި ހުކުމް ތަންފީޒު ކުރަން ޖެހުނު ދެއަންހެނެއްގެ ވާހަކައެވެ. މީގެ ތެރެއިން ރަޝީދާބޭގަމަކީ ދިވެހިރާއްޖޭގެ ކ.ދޫނިދޫގައި އަށްމަސްދުވަހަށްފަހު މާފުށީ ޖަލަށް ބަދަލުކޮށް އެޖަލުގައި ދިހަ އަހަރުވުމަށްފަހު އެނބުރި ގައުމަށް ދެވުނު އަންހެނެކެވެ. އަނެއް އަންހެންމީހާ، ލަތާބީބީ، އޭނާގެ އިން ހަމައެކަނި އަންހެން ދަރިފުޅުގެ ތައުލީމީ ހަޔާތަށްޓަކައި ފައިސާ ހޯދުމަށް އެއްބަސްވީ އޭނާއާ ހަވާލު ކުރެވޭ ބެޑްޝީޓުތަކާއި ބާލީހު އުރަތަކުގެ ސްޓޮކު ރާއްޖޭގެ ފަސްގަނޑާއި ހަމައަށް ގެނެސްދޭނެކަމަށެވެ. ފަސްމަސްދުވަހު ދޫނިދޫޖަލުގައި އޮތުމަށްފަހު 'އުމުރަށް' ހުކުމްކޮށްގެން މާފުށްޓަށް ބަދަލުކުރި ދުވަސްވަރު ޖަލުގެ ހާލަތު އޮތީ ވަރަށް ތިޔާގިކޮށް ނަމަވެސް، ލަތާބީބީއަށް އެއީ ދުނިޔެމަތީގައި ނަރަކައެވެ. އެހެންނަމަވެސް ރަޝީދާދައްތައާއި އާރިފާދައްތަ އަދި އެތަނުން ބައްދަލުވި ހަދީޖާ އަލީ، ނަޒާހާ ކަހަލަ މަދުބައެއްގެ ސަބަބުން، ލަތާބީބީ ރާއްޖޭގެ ޖަލުގައި ހޭދަކުރި ހަމައެންމެ އަހަރަކާއި ހަމަސްދުވަހުގެ މުއްދަތުގައި ހަމައެކަނި "ފާތިމާޒަހުރާ"އަށް ވީއެއް ނޫނެވެ. އޭނާ ގުރުއާނުގެ ހަމަތަކާއި ގަވާއިދުތަކަށް ކިޔަވަން ދަސްކޮށް ނަމާދުގެ ހުރިހާ އެއްޗެއް ދަސްކުރިއެވެ. އަދި ރޯދަމަހުގެ ހުރިހާ ރޯދައެއް ހިފުމާއެކު ސޮދަގާތްވެސް ދިނެވެ.
ހަމައެހެންމެ މިއީ ޖަލުގައި ދުވަސް ހޭދަކުރަމުން އަންނަ ދިވެހި ދަރިންތަކެއްގެ ވާހަކަވެސްމެއެވެ. ކުށްވެރިންވިޔަސް އެއީވެސް އިންސާނުންނެވެ. ހަމަ ދިވެހިންނެވެ. ކޮންމެވެސް އެއްދުވަހަކުން އެނބުރި މުޖުތަމައަށް ނުކުމެވިދާނެ ކަމުގެ އުއްމީދުގައި މަސްތަކާއި އަހަރުތައް ގުނަމުން އަންނަ މީހުންނެވެ. ކޮންމެވެސް މީހެއްގެ ދަރިއެކެވެ. ކޮންމެވެސް މީހެއްގެ ބޭބެއެއް ނުވަތަ ދައްތައެއް ނުވަތަ ކޮއްކޮއެކެވެ. ކޮންމެވެސް މީހެއްގެ މަންމައެއް ނުވަތަ ބައްޕައެކެވެ. އަދި ކޮންމެވެސް މީހެއްގެ އަނތްބެއް ނުވަތަ ފިރިއެކެވެ. ހަމަޔަގީނުންވެސް އަޅުގަނޑުމެންގެ ދިވެހި އަހެކެވެ. ނުވަތަ އުހުތެކެވެ.
ރަޝީދާބޭގަމަކީ އޭރުވެސް މުސްލިމެކެވެ. އެހެންނަމަވެސް 'ނަމޫނާ' ސައްތައިން ސައްތަ މުސްލިމުގައުމެއްގެ ނަމުން މަޝްހޫރުވެފައިވާ ރާއްޖޭގެ ޖަލުތަކުން އޭނާއަށް ފެނުނީ މުސްލިމުންވެސް އުޅޭ ގޮތްތަކާއި ތަފާތު ގޮތްތަކަށް އުޅޭ ބަޔަކާއި އިންސާނިއްޔަތުކަމުގެ ނަންވެސް ނުދަންނަ ހަރުކަށި ހަރަކާތްތަކެކެވެ.
ރަޝީދާ ކިޔައިދިން ގޮތުގައި 2003ވަނަ އަހަރު އޭނަ ޖަލަށް ގެންދިޔައިރު ތަނުގައި ތިބި މީހުންނާއި ޑިއުޓީ ކުރަން ތިބޭ މީހުންވެސް ވަރަށް ރަނގަޅެވެ. އެހެންނަމަވެސް އެއީ އަންހެނުން ތިބޭ ބައި ބަލަހައްޓަން ތިބޭ ދެވަން ފުރައިގެ މީހުން އެކަންޏެވެ. އޭގެ އިތުރަށް ދެން އޭނާއަށް ފެންނަނީ ސިފައިންނެވެ. އެއްވެސް ރަހުމެއް، އިންސާނިއްޔަތުކަމެއް އަމުދުން ނުހުންނަ ބައެކެވެ. ފަތިހު ހަތަރެއް ޖަހާއިރަށް ބޭރު ފެންސުތަކުގައި، އެމީހުންގެ ދަނޑިބުރި ދެކޮޅަށް ތަޅަމުން ދަމަމުން ބާރުބާރަށް ގޮވާނެއެވެ. ތަފާތު ވަލުޖަނަވާރުތަކަށް ކިޔާނަންތަކުން ގޮވަމުން އަޑުގެ ކޮޅަށް ހަޅޭއްލަވާ ކަމަށްވެސް ބުނެއެވެ. ބަންގި ގޮވާއިރު ތިބެން ޖެހެނީ މިސްކިތުގައެވެ. މިސްކިތުން ފައިބައިގެން އެބަޔަކު ނިދާ އެނދު ފޮޅާ ތަންމަތި އަޅާ ތަން ކުނިކަހާ ސާފު ކުރެއެވެ. ބައެއް މީހުން މިސްކިތުން ފައިބައިގެން ދާގޮތަށް އެނދަށް އަރައި އޮށޯވެ ނިދައެވެ. ދެބަޔަކަށް ބަހާފައި ހުންނަ އެފްވަން އާއި އެފްޓޫގައި ޖުމްލަ ފަސްދޮޅަކަށް އަންހެނުން ތިބިއިރު، ބައެއް މީހުންގެ އެކެއް، އަދި އަނެއްބައިމީހުންގެ އެކަކަށްވުރެ ގިނައިން ދަރިންވެސް މިތަނުގައި ގެންގުޅުނެވެ. ކާން ލިބޭ ކާއެއްޗެއްސާއި ބޯން ލިބޭ ބުއިންތަކުގައި ދޭ ރަހައެއް ދެނެގަންނާކަށް ބޭނުމެއް ނުވެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް އާކޯޅުމެއް ނުވަތަ ޒުވާބެއް ތަޅާފޮޅުމެއް ހިނގާނެއެވެ. އިރުއަރައިގެން ދުވަހުގެ ގަޑިތައް ހިނގައިގަތުމާއެކު ބައިބަޔަށް އެކި ރޭވުންތަކުގައި ހޭލަމޭލަވެގަނެއެވެ. ފޯނު ގެންގުޅޭ މީހުން އޭގެ ބެޓެރީ ޗާޖު ކުރުމުގައާއި ރައްކާކޮށްފައި ހުންނަ ތަންތަނުން އެތަކެތި ނެގުމާއި އެތަންތަނަށް އެތަކެތި ލުމުގައި ހެނދުނު ހޭލީއްސުރެ ރޭގަނޑު ނިދަން ވަންދެން އުޅޭ މީހުންގެ މިމަސައްކަތުން ދަރިންނާއި މައިންބަފައިންގެ އިތުރުން ފިރިންނާއި ގާތް އެކުވެރިންނާ ގުޅާ ވާހަކަ ދެއްކެއެވެ. ސަރުކާރުން މަހުގެ 15އިން 15އަށް ދޭ ދެފޯންކޯލުން އާއިލާއާ ގުޅުން ބަދަހި ކުރެވޭނީ ކިހިނެއް ހެއްޔެވެ. އެއީ ހަތް މިނިޓްގެ ކޯލަކަށް ވާއިރު ކަމެއް ދިމާވެގެން އެވާހަކަ ދައްކަންވެސް އެކޯލު ނަގާފައި އޮވެއްޖެނަމަ އިތުރަށް އަނެއްކާވެސް އަނެއް މަސް އަންނަންދެން ފޯނުކޯލެއް ނުލިބޭނެއެވެ. އެހެންކަމުން ތަނުގައި ހަރުކަށިކަމާއެކު މަނާކޮށްފައި އޮންނައިރުވެސް ފޯނުގެ ބޭނުން ކޮންމެ މީހަކަށްވެސް ކުރެވެއެވެ. ކޮންމެ ތަނެއްގައިވެސް ހެވާއި ނުބައި ރަނގަޅާއި ނުރަނގަޅު އޮންނަ ގޮތަށް ޖަލުގައިވެސް ވަރަށް ރަނގަޅު މީހުންނާއި ވަރަށް ވިޔާނުދާ މީހުންވެސް ތިބެއެވެ
.
އުމުރުގެ ޖަލު ހުކުމަކީ މިނިވަން ވުމުގެ އުއްމީދެއް ނެތް އެއްޗެކެވެ. ފުރަތަމަ ދުވަހުއްސުރެވެސް ރަޝީދާއަށް ހުރިހާ ގައިދީންވެސް ވަރަށް ހެވެވެ. ބޭރު މީހަކަށްވާތީ ފައިސާގެ ދަތިތަކާ ކުރިމަތިލާން ޖެހޭނެތީވެ، ކޮންމެ މީހަކުވެސް އެމީހެއްގެ ވަރުން ރަޝީދާއަށް އެހީވެއެވެ. ރަޝީދާއަށް ހުކުމް ތަންފީޒުކުރަން ޖެހުނީ ޖަލުތަކުގެ ބިރުވެރި ސިލްސިލާގެ އެންމެ ފާހަގަ ކޮށްލެވޭ އަހަރުތަކުގެ ތެރޭގައެވެ. ރަޝީދާ ކިޔައިދިން ގޮތުގައި އަދިވެސް އޭނާގެ ކަންފަތަށް އީވާން ނަސީމުގެ މަރާއިބެހޭ ގޮތުން ހަދައިގެން ގައިދީން ކިޔައި އުޅުނު ލަވަ މިހާރުވެސް އިވޭހެން ހީވެއެވެ. ސުނާމީގައި ގައިދީންނަށް ގޮޅިތަކުގެ ދޮރު ހުޅުވަދިނުމުގެ ބަދަލުގައި ޑިއުޓީން އެމީހުންގެ ސަލާމަތަށް އަދައިގެން ދުވެ އުޅުނު މަންޒަރުވެސް އޭނާއަށް ވަރަށް ރީއްޗަށް ސިފަވެއެވެ.
"މާފުށްޓަށް އައި ތޫފާނީ ރޭގެ އަސަރު ހިތުގާވެއޭ މަރުގެ ހާދިސާ ރަމްޒުކޮށްލީ ތަނުގާވީ ގާނޫނޭ ، އެކަމާ ދެކޮޅުވި ދިވެހިންގެ ގަޔަށް ބަޑި ޖަހަމުންނޭ ދުވަންފެށީ، ފެނުނު މިމަންޒަރު ހަމަލޮލަށް....."
ރަޝީދާ ކިޔައިދިން ގޮތުގައި އީވާން ނަސީމާ ބެހޭ ގޮތުން އެއްބަޔަކު ދެއްކި ވާހަކަތަކުން އެއީ އެހާ ރަނގަޅު މީހެއް ނޫނެވެ. އެހެންނަމަވެސް ރަޝީދާ ދެކޭ ގޮތުގައި ކިތަންމެ ވިޔާނުދާވިޔަސް އެމީހަކަށް އެހާ ބޮޑު ވޭނެއް ދިނުމަކީ ހުއްދަ ކަމެއް ނޫނެވެ. އެހެނީ ޝަޒާ ދެއްވާނީ ހަމައެކަނި ހެއްދެވި ފަރާތުންނެވެ. އެއްވެސް އިންސާނަކަށް އަނެއް އިންސާނަކަށް އަނިޔާކޮށް އަދަބުދިނުމުގެ ހުއްދައެއް ނޯވެއެވެ.
އަހަރުތައް ވޭތުވަމުން ގޮސް އެފްވަން އެފްޓޫގެ ޒަމާން ބަދަލުވެއްޖެއެވެ. އޮސްޓްރޭލިއާގެ ޖަލުތަކުން ތަމްރީނު ލިބިގެން އައި އޮފިސަރުންގެ އަތްމައްޗަށް، އެލް ބިލްޑިންގުގެ ގޮޅިތަކަށް ހުރިހާ އަންހެން ގައިދީން ބަދަލުކޮށް ތަނަށް ވަރަށް ބައިވަރު ބަދަލުތައް އަންނަން ފެށިއެވެ. ވަޒީފާ ލިބެން ފެށިއެވެ. މުސާރަ ދޭން ފެށިއެވެ. ކުޅިވަރު ކުޅުން ފަދަ ކަންތައް ތައާރަފުވެ އަމިއްލަ ނަމުގައި ޓީވީ އާއި ރޭޑިޔޯ ގަނެވެން ފެށިއެވެ. އެންމެ ދެތިން ޖުމުލައިން މިހެން ބުނިކަމުގައިވިޔަސް މިއީ ދިގު ތިންހަތަރު އަހަރުގެ ދިގު ދުވަސްތަކެއްގެ ތެރޭގައި ވަމުން ދިޔަ ކަންތަކެވެ. އަދި މިއީ އެތައް ބައިވަރު ވޭން އުފުލަން ޖެހޭ ހާދިސާތަކާއި އެތައް ރިހުންތަކެއްވެސް ހިމެނޭ އަހަރުތަކެއްގެ މަސައްކަތުގެ ނަތީޖާގެ ވާހަކައެވެ. ގާނޫނާއި ހިލާފު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހަދައި، އެއީ ކޮންފަދަ ނަތީޖާއެއް އޮތް ކަމެއްކަން އެނގުނީމަ އެހެން ހައްގުތައް ހޯދުމަށް ގޮޅިން ބޭރުގައި އޮށޯވެ ތިބުމާއި، ޕެޓިޝަންތައް ހުށަހެޅުމާއި ފުލުފުލުން ވިދިވިދިގެން ލިޔުނު އަދަދެއް ނެތް ސިޓީތަކާއި ކްލެމެންސީފޯމު ޕެރޯލް ފޯމުފަދަ މާފުފޯމުތަކުގެ ވާހަކައެވެ.
ހަމައެހެންމެ މިހުރިހާ ހަޅުތާލަކާއި ހުރިހާ ހައްގުތަކަށް އެދިގެން ކުރަމުންދިޔަ ފިނިހަނގުރާމައިގެ ތެރެއިން، މިއަހަރުތަކުގެ ތެރޭގައި އެންމެ އުފާވެރިކަމަކަށްވީ ރަޝީދާގެ ދަރިންނަށް އޭނާގެ ހަބަރު ލިބިގެން، އެމީހުން އޭނާއާ ބައްދަލުވާން އަންނަން ފެށިކަމެވެ. ދަރިފުޅުމެނާ ބައްދަލުވެ އެކުދިންގެ ހާލު ރަނގަޅު ކަމާއި އޭނާ ޖަލުގޮޅިއެއްގައި ނިކަމެތި ހާލުގައި އުޅެމުން ވަމުން އަންނަ ގުރުބާނީގެ އަގު ކިތަންމެހާވެސް ރަނގަޅަށް ފުރިހަމައަށް ލިބެމުން އަންނަކަން އެނގުމުން އޭނާއަށް އެތައް އަހަރަކުއްސުރެ ނުލިބިގެން އުޅުނު ހިތްހަމަޖެހުން ލިބި އޭނާގެ ހުރިހާ ރިހުންތަކެއް ފިލައިދިޔަކަހަލައެވެ.
2016 ވަނައަހަރުގައި ރަޝީދާއަށް އަމިއްލަ ގައުމުގެ އަމިއްލަ އަވަށުގެ އަންހެނަކާއެކު އުޅޭނެ ފުރުސަތު ލިބުނެވެ. ލަތާބީބީގެ ގައިގައި ސިސްޓުތަކެއް ހުރުމުން އޭނަ އުޅުނީ ވަރަށް ހާލުގައެވެ. ރަޝީދާ ލަތާއަށް ވަރަށް ނަސޭހަތް ދީގެންވެސް ލަތާ ގަބޫލު ނުވި ކަމަށް އެއްބަސްވި ހަދީޖާކިޔާ ތަންކޮޅެއް ރަނގަޅަށް ދީނީ ކަންތައް އެނގޭ އަންހެނަކު ކިޔައިދިން ވާހަކައަކަށްފަހުގައެވެ. އެހިސާބުން ލަތާ މަސައްކަތްކުރަމުން ގޮސް ބުދުދީން މުޅިން ދޫކޮށް އިސްލާމްދީނަށް ވަދެ، އޭނާގެ ނަން ފާތިމާޒަހުރާއަށް ބަދަލުކުރިއެވެ.
އޭރު މުޅި ޖަލަށްވެސް އޮތީ ވަރަށް ބޮޑެތި ބަދަލުތައް އައިސްފައެވެ. ގައިދީންގެ ބަދަލުގައި އިންމޭޓްސްގެ ނަމުން ގޮވާލާއިރު ހަރުކަށި ގަވާއިދުތަކަކާއެކު ކުލާސްތަކަކާއި ފޭސްތަކެއް ކުރިއަށްދާން ފަށައިފިއެވެ. ބައެއް ކަހަލަ އާދަތަކަށް ގައިދީންނަށް ދެވޭ ވަގުތުތައް މަދުވާން ފެށިއެވެ. ޖަލުގައި ތިބެ ގަބުވެގެން ހަލާކުވެގެން ދިއުމަށް އޮންނަ ބޮޑު ފުރުސަތު ހަނިކުރުމަށް އިލްމީ އަލިކަމެއް އެތަނަށް ގެނައުމަށް ޖަލަށް ދިޔައިއްސުރެ މަސައްކަތްކުރި ހައެއްކަ ގައިދީން ތިބިކަމަށް ރަޝީދާވެސް އަދި ލަތާވެސް ފާހަގަކުރިއެވެ. "ނަޒާހާއާއި ރިޝްމާ އާއި އަފްސާނާ، ޝަންމާ، ހައްޖަ، މައިޝާ.." ފާހަގަކޮށް ތަކުރާރުކޮށް މިހަ ނަން އެމީހުން ކިޔެވެ.
އަދި އަދަށް ދާނދެންވެސް ނަޒާހާ ވީ ޖަލުގައެވެ. އެހެންނަމަވެސް ރަޝީދާމެން ބުނި ގޮތުންނަމަ، ކޮންމެފަދަ ކުށެއްކޮށްގެން ދިޔަކަމުގައިވިޔަސް އެއްތަނެއްގައި، އެއްކަމެއް އިހުސާސްކުރަންޏާ އެއީ އެއްބައެކެވެ. ނަޒާހާ އެކިގޮތްގޮތަށް މަސައްކަތްކުރަމުން ގޮސް ކާމިޔާބު ކުރީ އަސާސީ ތައުލީމު ލިބޭނެ މަގު ޖަލުގައި އޮތުމަށާއި ފޮތް ލިބޭނެމަގު ފަހިކުރުމަށެވެ. އަދި މައުލޫމާތާއި އިލްމުގެ އަލި ލިބިގެން މީހާ ކޮށިވެ ގާވެ ހިލައަކަށްވުމުގެ ބަދަލުގައި ޖަލުން ނުކުންނައިރު، ހޭލުންތެރި ލޯހުޅުވިފައި ހުރި މީހަކަށްވުމަށެވެ. އެތައް އަހަރެއް ވަންދެން ބަންދެއްގައި ހުރަގޭގައި ތިބުމަށްފަހު އެނބުރި މުޖުތަމައަށް އަންނައިރު، މުޖުތަމައު އެތައް އަހަރެއް ކުރީގައި، އަދި ޖަލުން ނުކުތް މީހާ، އެތައް އަހަރެއް ފަހަތުގައި ހުންނަން ނުޖެހޭނެ ގޮތް ހެދުމަށް ގައިދީން ކުރި މަސައްކަތް ކޮންމެވެސް އެއްސިފައެއްގައި އެވަނީ ކާމިޔާބުވެފައެވެ. އެކަމުގައި އެތައް ބަޔަކު ބައިވެރިވެ މަސައްކަތްކުރިއެވެ. އެގޮތުން އޭލެވެލް ހަދާފައި ތިބުމާއެކުވެސް ނަޒާހާމެންގެ ހަތަރުވަރަކަށް ގައިދީން ޖަލުގައި އޯލެވެލްގެ ބިންގާ އެޅުމަށް އިސްލާމާއި އިނގިރޭސި ހިސާބު އަދި ދިވެހީގެ ކިޔެވުން ފެއްޓުމަށް ބާރު އަޅައި އެކަން ފެށިއެވެ. އަދި މިހާތަނަށް އައިއިރު ޖަލުގެ ގައިދީން ވަނީ ދެފަހަރެއްގެ މަތިން އޯލެވެލް އިމްތިހާނުގައި ބައިވެރިވެސްވެފައެވެ. ހަމައެހެންމެ ތަފާތު ކޯސްތައް ހަދައި އެކޯސްތަކުން ގަދަފަދަ ފުރިހަމަ ރަންވަނަތަކެއް ހާސިލުކޮށް، އެނބުރި މުޖުތަމައަށް އައުމަށްފަހުވެސް އެކޯސްތަކުގެ ބާކީބައި ކިޔެވުމަށްފަހު އަމަލީ މައިދާނުގައި ފައިތިލަ ސާބިތުކޮށްފައިވާ މީހުންވެސް އެބަތިއްބެވެ. މިސްރުފަދަ ތަންތަނުން ކޯސްހަދައިގެން އައިސް ބޮޑެތި ޝެއިހުންނާއި ގާރީވެރިންނާއި ހާފިޒުންނާ އެއްސަފެއްގައި އެބަތިއްބެވެ. ހައިޑްރޮފޮނިކްސްއާއި ހޭންޑިކްރާފްޓު ފަދަ ކަންތަކުން ކޯސްތައް ހަދައި އެފަދަ މަސައްކަތް ކުރާ އަމިއްލަ ވޯކްޝޮޕްތައް އެމީހުންގެ އެބަހުއްޓެވެ.
ރަޝީދާއާއި ފާތިމާޒަހުރާއެކޭ އެއްގޮތަށް ބިދޭސީން، ކްލެމެންސީ އާއި އަދިވެސް އެހެނިހެން މަގުތަކުން، އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލި ބިދޭސީންގެ ތެރޭގައި ތައިލެންޑުގެ ބެންކޮކަށް ނިސްބަތްވާ ސާރާޑުވަންގސީބުއާންގ، މިހާރުގެ ނަމުންނަމަ، ސާރާވަސީމާޑުއަންގްސީބުއަންގް، އަކީވެސް ކ.މާފުށީ ޖަލުގައި އެތައް އަހަރެއް ވަންދެން އުޅުނުއިރު އަތްތެރި މަސައްކަތްކުރުމުގެ ކޯސް ހިންގުމަށް އެހީތެރިއަކަށްވި، ހުނަރުވެރި، އަދި އޭނާގެ ކުރީގެ ދީން ބަދަލުކޮށް މުސްލިމެއްގެ ގޮތުގައި އެނބުރި ގައުމަށް، ދިޔަ މީހެކެވެ. މިފަދަ ކިތަންމެ ފިރިހެނުންނެއްވެސް އެބަތިއްބެވެ. އަންހެންވިޔަސް ފިރިހެންވިޔަސް އަމިއްލަ ގައުމުން ބޭރުގައި، ޖަލެއްގައި އުމުރުގެ ތިންބައިކުޅަ އެއްބައި ހޭދަކޮށްލާފައި ދާއިރު އޭނާއާއެކުގައި ފަހަރެއްގައިވެސް ފިލައިނުދާނެ އެތައް ހަނދާނެއް ދާނެކަން ހަމަގައިމުވެސް ޔަގީނެވެ. އަދި އޭނާގެ ހަޔާތުގެ އެތައް ކަމަކަށް ބަދަލުތަކެއް ގެނައި ތަނަކަށް ވެސް އެތަންވާނެކަން ޔަގީނެވެ.
ދާދިފަހުން ޔޫޓިއުބުން އާންމުކޮށްލި ދުނިޔޭގެ އެންމެ ހަރުކަށި ވަރުގަދަ ޖަލުތަކުގެ ވީޑިޔޯއެއްގައި އަންހެންޖަލުގެ ކަންތައްތަކާއި ގައިދީންގެ ހަރަކާތްތަކާއި ކަންތައްތައް ދައްކާލިއިރު، ނަޒާހާގެ މަންޒަރުތަކަކާއި ބަސްދީގަތުމެއްގެ މަންޒަރުތަކެއް ފެނުނެވެ. ރަޝީދާއާއި ފާތިމާޒަހުރާގެ ނުހަނުބޮޑު ވަސިއްޔަތެއް ފަދަ އެދުމެއް ފުރިހަމަކޮށްދިނުމަށް ލިޔުނު މިލިޔުމުގެ ސައްހަކަން ހާމަވާ އެވީޑިޔޯ ފެނުމުން ހިތަށް އެރިއެވެ.
"ތެދެކެވެ. ހުރަގެއަކަސް، އެތަނެއްގައި ހަޔާތުގެ ބައެއް ހޭދަކުރުމަށްފަހު، ހަނދާންތަކެއް ހިތަކުން ސިކުނޑިއަކުން ފިލައިދިއުމެއް ނެތޭ އެބުނަނީ ހާދަބޮޑު ތެދެކެވެ. ހަނދާން ކުރުމާއި ހަނދާން ވުމުގެ ފަރަގު ބޮޑެވެ. މިއީ ދެބައިވެސް ހިމެނޭނެ ކަމެކެވެ. ހަނދާން ނުކުރިއަސް ހަނދާންވާނެއެވެ. އަދި ހަނދާން ކުރަން ބޭނުން ނުވިޔަސް ހަނދާން ކުރަންޖެހޭ ފަހަރުވެސް އަންނާނެއެވެ."
މިފަދަ ކިތަންމެ ރަޝީދާއަކާއި ފާތިމާޒަހުރާއެއް އުޅޭނެއެވެ. ސީދާ ހެޔޮމަގާއި ކަތިނުބައި މަގުވެސް ހިޔާރުކުރާނެ މީހުން ތިބޭނެއެވެ. އެއީ ދުނިޔޭގެ އާދަވީމަ ކަން ހިނގާ އުސޫލުން ހިނގާ ކަންތައްތަކެއް ވީމައެވެ. ކުށްކުރާ ހުރިހާ ފަހަރަކީ ފަޅާ އަރާނެ ފަހަރެއް ނޫނެވެ. އަދި އަދަބުލިބޭ އެންމެނަކީ ބަދުނަސީބުވެރިންނެއްވެސް ނޫނެވެ. ކުށުގެ ތެރޭގައި ތައުބާގެ އަލިކަމުގެ ނަސީބު ނުލިބި ތިބީ ކިތައްކިތައް މީހުން ހެއްޔެވެ؟ އެކަމަކު ތައުބާގެ މަގު ފަހިވެގެން ކުރެވުނު ކުށުން ބަރީއަވާ މީހާއަކީ ބަދުނަސީބުވެރިއެކޭ ބުނެވެން އެބައޮތްބާވައެވެ. ހަމައެހެންމެ ކުށްކުރާ ކޮންމެ ފަހަރަކު ތައުބާވުމަށް ފަޟީހަތްވާކަށްވެސް ނުޖެހެއެވެ. ތިމާއަށް ކުށެއް ކުރެވުނުކަން އިހުސާސްވާ ހިސާބުން އަވަހަށް އެކަމަކުން ސަލާމަތްވެ ހެޔޮމީހަކަށް ވެގަންނާށެވެ. އެހެނީ ފުރުސަތުތަކެއް އަބަދަކު ނުލިބޭނެތީއެވެ.
ބުއްދިވެރިންނަކީ ތިމާގެ ތަޖުރިބާއިން އިބުރަތް ލިބިގަތުމުގެ ބަދަލުގައި އަނެކުންގެ ތަޖުރިބާއިން އިބުރަތް ލިބިގަނެ އޭގެ ބޭނުންވެސް ހިފާ މީހުންނެވެ. ހިތްހަމަޖެހުމާއި ކާމިޔާބު އޮތީ އެގޮތުގައެވެ. އަދި ބޭކާރު ވަގުތުތަކެއް ހަޔާތުން ވޭތިކޮށްނުލައި ކުރިއަށް ދެވޭނީވެސް އޭރުންނެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް