ދުނިޔެއިން ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ތެރެއިން ރާއްޖޭގައި ހިމެނޭ އެފަދަ ދިރޭ ތަކެތި ދެނެގަނެ، ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ފުރަތަމަ ފަހަރަށް ނެޝަނަލް ރެޑް ލިސްޓެއްް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވާރްމަންޓް އިން މިއަދު އިފްތިތާހް ކޮށްފި އެވެ.
އެންވާރްމަންޓް މިނިސްޓްރީން ބުނީ މިއަދު ފެށިގެންދާ ނެޝަނަލް ރެޑް ލިސްޓް އެކުލަވާލުމުގެ މަސައްކަަތަކީ ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑާއި މެނޭޖްމަންޓް ޕްލޭންތައް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގައި ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކާއި އެތަކެއްޗަށް ކުރިމަތިވެފައިވާ ނުރައްކާތައް ދެނެގަނެ އެ ދިރުންތައް ގިންތި ކުރުމުގެ މަސައްކަތް ކަމަށެވެ.
މިހާތަނަށް ރެކޯޑް ކުރެވިފައިވާ ގޮތުަގައި ރާއްޖޭގައި 280 އަށްވުރެ ގިނަ ބާވަތުގެ މުރަކަ އާއި 1200 އަށްވުރެ ގިނަ ބާވަތުގެ މަސް އުޅެއެވެ. އަދި 40 އަށްވުރެ ގިނަ ބާވަތުގެ މިޔަރާއި މަޑި އުޅޭއިރު 20 ބާވަތެއްގެ ކޯމަހާއި ފެހުރިހި އަދި ފަސް ބާވަތެއްގެ ވެލާ އުޅެއެވެ. މީގެ އިތުރުންވެސް 200 އަށް ވުރެ ގިނަ ބާވަތުގެ ދޫނި އަދި 580 ބާވަތެއްގެ ގަސް ހިމެނޭއިރު އޭގެ ތެރޭގައި 15 ބާވަތެއްގެ މެންގްރޫވް ހިމެނެއެވެ.
އެންވާރްމަންޓް މިނިސްޓްރީން ބުނީ ގިނަ ގައުމުތަކުން އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ރެޑްލިސްޓާ އެއްގޮތަށް އަމަލުކުރަމުން ދިޔަ ނަމަވެސް ރާއްޖޭގައި މިފަދަ ލިސްޓެއް މިހާތަނަށް އެކުލަވާލެވިފައި ނުވާ ކަމަށެވެ. އަދި މި ލިސްޓް އެކުލަވާލުމަށް، ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރާއި އައިޔޫސީއެން އާ ގުޅިގެން ކުރިއަށް ގެންދާ "ރިޖެނެރޭޓް" ޕްރޮޖެކްޓްގެ އެހީތެރިކަމުގެ ދަށުން ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށާއި އެ ކޮމިޓީގެ ލަފާގެ ދަށުން ތިން ބާވަތެއްގެ ދިރޭ ތަކެތި އެސެސްކުރުމަށް ވޯކިން ގްރޫޕްތަކެއް އެކުަލަވާލައިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ތިން ވޯކިން ގްރޫޕުގެ ތެރޭގައި ހިމެނެނީ ވެލާ ކަހަނބުގެ ބާވަތްތަށް އެސެސް ކުރާ ގްރޫޕަކާއި، މެންގްރޫވް އެސެސް ކުރާ ގްރޫޕެއްގެ އިތުރުން މުރަކައިގެ ބާވަތްތަށް އެސެސް ކުރާ ގްރޫޕެކެވެ. އަދި އެ ތިން ވޯކިން ގްރޫޕުގެ ދަށުން އެކުލަވާލައިފައިވާ ޓީމް ތަކުން ކުރި މަސައްކަތުން މިހާތަނަށް ރާއްޖޭގައި އުޅޭ ފަސް ބާވަތެއްގެ ވެލާ ކަހަނބު އެސެސްކޮށް ނިމިފައިވާ ކަމަށާއި މެންގްރޫވް އަދި މުރަކައިގެ އެސެސްމެންޓް ކުރިއަށްދިޔަ ވަރު ނެޝަނަލް ރެޑް ލިސްޓް އިފްތިތިތާހު ކުރާއިރު ހާމަކޮށް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިރުކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެެ. އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ގިންތި ތަކާއި އެތަކެތި ގިންތި ކުރުމަށް ބޭނުންކުރާ އައިޔޫސީއެންގެ އުސޫލުތަކުގެ އިތުރުން އިތުރު ބާވަތްތަކުގެ ދިރޭތަކެތި ގިންތި ކުރެވޭ މިންވަރަކުން މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިރުކުރަމުންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު