ޚަބަރު

"އެންއެފްޓީ" އަކަށް އެހެންމީހެއްގެ ފޮޓޯއެއް ހުއްދަނެތި ބޭނުންކުރި ދިވެއްސަކު ހޫނުފެނަށް

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖޭގެ އާޓިސްޓުންތަކެއްގެ ކުރެހުންތަކެއް އެ އާޓިސްޓުންގެ ހުއްދައަކާ ނުލައި "އެންއެފްޓީ" ނުވަތަ ނޮން ފަންޖިބަލް ޓޯކެން ތަކަކަށް ހަދައިގެން ވިއްކާ މައްސަލައެއް ފެންމަތިވެ އެކަން ކުރި ދިވެއްސަކު ހޫނުފެނަށް ވެއްޓިއްޖެއެވެ.

އެންއެފްޓީ ނުވަތަ ނޮން ފަންޖިބަލް ޓޯކެންސް އަކީ ކްރިޕްޓޯގްރެފިކް ކޮންޓެންޓް ތަކެކެވެ. މިފަދަ ކޮންޓެންޓް ގޮތުގައި ތަފާތު ކުރެހުންތައް ބޭނުން ކުރާއިރު މި ކުރެހުންތައް އެންއެފްޓީގެ ގޮތުގައި ބްލޮކްޗެއިންއެއްގެ ތެރެއިން ގަނެ ވިއްކޭނެއެވެ. އެންއެފްޓީ ގަނެ ވިއްކުމުގެ ވިޔަފާރީގައި ބޭނުންކުރާނީ ކްރިޕްޓޯ ކަރަންސީއެވެ. މިއީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ކުރިއަރައި، ވައިގައި ހިފާފައިވާ ކަމެކެވެ.

މި މައްސަލަ ފެންމަތިވެ ޓުވިޓާގައި އެކަން ކުށްވެރިކޮށް އެތައް ބަޔަކު އަޑުއުފުލަން ފަށާފައިވާއިރު ޓުވިޓާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ދިވެހި އާޓިސްޓުންތަކެއްގެ އެތައް ކުރެހުންތަކެއް އެންއެފްޓީ އަށް ހަދައިގެން އެކިފަރާތްތަކުން އެންއެފްޓީ ވިއްކާ ޕްލެޓްފޯމެއް ކަމަށްވާ "އޯޕަންސީ" ގައި ބިޑް އުސޫލުން ވިއްކަން ވަނީ ޖަހާފައެވެ. މީގެ ތެރެއިން އެއް އެންއެފްޓީ އަގު ދެ މިލިއަން ޑޮލަރަށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ.

މީގެ ތެރޭގައި ދިވެހި އާޓިސްޓެއް ކަމަށްވާ އަލީ ރިޝްވާން ގެ ކުރެހުންތަކެއްވެސް ވަނީ ވިއްކަން ޖަހަފާއެވެ. ރިޝްވާން "ވަން" އަށް ކިޔައިދިން ގޮތުގައި އޭނާގެ ކުރެހުންތައް އެންއެފްޓީގެ ގޮތުގައި ވިއްކުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައެއްނުވާނެއެވެ. ނަމަވެސް ރިޝްވާން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރެހި ކުރެހުމެއް އެންއެފްޓީއަކަށް ހަދައިގެން ވިއްކަން ޖަހާފައި ހުއްޓާ ފެނުމުން އޭނާއަށް ވެސް ލިބުނީ ހައިރާންކަމެއް ކަމަށާއި ވަގުތުން އެކަން ކުރި ފަރާތަށް މެސެޖުކޮށް އޭނާގެ ކުރެހުން އެ ޕްލެޓްފޯމުން ނަގަން ބުނެފައިވާނެ ކަމަށް ރިޝްވާން ބުންޏެވެ.

ރިޝްވާން ކިޔައިދިން ގޮތުގައި އޭނާގެ ކުރެހުން އެންއެފްޓީއެއް ގޮތަށް ބޭނުންކޮށްފައިވަނީ ޝާރިފް މުހައްމަދު ކިޔާ މީހެކެވެ. އަދި ޝާރިފް އެ ކުރެހުން ސޯޝަލް މީޑިއާގައި ބޭނުން ކޮށްފައި ހުރުމުން އެކަމާ ޝާރިފަށް މެސެޖްކޮށް އޭނާގެ ކުރެހުންތައް ބޭނުން ނުކުރަން ކުރިންވެސް އަންގާފައިވާނެ ކަމަށާއި އެފަހުން އެންއެފްޓީ އަކަށް ރިޝްވާންގެ ކުރެހުން ބޭނުން ކޮށްފައި ހުއްޓާ ފެނުމުން އެކަމާ ސުވާލުކުރުމުން، "ރަނގަޅެއް ނޫންހޭ ކުރެހުން ޕްރޮމޯޓްވާނެ ނޫންހޭ" ޝާރިފް ބުނިކަމަށް ރިޝްވާން ކިޔައިދިނެވެ.

އޭނާ އެކަން ކުރީ އެކަމުން ނަފާ ހޯދަން ނޫން ކަމަށާއި ހަމައެކަނި އެ ފޮޓޯ ޕޯސްޓް ކޮށްލީކަމަށް ބުނި ކަމަށާއި ފަހުން އޭނާގެ އެކައުންޓް ހެކްވެފައިވާ ކަމަށް ޝާރިފް ބުނެފައިވާ ކަމަށް ރިޝްވާން ބުންޏެވެ. ރިޝްވާން ވަނީ މި މައްސަލައާ ގުޅިގެން ޝާރިފް އަށް ކުރި މެސެޖްތައް "ވަން" އާ ހިއްސާވެސް ކޮށްފައެވެ.

ރިޝްވާން ބުނީ އެއްވެސް އާޓިސްޓެއްގެ ކުރެހުންތަކެއް އެއްވެސް ހާލަތެއްގައި އޭގެ ވެރިފަރާތުގެ ހުއްދަ ނެތި ބޭނުން ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށާއި ކުރެހުންތައް ބޭނުންކޮށްގެން އެހެން ފަރާތަކުން ނަފާ ހޯދުމަކީ ވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. އަދި ސަރުކާރުން މިފަދަ ކަންތައްތައް ހުއްޓުވުމަށް ހަރުދަނާ ގާނޫނުތަކެއް އެކުލަވާލައި އާޓިސްޓުންގެ ހައްގުތައް ރައްކާތެރިކޮށްދޭން ޖެހޭ ކަމަށް ރިޝްވާން ބުންޏެވެ.

މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން އިސްމާއިލް ނާއިލް ރަޝީދު "ވަން" އަށް ވިދާޅުވީ މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެކަން ކުރި ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރުމުގެ ފުރުސަތު އެ ކުރެހުންތަކުގެ އަސްލު ވެރިންނަށް އެބައޮތް ކަމަށާއި، އެކަމުގައި މިނިސްޓްރީން ދެވެން އޮތް ޓެކްނިކަލް ހުރިހާ އެހީތެރިކަމަށް ފޯރުކޮށްދޭނެ ކަމަށް ނާއިލް ވިދާޅުވިއެވެ.

ނާއިލް ވިދާޅުވީ "ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު" އަކީ 2010 ވަނަ އަހަރުގައި ހެދިފައި އޮތް ގާނޫނެއް ކަމުން އެ ގާނޫނަށް ބޮޑުތަނުން އިސްލާހު ގެންނަން ޖެހޭ ކަމަށާއި، އެކަމުގެ މަސައްކަތް މިނިސްޓްރީން މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ކުރިންވެސް ފެންމަތިވެފައިވާތީ އެ ގާނޫނު ވަރުގަދަކުރުމަށް އާޓިސްޓުންނާވެސް މަޝްވަރާތައް ކުރަމުން އަންނަކަމަށާއި ގާނޫނަށް އިސްލާހު ގެންނަން މި އަހަރުގެ ތެރޭގައި މިނިސްޓްރީން ހުށަހަޅަން ނިންމާފައިވާ ކަމަށް ނާއިލް ވިދާޅުވިއެވެ.