ފާމަސީތަކުގައި ހުންނަން ޖެހޭ އަސާސީ ބޭސްތަކުގެ ލިސްޓު ހެލްތު މިނިސްޓްރީން އާންމުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނުގައި ވަނީ އަސާސީ ބޭސްތަކުގެ ލިސްޓުގައި 202 ބޭހެއް ހިމަނައި ކެޓަގަރީތަކަށް ބަހައިފައެވެ.
އެގޮތުން އެލިސްޓުގައި ނޫކުލައިން ފާހަގަކޮށްފައިވާ ބޭސްތަކަކީ ރަޖިސްޓްރީކޮށް ހިންގާ ހުރިހާ ރީޓެއިލް ފާމަސީތަކުގައި ބެހެއްޓުން ލާޒިމުވާ ބޭސްތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ލިސްޓުގައި ނޫކުލައިން ފާހަގަކޮށްފައިވާ ބޭސްތަކާއި ލިސްޓުގައި ފެހިކުލައިން ފާހަގަކޮށްފައިވާ ބޭސްތަކަކީ އަތޮޅާއި ރީޖަނަލް ހޮސްޕިޓަލް އަދި ޓާޝަރީ ލެވެލްގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ހުންނަ ހުރިހާ ފާމަސީއެއްގައި ބެހެއްޓުން ލާޒިމުވާ ބޭސްތަކެވެ.
ހެލްތު މިނިސްޓްރީން ބުނީ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ޓާޝަރީ ހިދުމަތްފޯރުކޮށްދޭ ހޮސްޕިޓަލުތަކުގެ ތެރޭގައި ހިންގާ ފާމަސީތަކުގައި ބެހެއްޓުން ލާޒިމުވާނެ ކަމަށެވެ.
ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ ފާމަސީތަކުގައި ލިސްޓުގައި ކެޓަގަރީތަކުގައިވާ ގޮތުގެ މަތިން އަސާސީ ބޭސްތައް މެދު ކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހެލްތު މިނިސްޓްރީން ވަނީ ފާމަސީތަކައް އަންގައިފައެވެ.
އަސާސީ ބޭސް ފާމަސީތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި ކޮންމެ ތިން މަހަކުން އެއްމަހު ފާމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ބާކީ ހުރިވަރު އެނގޭ ގޮތަށް ހެލްތް މިނިސްޓްރީއަށް ލިޔުމެއް ހުށަހަޅަން ޖެހޭނެކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މިއަދު އާންމުކުރި ލިސްޓުގައިވާ ބޭސްތައް، ސިޓީއާ އެކުގައި ދޫކުރާ ބޭހާއި ސިޓީއަކާ ނުލައި ދޫކުރާ ބޭސްތައް ފާމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އެ ފާމަސީއަކަށް ލިބިގެންވާކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކޮށް ވިއްކާ ހުރިހާ އަސާސީ ބޭސްތައް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރިޓެއިލް ޕްރައިޒް (އެމްއާރުޕީ) ތަންފީޒުކުރަން ވަނީ މިނިސްޓްރީން ނިންމައިފައެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ބޭހުގެ އަގު ކޮންޓްރޯލް ކުރާއިރު، ރާއްޖެ އެތެރެކޮށް ވިއްކާ ހުރިހާ ބޭހަކަށް، އެމްއާރުޕީ ތަންފީޒު ކުރާނީ 1 ޖުލައި 2022 އިން ފެށިގެންނެވެ.
އެމްއާރުޕީ ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުން, އެމްއާރުޕީ ކަނޑައެޅުމުގައި ބޭހުގެ ކޮސްޓް ޕްރައިސް އަގަށް އެންމެ ގިނަވެގެން އިތުރު ކުރެވޭނީ 100 ޕަސެންޓުގެ މާކްއަޕެކެވެ.