އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސް ކައިރިން ހޯދީ އުނދަގޫ މޮޅެކެވެ. ގޯލެއް ނުޖެހި ޗެލްސީން ގިނަ އިރުތަކެއް ވަންދެން މާޔޫސްކޮށް ފެނުނު އިރު، އެޓީމަށް ތިން ޕޮއިންޓް ލިބުނީ މެޗުގެ 89 ވަނަ މިނެޓުގައި ހަކިމް ޒިޔެޗް ޖެހި ހަމައެކަނި ގޯލުންނެވެ. ގޯލަށް އެސިސްޓް ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް މާކަސް އެލޯންސޯއެވެ.
މެޗުގައި ޗެލްސީގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ހާއްސަކޮށް ފޯވަޑް ލައިންގައި ތިބި ރޮމެލޫ ލުކާކޫ ފަދަ ކުޅުންތެރިންނަށް ޕެލެސްގެ ގޯލަށް ނުރައްކާވެސް ކުރެވިފައެއް ނުވެއެވެ. ޗެލްސީ ކޯޗު ތޯމަސް ޓުޗެލް ޗެލްސީއާ ހަވާލުވި ފަހުން ރަނގަޅު ފޯމެއްގައި ކުޅެ، އަހަރެއް ތެރޭ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވީ ނަމަވެސް، ފަހަކަށް އައިސް ޗެލްސީ ފެންނަމުން ދަނީ އެންމެ ރަނގަޅު ފޯމުގައެއް ނޫނެވެ. އެޓީމަށް ޕްރިމިއާ ލީގުގައިވެސް ގިނަ ޕޮއިންޓްތަކެއް ގެއްލި މިހާރު އޮތީ ތިންވަނައަށް ސޮއްސާލައިފައެވެ.
އެ ފޯމާ ގުޅިގެން ރޭގެ މެޗަށްފަހު ޓުޗެލް ބުނީ، ކުޅުންތެރިންނަށް މިދިޔަ ހަފުތާ ވެގެން ދިޔައީ އުނދަގޫ ހަފުތާއަކަށް ކަމަށާއި ޑުބާއީގައި އޮތް ކްލަބު ވޯލްޑަ ކަޕް ކާމިޔާބު ކުރުމަށްފަހު އެނބުރި އައިސް އަދި ޓީމަށް އެންމެ އެކަށޭނެ ރެސްޓް ނުލިބޭ ކަމަށެވެ.
"ހަމަޖެހިލަން އެބަ ޖެހޭ ޓީމު. މިއީ އުނދަގޫ ހަފުތާތަކުގައި ފެންނާނެ ކުޅުން. އަހަރެމެން މި އައީ 30 ޑިގްރީ ސެލްޝިއަސްގެ ހޫނު މިނެއްގައި އުޅެފައި. އިންގްލެންޑަށް އައި ފްލައިޓުގެ އޭސީ ފިނި ބޮޑުވެގެން ރޯގާ ޖެހިފައިވެސް ހަތަރު ކުޅުންތެރިން އެބަތިބި. އަބޫ ޑާބީން އައި ގޮތަށް ތަމްރީނު ކުރި ނަމަވެސް ޖެޓް ލެގް ވެފައި ތިބި ކުޅުންތެރިން އެބަތިބި. އެއީ ކުޅުންތެރިން ރަނގަޅަށް ނުނިދާވެސް ތިބުމުން. ހޫނު މިނަށް އައި ބަދަލަށް އެޖަސްޓްވެސް ނުވެވި މިއީ އުނދަގޫ މެޗެއް،" ޓުޗެލް މެޗަށް ފަހު ބުންޏެވެ.
ޗެލްސީން މިދިޔަ ހަފުތާ ތެރޭގައި ފީފާ ކްލަބު ވޯލްޑް ކަޕް ކާމިޔާބުކުރި އިރު، އެ މުބާރާތުގައި ހަތަރު ދުވަސް ތެރޭ ޗެލްސީ ވަނީ ޕްރެޝަރު ދެމެޗު ކުޅެފައެވެ. ފައިނަލް އިތުރު ވަގުތަށް ގޮސް ޗެލްސީން ކާމިޔާބުކުރި އިރު، ޓުޗެލް ބުނީ އެ މުބާރަތުގެ ޕްރެޝަރު ބޮޑުވުމުން ކުޅުންތެރިންނަށް އޭގެ އަސަރު ކުރި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ހަފުތާއަށް ރަނގަޅަށް ޓީމު ތައްޔާރުވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
ޗެލްސީން ދެން މެޗެއް ކުޅެން ޖެހޭނީ މި ހަފުތާ ބުދަ ދުވަހުގެ ރޭގައެވެ. އެ މެޗަކީ ޗެމްޕިއަންސް ލީގު ގަދަ 16ގެ ފުރަތަމަ ލެގުގައި ލިލްއާ ދެކޮޅަށް ހޯމްގައި ކުޅޭ މެޗެވެ. އޭގެ ފަހުން ދެން ޗެލްސީން ކުޅޭނީ ކަރަބޯއާ ކަޕްގެ ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު